މިވެރިކަމުގައި ބްރިޖް ނުނިމޭނެ ކަމަށް ރައީސް އިބުރޭ ބުނެފި
ދެންމެ | 03 ޖުލައި 2023

ކ. ގުޅިފަޅުން އިތުރު ބިން ހިއްކަން ފެށުމުގެ ގޮތުން އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ބްރިޖުގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރު ކަމަށާއި އެއަށްފަހު ދެން ކުރަން އޮތް ކަމަކީ އެ ބްރިޖު ގޮސް ގިރާވަރު ފަޅާ ގުޅާލުން ކަމަށެވެ.

”އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް ވެސް ނިމި، ބޭނުންކުރަން ފެށޭނެ، އެއަށްފަހު ދެން ކުރަން އޮތް ކަމަކީ އެ ބްރިޖު ގޮސް ގިރާވަރު ފަޅާ ގުޅާލުން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރާނަން.“ ރައީސް އިބްރާހިމް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެންމެފަހުން ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫއުގެ މަސައްކަތް ވަރަށް ލަހެވެ. އަދި ކުރިން އަންދާޒާކުރި ގޮތަށް މި އަހަރުގެ ތެރޭގައި މާލެ-ވިލިމާލެ އެކަނި ވެސް ގުޅާލާ ނުނިމޭނެ އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅަން ނިންމާފައިވެ އެވެ. އެ ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

އިންޑިއާގެ ލޯނު އެހީގައި ހިންގާ އެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.

ވިލިމާލެ ބްރިޖްގެ މަސައްކަތްތައް ކުރިއަށް ނުދާކަމަށް ގިނަ ބަޔަކު ބުނެއެވެ. އެގޮތުން ބްރިޖްގެ އެންމެ ތަނބެއް ވެސް އަދި މިސަރުކާރަށް ނިންމިފައި ނުވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ސިނަމާލެ ބްރިޖް ނިންމާލީ އެމަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!