ސަރުކާރުން 4.2 ބިލިޔަން ރުފިޔާ ޗާޕްކޮށް، ދިވެހި ނޫޓްގެ އަގު ވައްޓާލައިފި
ދެންމެ | 21 ޖުލައި 2023

މި އަހަރުގެ މިހާތަނަށް ސަރުކާރުން ޗާޕުކުރި ފައިސާގެ ތެރެއިން 4.2 ބިލިއަން ރުފިޔާ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު ފެށި އިރު ދިގު މުއްދަތުގެ ބޮންޑުގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭ އަދަދު ހުރީ 8.3 ބިލިއަން ރުފިޔާގަ އެވެ. މި ހަފުތާގައި އެ މިނިސްޓްރީން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުން ދިގު މުއްދަތުގައި ދައްކާ ގޮތަށް ހުރި ފައިސާ އަދަދު ވަނީ 12.5 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

އެނގިފައިވާ ގޮތުގައި ދިގު މުއްދަތުގެ ބޮންޑުގެ ގޮތުގައި އިތުރުވެފައި ވަނީ ސަރުކާރުން އޯވަޑްރޯ ކުރި ފައިސާ އެވެ. އޯވަޑްރޯ ކުރި ވަރު ބޮންޑަކަށް ބަދަލު ކުރުމުން، މި އަހަރަށް ކަނޑައަޅާފައިވާ އޯވަޑްރޯގެ ލިމިޓަށް ވުރެ އިތުރަށް ސަރުކާރަށް ފައިސާ ނެގުމުގެ ފުރުސަތު އޮންނާނެ އެވެ.

މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އަށް ގުޅުމުން ވަނީ ޖަވާބެއް ލިބޭ ގޮތް ނުވެފަ އެވެ.

ސަރުކާރުން އަންނަނީ 2020 އިން ފެށިގެން، ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން 4.4 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ޗާޕުކުރެވޭނެ ލިމިޓެއް ކަނޑައަޅައިފަ އެވެ. އެ ލިމިޓަށް މި އަހަރުގެ ނިޔަލަށް ފައިސާ ނެގޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ސަރުކާރުން އަންނަނީ މިހާރު ވެސް އެމްއެމްއޭ މެދުވެރިކޮށް ފައިސާ އޯވަޑްރޯ ކުރަމުންނެވެ. މިދިޔަ ޖޫން މަހު 480 މިލިއަން ރުފިޔާ ޗާޕު ކުރި އެވެ. އޭގެ ކުރީ މަހު ވަނީ 1.6 ބިލިއަން ރުފިޔާ ޗާޕުކޮށްފަ އެވެ.

ޕީބީއޭ އިން ހައްދެއް ނެތި އޯވާޑްރޯކުރުމަކީ، 2013 ގެ ކުރިން ސަރުކާރުތަކުގެ އާންމު ކަމެކެވެ. އެކަމަކު ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ނެގުން 2014 ގައި ހުއްޓާލި އެވެ. އޭގެ ބަދަލުގައި ޕީބީއޭ ބޭނުންކުރީ ހަމައެކަނި ސަރުކާރުގެ ދަރަނި އަދާކުރާށެވެ.

ފައިސާ އިތުރަށް ޗާޕުކޮށްގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސާ ނަމަ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ، ބޭރު ފައިސާ އަށް އޮންނަ ޑިމާންޑު ދަށްވެ، ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މި އަހަރުގެ ބަޖެޓާ ގުޅިގެން އެމްއެމްއޭއިން ދިން ލަފާގައި ވެސް ފާހަގަކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!