ޑީލެއްގެ ދަށުން ރައީސް އިބުރޭ އަލީ ވަހީދަށް ދައުވާ ނުކުރަން ނިންމައިފި
ދެންމެ | 15 ޖޫން 2023

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދެއްވި ޔަގީންކަމާއި އެއްގޮތަށް ކުރީގެ ޓުރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އުފުލާފައިވާ ދައުވާތައް އަލުން އަނބުރާ ގެނެސްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)އިން މިއަދު ބުނީ އަލީ ވަހީދު މިނިސްޓްރީ އޮފް ޓޫރިޒަމްގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ރޭޕްކުރަން އުޅުމާއި ޖިންސީ އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާ 18 ނޮވެމްބަރު 2020 ގައި އެ އޮފީހުން އުފުޅާފައިވާކަމަށެވެ.

ނަމަވެސް އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ދައުވާތަކުގެ އަޑުއެހުންތައް ހިނގަމުން ދަނިކޮށް އަލީ ވަހީދު ދިވެހިރާއްޖެއިން ބޭރަށް ފުރައިގެން ދިއުމަށްފަހު އެނބުރި އައިސްފައިނުވާތީ އޭނާ ކޯޓަށް ހާޒިރުކުރެވޭ ގޮތް ނުވެގެން 22 ސެޕްޓެމްބަރު 2022 ވަނަ ދުވަހު ކޯޓުން މައްސަލަ ޕީޖީ އޮފީހަށް އަނބުރާ ފޮނުވާލާފައިވާކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ ކޯޓުން މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭ ގޮތް ވުމުން އަލުން ހުށަހެޅުމަށްކަމަށާއި އަލީ ވަހީދު ދިވެހިރާއްޖެ އައުމުން އަލުން ހުށަހެޅުމަށް ދަންނަވައި 6 އޮކްޓޫބަރު 2022 ވަނަ ދުވަހު މައްސަލަ އަނބުރާ ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވާފައިވާކަމަށެވެ.

އަދި އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއެކު އޭނާ ފުރައިގެން ދިއުމުން އަލީ ވަހީދު ދިވެހިރާއްޖެ ގެނައުމަށް ޕީޖީ އޮފީހުން އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

 

އެގޮތުން އިންޓަޕޯޓަލް މެދުވެރިކޮށް ނޯޓިސް ނެރެ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓާއި ސްޕްރީމް ކޯޓުގައިވެސް މަސައްކަތް ކޮށްފައިވާކަމަށާއި އަދި އެ މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމުގެ މުހިއްމު ކަމާއި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަ ނުހިންގިއްޖެ ނަމަ އަނިޔާ ލިބުނު މީހުންނާއި ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމުގެ ފުރުސަތު އޮން މިންވަރު ކްރިމިނަލް ކޯޓާިއ ހައިކޯޓާއި ސްޕްރީމް ކޯޓުގައި ފާހަގަކޮށްފައިވާނެކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެ އޮފީހުން ބުނީ މައްސަލަ އަލުން ހުށަހެޅުމަށްޓަކައި ފުލުހުންނަށް އަނބުރާ ފޮނުވާލި ފަހުން މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހްގީގަށް ބަޔާންދީފައިވާ މީހުންގެ މައްސަލަ ކުރިއަށ ގެންދަން ބޭނުންވާކަމަށް ބަޔާންކޮށް ޕީޖީ އޮފީހަށާއި ފުލުހުންނަށް ސިޓީ ފޮނުވާފައިވާކަމަށާއި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅި މުހިއްމު ހެކިން ކުރިން ތަހްގީގަށް ދީފައިވާ ބަޔާން އަނބުރާ ގެންދަން ބޭނުންވާކަމަށް ބުނެ ދިވެހި ފުލުހުންގެ ހިދުމަތަށް ތަކުރާރުކޮށް ސިޓީ ފޮނުވަމުން ގެންދާތީ އެ ހިދުމަތުން މައްސަލަ މުރާޖާ ކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިފައިވާކަމަށެވެ.

އަދި މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިން ޕީޖީ އޮފީހަށާއި ފުލުހުންނަށް ފޮނުވަމުން ދިޔަ ސިޓީތަކާއި ގުޅިގެން އެ އޮފީހުން އެމީހުންނާ ބައްދަލުކޮށް މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ދެކޭ ގޮތް ސާފުކޮށްފައިވާކަމަށާއި އެމީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި އެ އޮފީހުން ދިރާސާކޮށްފައިވާކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ އެ ދިރާސާކުރިއިރު މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށްވެފައި އެ ހެކިންގެ ހެކިބަހާ ނުލާ މައްސަލަ ސާބިތުކުރެވިދާނެ އެއްވެސް މަގެއް ނެތްކަމަށްވާތީ އެ ދައުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމައި އެ މައްސަލައަކީ އަނބުރާ ފޮނުވާފައިވާ މައްސަލައެއްގެ ގޮތުގައި 6 ޖޫން 2023 ގައި އެ އޮފީހުން ކަނޑައަޅާފައިވާކަމަށެވެ.

 

އަލީ ވަހީދަށް ކުރާ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ކޮލިލުމުގެ ރަސްމިއްޔާތަށް މި އަހަރު އިނގިރޭސިވިލާތަށް ވަޑައިގެން އަލީ ވަޙީދާ ބައްދަލުކުރައްވައި، އޭނާގެ މައްޗަށް ކުރެވޭ ގިނަ އަދަދެއްގެ އަންހެނުންނަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ފިޔަވަޅެއް ސަރުކާރުން ދެން ނާޅާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަން އަށް ވަނީ ކަށަވަރު ކުރެވިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!