ރައީސް އިބުރޭ ހޮވަން، މާތް ރަސޫލާއަށް ނިސްބަތްކޮށް އިމްރާން ބުހުތާން ދޮގު ހެދިކަން ފަޅައި އަރައިފި
ދެންމެ | 13 ޖުލައި 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ކެމްޕެއިނުގައި ނުނިދައި ހޭލައި މަސައްކަތްކުރުމަށް ހިތްވަރުދިނުމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީސް ބަސްފުޅެއްކަމަށް ވިދާޅުވެ ބޭނުންކުރެއްވި އިބާރާތަކީ ޙަދީސެއް ނޫންކަން ހާމަވެއްޖެއެވެ.

ރައީސް އިބްރާހީމުގެ ކެމްޕެއިނުގައި ހޭލާ ތިބުމަށް ހިތްވަރުދިނުމުގެ ގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފާޅުގައި އިސްލާމްދީނަށް ދައުވަތު ދެއްވަން މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އެންގެވުމުން އެކަލޭގެފާނުގެ އަނބިކަނބަލުން މާތްﷲ އެކަމަނާއަށް ރުއްސުންލެއްވި ޚަދީޖަތުގެފާނުގެ އަރިހަށް ވަޑައިގެން، ނިދުމާއި އަރާމުކުރުމުގެ ޒަމާން ފާއިތުވެއްޖެކަމަށް ޙަދީސްކުރެއްވިކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެކަލޭގެފާނު ހަދީސްކުރެއްވިކަމަށް ވިދާޅުވެ ޢަރަބި ބަހުން އިބާރާތެއް ވިދާޅުވިއެވެ.

އެއްވެސް ޙަދީސް ފޮތެއްގައި ނެތް އިބާރާތެއް

ސަލާމާއި ޞަލަވާތް ލެއްވި މާތް ނަބިއްޔާއަށް ނިސްބަތްކުރައްވައި މިބަސްފުޅު ގެންނަވާފައިވަނީ ”ފީ ޡިލާލިލް ޤުރުއާން“ގެ މުއައްލިފު ސައްޔިދު ޤުޠުބެވެ. ސައްޔިދު ޤުޠުބަކީ އިސްލާމީ މުފައްކިރެއް ނަމަވެސް އޭނާއަކީ ދީނީ ޢިލްމު އުނގެނިވަޑައިގެން ހުންނެވި އިލްމުވެރިޔަކަށްނުވާތީ އޭނާގެ މަސައްކަތްޕުޅުގެ ތެރޭގައި ޞައްޙަ ނޫން ގިނަ ޙަދީސްތައް ބޭނުންކުރެއްވިފައި ހުއްޓެވެ.

އެ ސަބަބާ ގުޅިގެން އޭނާގެ ތަފުސީރުގައި ހުރި ޙަދީސްތައް ދިރާސާކުރައްވައި ޢިލްމުވެރިންވަނީ އެ ފޮތުގައި ޙަދީސްގެ ގޮތުގައި ގެނެސްދެއްވާފައިވާ ބަސްފުޅުތަކާ ގުޅޭ ދިރާސާތައް ކުރައްވާފައެވެ. އެ ބަސްފުޅުތަކާ ގުޅޭ އެންމެ ބޮޑު ދިރާސާއެއް ކުރައްވާފައިވާ އެއް ބޭފުޅަކީ ޢަލަވީ އައްސައްޤާފެވެ.

ސައްޔިދު ޤުޠުބުގެ ފޮތުގައި ނަބިއްޔާއަށް ނިސްބަތްކުރައްވައި ގެންނެވި ޢިބާރާތަކީ ”مضى عهد النوم ياخديجة“ އެވެ. މާނައަކީ ”އޭ ޚަދީޖާއެވެ. ނިދިކުރެއްވުމުގެ ދުވަސްތައް މާޒީވެއްޖެއެވެ.“ މި ބަސްފުޅާމެދު ޢަލަވިއްޔުއް ސައްޤާފު ވިދާޅުވެފައިވަނީ ވަރަށް ބޮޑަށް ހޯދައި ބައްލަވައިގެންވެސް އެއްވެސް ޙަދީސް ފޮތަކުން އެ ޙަދީސް ފެނިވަޑައިގެންފައިނުވާތީ، އެއީ ޙަދީސެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ޢިމްރާން ބޭނުންކުރެއްވި އިބާރާތަކީ އެއްވެސް ތަނަކު ނެތް، ޢަރަބި ބަހުގެ ޤަވާއިދަށް ނުފެތޭ ބަހެއް

ސަލާމާއި ޞަލަވާތް ލެއްވުނު ނަބިއްޔާ ޙަދީސްކުރެއްވިަކމަށް ވިދާޅުވެ ޢިމްރާން ބޭނުންކުރެއްވި އިބާރާތާއި ސައްޔިދު ޤުޠުބު ލިޔުއްވާފައިވާ ޢިބާރާތްވެސް ތަފާތެވެ. މާތްﷲ ރުއްސުންލެއްވި ޚަދީޖަތުގެފާނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރެއްވިކަމަށް އިމްރާނު ވިދާޅުވި އިބާރާތަކީ ”يا خديجة لقد إنتهت عهد النوم والراحة“ އެވެ. މާނައެއްކަމަށް ވިދާޅުވީ، ”އޭ ޚަދީޖާއޭ، ނިދުމާއި އަރާމުކުރުމުގެ ޒަމާން ފާއިތުވެ ނިމިއްޖެ“ މިފަދައިންނެވެ.

