ނަންވާނީ މައުމޫނު، އެކަމު ރައީސް އިބުރޭ ކަޑަޖެހުމާއި ގުބޯ ހެއްދުމުގައި ހައްދެއް ސުމާރެއް ނެތް!
ދެންމެ | 06 ސެޕްޓެމްބަރ 2023

މިދުވަސްކޮޅު ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ބަނދަރުހެދުމާއި ބިން ހިއްކުމާއި މަގުހެދުންފަދަ މަޝްރޫއުތައް ހިންގުމަށް އެމްޓީސީސީއާއި ހަވާލުކުރަމުންދާ ކޮންޓްރެކްޓްތަކުގެ އަދަދު ގިނަކަމުން މީހުން ހައިރާންވެދާނެއެވެ.

އެއީ ރައީސުލްޖުމްހޫރިއްޔާގެ އޯގަތެރިކަމާއި ހިންގުންތެރިކަން ހުރިވަރު ދައްކައިދޭ ކަމެއްކަމަށް އެއްބަޔަކު ކިޔާފާނެއެވެ. މިގޮތަށް ސޮއިކުރާ ސޮއިކުރުންތަކާއި އަމަލީ މަސައްކަތް ފަށައިގަތުމުގެ ތަޖުރިބާ މިހާރު އެންމެ ބޮޑަށް ކުރެވިފައި އޮންނާނީ ކޮމަންޑޫގެ ރައްޔިތުންނަށެވެ.

މީގެ ދެއަހަރެއް ކުރިން ކޮމަންޑޫ ދާއިރާގެ ކެމްޕޭނާ ދިމާކޮށް އެރަށުގައި ތަރައްގީގެ މަޝްރޫއުތަކެއް އެމްޓީސީސީ ގެންގޮސްގެން ކުއްލިގޮތަކަށް ސަރުކާރުން ފަށައިގަތުމުން ރައްޔިތުންނަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ބޮޑުތަނުން އިންތިޚާބު ސަރުކާރަށް ކާމިޔާބު ކޮށްދިނެވެ. އިންތީޚާބު ކާމިޔާބުވުމާއެކު ރަށުގެ ގޮނޑުދޮށަށް ރާޅެއްޖަހާލާފައި ދަމައިގަތްގޮތަށް އެމްޓީސީސީގެ އުޅަނދުތައް ރަށުން ބާލައިގެން ގެންގޮސް އެތައް ދުވަހަކު އެހެން އޮއްވައި ރައްޔިތުން ރުޅިއައިސްގެން އަޑުއިފުލަންފެށުމުން ރިޔާސީ އިންތިޚާބާ ދިމާކޮށް މިހާރު އަނެއްކާ އެބައުޅެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އައްޑުއަތޮޅު ތަރައްގީކުރަން 5 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިއެވެ. އެބަޖެޓަށް ވީގޮތެއް ނޭނގެއެވެ. ކުރިކަމެއް ދަންނަ އަތޮޅުގެ ރައްޔިތަކު ނެތެވެ. ރަށުގެ މަގުތައް ހަދަން ފެށީ އިންޑިއާއިން ލޯންނަގައިގެން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށް އިންޑިއާ މީހުން އައްޑުއަތޮޅަށް ގެންގޮސްގެންނެވެ. އެމަސައްކަތްވެސް ދަނީ ފިނިހަކަ ދުވެލީގައެވެ.

މީގެ ފަސްއަހަރުކުރިން ވައުދުވި ކަންކަން ނުނިންމުނެވެ. އެކަން އެހެން އޮއްވާ އަނެއްކާ މަތިމައްޗަށް ވައުދުވެފައި ރަށްރަށުގައި ކުރަން ހުރި ހުރިހާ މަސައްކަތެއް އެއްވެސް ޕްލޭނެއް، ތިމާވެށީގެ ގޮތުން ހަދަންޖެހޭ އެއްވެސް ސާވޭއެއް، އަދި ބަޖެޓްގައި ފައިސާވެސް ކަނޑައެޅިފައިނެތީސް ކުރިއަށް އޮތް ފަންސާހަކަށް އަހަރަށް ދަންދެން ކުރާން ހުރި ހުރިހާކަމެއް އެމްޓީސީސީއާއި ދަނީ ހަވާލުކުރަމުންނެވެ.

