ރައީސް އިބުރޭ ބޭނުން ވަނީ މަޖިލީސް ރިޔާސަތުން ނަސީދު ހޫރާލަން: ތަރުޖަމާން
ދެންމެ | 09 ޖޫން 2023

އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތާއީދުކުރައްވާކަމަށް ސަރުކާރުން ބުނެފިއެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އިއްޔެގެ ވަގުތެއްގައިވަނީ ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ 54 މެންބަރެއްގެ ސޮޔާއެކުއެވެ. އެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުންގެ އިތުރުން އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲއާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމާއި، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ސޮއިކުރައްވާފައިވެއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ނަޝީދު މަޖިިލިސް ހިންގަވަނީ މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ކަމަށާއި، މަޖިލީހުގެ ވަކިވަކި މެންބަރުންނާމެދު ޒާތީ ގޮތުން ޖެހިވަޑައިގެން ތައައްސުބު ގެންގުޅުއްވާކަމަށް ބުނެއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، އެކަމުގައި ރައީސްގެ ވިސްނުންފުޅު ހުރިގޮތާ ގުޅިގެން ނޫސްވެރިޔަކު މިއަދު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ނިންމުންތަކަކީ ރައީސްގެ މަޝްވަރާއާއި ލަފާ އެކުލެވިގެން ނިންމަމުންދާ ނިންމުންތަކެއް ކަމަށެވެ.

އަދި ރައީސް ވަޑައިގަންނަވާނީ ޕާލިމަންޓަރީ ގުރޫޕުގެ އަޣުލަބިއްޔަތާއެކު ކަމަށާއި، މަޖިލީހުގެ އެމްޑީޕީ މެންބަރުންނާ ރައީސް އިބްރާހީމު މަޝްވަރާކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ”ޕާލިމެންޓަރީ ގްރޫޕުގެ މެޖޯރިޓީއާ އެއްކޮށް ރައީސް ވެސް ވަޑައިގަންނަވާނީ. ރައީސްއާ އެބޭފުޅުންނާ މަޝްވަރާވެސް ކުރެވޭ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ހުރިހާ މެންބަރުންނާ ވެސް ރައީސާ މަޝްވަރާކުރެވޭ،“ މިއުވާން ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމުވަނީ މަޖިލީހުގެ ކޮންޓުރޯލު އޮތީ އެމަނިކުފާނުގެ އަތްޕުޅުގައިކަން އިއުލާނުކުރައްވާފައެވެ. އަދި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ނިންމުންތައް ނިންމަވަނީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތަށްކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންވެސް ވިދާޅުވެއެވެ.

ނަޝީދު މަޖިލީހުގެ ރިޔާސަތުން ދުރުކުރަން ހުށަހެޅި ސަބަބުތަކުގެ ތެރެއިން އެއް ސަބަބެއްކަމަށް ފާހަގަކުރީ އެމްޑީޕީން 12 މެންބަރަކު ވަކިވެވަޑައިގަތުމާއެކު މަޖިލީހުގެ ކޮމިޓީތަކަށް ގެންނަން އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ކޮމިޓީ އަލުން އެކުލަވައިލުމުގެ މަސައްކަތް ހުއްޓުވާފައި އޮތުމެވެ.

އަދި މަޖިލީހުގެ ފުރަތަމަ ދަންފަޅި ނިމޭއިރަށް މަޖިލީހުގެ ރިޔާސަތު ދޫކުރައްވައި ނަޝީދު ވަޑައިގަންނަވާއިރު ސަބަބެއް ބަޔާންނުކުރެއްވުމަކީވެސް ރިޔާސަތުން އެމަނިކުފާނު ވަކިކުރުމަށް ބޭނުންވާ ސަބަބުތަކުގެ ތެރޭގައި ފާހަގަކުރި ސަބަބެކެވެ.

އަދި މަޖިލީހުގެ ނިޒާމު ގެއްލުވައިލުމުގައި އިދިކޮޅު މެންބަރުންނަށް ވާގިވެރިވެވަޑައިގަންނަވާ ކަމަށާއި، ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ބަހުސްތަކުގައި ބައިވެރިވެވަޑައިގަތުމާއި، ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޑުޖައްސަވާފައި އޮތުމާއި، ވަކި ފަރާތަކަށް ޖެހިވަޑައިގެން މެންބަރުންނާމެދު ޒާތީ ތައައްސުބު ގެންގުޅުއްވުން ހިމެނެއެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ދުރުކުރަން އެމްޑީޕީން ހުށަހަޅާފައިވާއިރު އެމަނިކުފާނު އެ މަޤާމުން ދުރުކުރުމަށްފަހު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމު އެ މަޤާމަށް ގެނައުމަށް އެމްޑީޕީގެ ބައެއް މެންބަރުން މިހާރުވެސް ކެމްޕޭންކުރައްވަންވަނީ ފައްޓަވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!