އިމްރާން ބޭނުންކުރެއްވި އިބާރާތަކީ އެއްވެސް ފޮތަކުން އަދި އެއްވެސް ލިޔުމަކުންވެސް ފެންނަން ނެތް އިބާރާތެކެވެ. އެއީ ސައްޔިދު ޤުޠުބު ބޭނުންކުރެއްވި އިބާރާތާވެސް މުޅިން ތަފާތު އަމިއްލަ އިބާރާތެކެވެ.

އޭގެ އިތުރަށް އެ އިބާރާތަކީ ޢަރަބި ބަހުގެ ޤަވާއިދުތަކާވެސް މުޅިން ޚިލާފު ޢިބާރާތެކެވެ. ޢަރަބި ބަހުގައި ހުރިހާ ނަމެއް ފިރިހެން އަދި އަންހެންކޮށް ބެހިފައިވާއިރު، އަންހެން ނަން ނުވަތަ ޢަރަބި ބަހުގެ ޤަވާއިދުގައި ބުނާ ޖަމްޢު ތަކުސީރަކަށްނުވާ ކަންކުރާއަށް ނިސްބަތްވާ ކަންކަމުގެ ފަހަތަށް ތާއެއް އިތުރުނުވާނެއެވެ. އަދި ޢަހުދަކީ އެ ޢިބާރާތުގައި ކަންކުރާކަމަށްވާތީ އެންމެ ފަހު އަކުރުގައި އޮންނާނީ އުނބުފިިލިކަމަށްވާއިރު އިމްރާނު އެ ބަސްފުޅު ވިދާޅުވީ ފަހު އަކުރުގައި އިނބިފިލި ޖައްސަވައިގެންނެވެ.

ކީރިތި ރަސޫލާއަށް ދޮގުބަސް ރައްދުކުރުމަކީ ނުބައިކަން ބޮޑު ކަމެއް

މާތްﷲ ރުއްސުންލެއްވި أبوهريرةގެފާނުގެ ކިނބައިން ރިވާވެފައިވާ ޞައްޙަ ޙަދީސް ބަސްފުޅެއްގައި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ ޙަދީސްކުރައްވާފައިވެއެވެ. «من كذب علي متعمدا فليتبوأ مقعده من النار» މާނައީ: ގަސްތުގައި ތިމަންކަލޭގެފާނާމެދު ދޮގުހަދައި، ތިމަންކަލޭގެފާނަށް ދޮގު ރައްދުކުރި މީހާ ދަންނާށެެވެ. އޭނާގެ ޖާގަ ނަރަކައިން އޭނާ ކަށަވަރުކޮށްފިއެވެ.“

އިމްރާނަކީ އޭނާ ނުރުހޭ ސިޔާސީ ލީޑަރުންނާ ދެކޮޅަށް ކީރިތި ޤުރުއާނުގެ ބަސްފުޅުތަކާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީސް ބަސްފުޅުތައް ބޭނުންކުރައްވާ ބޭފުޅެކެވެ. އަދި އޭނާ ރުހޭ ސިޔާސީ ލީޑަރުން ޕްރޮމޯޓުކުރެއްވުމަށްވެސް އެ ބަސްފުޅުތައް އޭގެ މަޤާމުން ބޭރުކޮށްގެން ބޭނުންކުރުމަކީ އިމްރާނުގެ އާންމު ކަމެކެވެ.

އިސްލާމީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ދީނާއި ސިޔާސަތު ވަކިނުކުރުމުގެ މާނައަކީ ސިޔާސީ މަޤުޞަދުތައް ޙާސިލުކުރުމަށް އިސްލާމްދީނުގެ ނައްޞުތައް ބޭނުންކުރުން ނޫން ކަމަށެވެ. އެގޮތުން ޑރ.ޔޫސުފުލް ޤަރަޟާވީ އޭނާގެ ”އައްދީން ވައް ސިޔާސާ“އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވަނީ ދީނާއި ސިޔާސަތު ވަކިނުކުރުމަކީ ދީނުގެ އުސޫލުތަކުގައި ސިޔާސީ ކަންކަމުގައި އުޅޭ މީހުން ހިފަހައްޓައި، ދީނުގެ މަޤުޞަދުތައް ހާސިލުކުރުމަށް މަސައްކަތްކުރުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!