މި ހުރިހައި މަޝްރޫއުތަކަކީ އަދި ކަރުދާސް ޕްރޮޖެކްޓްތަކެކެވެ. ކޮޅެއްމެދެއް ފެންނަން ނެތް ޕްރޮޖެކްޓްތަކެކެވެ. އެކަމަކު އިންތިޚާބުގެ މިދުވަސްވަރު ކޮންމެ ދުވަހަކުވެސް ޕްލޭނިން މިނިސްޓްރީއާއި އެންވަޔަރމަންޓް މިނިސްޓްރީގައި ރަސްމިއްޔާތު ބާއްވައި އެމްޓީސީސީއާއެކު އެއްބަސްވުންތަކުގައި ސޮއި ކުރެވެއެވެ. އެރަށްރަށުގެ ރައްޔިތުންނަށް ލިބެނީ އުފާވެރިކަމެކެވެ. ދެން ކޮންމެވެސް ދުވަހަކުން މަސައްކަތް ފަށާނެއެވެ. ކޮންމެ ވެރިޔަކު އައިސްގެން ފެށްޓިޔަސް ފެށުނީމާ އެއީ މިސަރުކާރުން ރާވާފައިވާ ޕްރޮޖެކްޓަކަށް ނޫނީ ނުހެދޭނެއެވެ.

ސަރުކާރުން މިސޮއިކުރާ އެއްބަސްވުންތައް އޭގެ އަސްލު މަންޒަރުން ސިފަކުރާނަމަ ދެވެނީ ނަވާރަ ސަތޭކަ ނުވަދިހައާއި ދެހާހުގެ ކުރީކޮޅު ރައީސް މައުމޫންގެ ސަރުކާރާ ހަމައަށެވެ.

ރައީސް މައުމޫނުގެ ސަރުކާރުން ކުރާ ކަންކަމަށް ޖޯކް ޖަހަން އެދުވަސްވަރު ތަރައްގީގެ މަޝްރޫއެއް ހިންގަން ރާވައި އިއުލާންކޮށްފިނަމަ ކަޑަޖަހަނީކަމަށް ކިޔައި އުޅުނެވެ. ބޮޑަށް އެވާހަކަ ދައްކަނީ ރަށްރަށުގައި ފަޅުފުންކުރަން ޓީމުތައް ގޮސް ފުންކުރާ ސަރަހައްދުގައި ފޫޓްއަޅައި އެ އިންވަކިކުރަން ހަތަރު ކަނުގައި ޖަހާ ކަޑަތަކަށް ނިސްބަތްކޮށެވެ. އަދި އިމާރާތްކުރާ ތަންތަނުގެ ބިންގާ އެޅުމަށެވެ. ކަޑަޖަހާ ގޮތަށް ޚަބަރެއް ނުވެ ބައެއް ފަހަރު ވަރަށް ގިނަ ދުވަސްވެއެވެ. ބިންގާއަޅާފައިވެސް ސަރުކާރުގައި އޭރު ފައިސާ ނެތިގެން މަޑުޖެހިފައި ހުރެއެވެ. މިއަދު ކަންކަން ކުރާގޮތް ކުޑަކޮށް ޒަމާނީވީއެވެ. ބަޖެޓެއް ނެތަސް ޕްލޭނެއް ނެތަސް އަދި އަސްލު ޕްރޮޖެކްޓެއް ނެތަސް އެމްޓީސީސީގެ ވެރިން ގެންގޮސް މޭޒެއްގެ ކައިރީގައި ތިބެގެން ޓީވީ ކެމެރާތައް ކުރިމަތީގައި ފައިލަކަށް ލާފައިއ އޮންނަ ކަރުދާސް ގަނޑެއްގައި ސޮއިކޮށް ސަލާމްގަލާމްކޮށް ނިމުމުން ސަރުކާރުން އެރަށްރަށުގައި މަޝްރޫއު ހިންގަން ކަނޑައެޅުނީއެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޮޓޯ ދެއްކުނީމާ ނިމުނީއެވެ.

އަންނަ ހޮނިހިރު ދުވަހު މިއޮތީ ރިޔާސީ އިންތިޚާބެވެ. އެންމެ ގިނައިން ކަޑަޖެހި ކެންޑިޑޭޓަކަށް ރައްޔިތުން ވޯޓްދެއްވަންޏާ އެންމެ ކުރީގައި ހުންނެވީ ކޮން ކެންޑިޑޭޓެއްތޯއެވެ. އައްޑޫސިޓީއާއި ފުވައްމުލަކާއި ހުވަދުއަތޮޅާއި ހއ ދިއްދުއާއި ހދ ކުޅުދުއްފުށިފަދަ ބޮޑެތި އާބާދީތައް ހިމެނޭތަންތަނުގައި ހިންގަވަން މިދައުރުގައި ވައުދުވެވަޑައިގެންނެވި ކަންކަން ފިނަހަކަ ދުވެލީގައި ދާވާހަކައަކީ އެހެންވާހަކައެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!