ހުޅުމާލޭ ބިމުން ދެވޭނީ 700 ގޯތި، ބާކީ ގޯތި ދޭނެ ތަނެއް ބުނެބަލަ: އާޒިމް
ދެންމެ | 30 ޖޫން 2023

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހުޅުވާލި ”ބިންވެރިޔާ ސްކީމް“ ގެ ދަށުން، ހުޅުމާލެއިން މިވަގުތު ދެވެން އޮތީ އެންމެ 700 ގޯތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެކަމާއި ގުޅިގެން މައުލޫމާތު ދެއްވުމަށް އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިންގ މިނިސްޓްރީން ވަނީ ގޯތި ލިބުމުގެ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަން އިއުލާން ކޮށްފައެވެ.

އެކަމާއި ގުޅިގެން ޢާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ވެރިކަން ނިމެން ބާކީ އޮތީ އެންމެ 71 ދުވަސް ކަމަށެވެ. އަދި 5000 ގޯތި ބެހުމަށް ސަރުކާރުން ވައުދުވެފައިވާއިރު, އޭގެ ތެރެއިން، ހުޅުމާލެއިން ދެވެންއޮތީ އެންމެ 700 ގޯތި ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

”އަނެއް 4300 ގޯތި އޮތީ ކޮންތާކުތޯއެވެ. ސާފުކޮށް ރައްޔިތުންނަށް ބުނެދީބަލާށެވެ. ގޯތިލިބިގެން އުފަލުން ރޮވުނު ފަރާތްތައް ތިޔަ އުޅެނީ މޮޔަކޮށްލަންތޯއެވެ.“ އާޒިމް ވިދާޅުވި އެވެ.

ހުޅުމާލޭގެ އިތުރުން ގޯތި ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ތަންތަނުގެ ބިން ހިއްކުމުގެ މަޝްރޫޢު ރަނގަޅަށް ނުފެށެއެވެ. ނަމަވެސް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ބިން ހިއްކުމަށް ހަމަޖެހިފައިވާ ތަންތަނުން ބިން ހިއްކައިގެން ޝަރުތު ހަމަވާ މީހުންނަށް ގޯތި ދޫކުރާނެ ކަމަށެވެ.

”އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިހާރުވެސް ފެށިގެން ކުރިއަށް އެބަދޭ. ގުޅިފަޅު ހިއްކަން މަސައްކަތް، މިހާރު ބަންޑޮސް ޖަހައި، ނިމިފައި. ޑްރެޖަރ މޮބިއުލައިޒް ކޮށްފައި. ޖުލައި ފެށޭ ހިސާބުގައި ހަމަ ބިން ހިއްކުމުގެ މަސައްކަތް ފެށިގެން ބާރަށް ކުރިއަށް ދާނެ. ގޯތި ކަނޑާނެ ތަންތަން އަޅުގަނޑުމެން މެޕްގައި، ޗާޓުގައި ކުރަހާފައި ފާހަގަކޮށްފައި އެބަހުރި. ހަމައެއާއެކު، ހުޅުމާލޭގައި މިވަގުތު، އެވައިލަބަލްވާ ލޭންޑް ތަކުގެ ތެރެއިންވެސް، އަޅުގަނޑުމެން ބިން އެބަ ނަގަން. އަދި އެބައޮތް ހުޅުމާލޭގައި ތަންކޮޅެއް ހިއްކަން ވެސް. އޭގެ ތެރެއިންވެސް ކޮންމެވެސް މިންވަރެއް އަންނާނެ. އެހެންވީމާ މިވަގުތަށް އެވައިލަބަލްކޮށް ހުރި، ލޭންޑާއި، ހިއްކުމުގެ މަރުހަލާގައި، މިހާރު ހުރި ލޭންޑު ތަކާއި، އަދި އިތުރަށް ޕްލޭން ކޮށްފައި ހުރި ތަންތަނުން، އެއާއި އެކީގައި އަޅުގަނޑުމެން މިދެންނެވި، ޖޮއިން ވުމުގެ ފުރުސަތު ހުޅުވާލައިގެން, އަޅުގަނޑު މި ގަބޫލު ކުރަނީ މި 9544 ފަރާތަށް އަޅުގަނޑުމެންނަށް ބިންވެރި ކޮށްދެވޭނެއޭ.“ ގޯތި ދޫކުރުމާއި ގުޅޭ ގޮތުން ވޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!