ދެކުނު ކޮރެޔާ ސަރުކާރުން އެގައުުމް އެންމެންގެ އުމުރު 2 އަހަރު ހަގު ކޮށްދީފި
ދެންމެ | 01 ޖުލައި 2023

ދެކުނުކޮރެއާގައި އުމުރު ގުނާ ގޮތަށް މިއަދު ގެނައި ބަދަލަކާއި ގުޅިގެން އެގައުމުގެ ރައްޔިތުންގެ އުމުރު އަހަރެއް ނުވަތަ ދެއަހަރު ހަގުވެއްޖެކަމަށް އަލްޖަޒީރާ ނޫހުން ބުނެފިއެވެ.

ދެކުނުކޮރެއާގެ ސަރުކާރުން މިއަދު މިގެނައި ބަދަލުގެ ދަށުން އެގައުމުގައި ދެން އުމުރުގުނާނީ ، ގަދީމު ޒަމާނުގައި އެގައުމުގެ ރައްޔިތުންގެ އުމުރު ގުނިގޮތުގެ ބަދަލުގައި ބައިނަލްއަގްވާމީ މިންގަނޑާއި އެއްގޮތަށެވެ.

މިހާތަނަށް ދެކުނުކޮރެއާގައި ރައްޔިތުންގެ އުމުރު ގުނަމުން އައި ގަދީމު ޒަމާނުގެ ތަރީގާގައި ، އުމުރު ގުނާ ގޮތަކީ އުފަންވާ ވަގުތުން ފެށިގެން އެމީހަކީ އުމުރުން އެއްއަހަރުވެފައިވާ މީހެއްގެ ގޮތުގައި ބަލައިގެންނެވެ. އަދި ކޮންމެ ޖެނުއަރީ އެއްވަނަ ދުވަހެއްގައި ކޮންމެ މީހެއްގެ އުމުރަށް އަހަރެއް އެއްކުރަމުންދެއެވެ. ޖެނުއަރީ އެކެއްގައި އެއްކުރާ އަހަރަކީ އެމީހެއްގެ އުފަންދުވަހަށް ބަލައިގެން އެއްކުރާ އަހަރެއް ނޫނެވެ.

ބައިނަލްއަގްވާމީ މިންގަނޑުގައި އުމުރު ގުނަނީ އުފަންވާ ވަގުތަކީ ސުންވަގުތުކަމަށް ބަލައިގެން އެވަގުތުގެ އިތުރަށް ހިނގާ ކޮންމެ އަހަރަކީ އުމުރަށް އިތުރުވާ އަހަރެއްކަމަށް ބަލައިގެންނެވެ.

މިގެނައި ބަދަލާއި ގުޅިގެން ، މިއަދުން ފެށިގެން ގާނޫނީ އަދި އިދާރީ ހުރިހާ ލިޔެކިޔުމެއްގައި ރައްޔިތުންގެ އުމުރު ލިޔަމުންދާނީ ބައިނަލްއަގްވާމީ މިންގަނޑާއި އެއްގޮތަށްކަމަށް ދެކުނުކޮރެއާގެ ސަރުކާރުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!