ސިޔާމް ބުންޏަސް ގިނައިން ގުއި ރެވޭ ނަމަ މާމުއި ނުރައްކާ!
ދެންމެ | 01 އޯގަސްޓް 2023

ބޭރަށް ހިންގާ ބަނޑު ދިޔާވާނަމަ ބައެއް ކާބޯތަކެތި ބޭނުން ނުކުރުމަށް މަޝްހޫރު ޑައިޓީޝަން އާސިޔާ ޢަބްދުއްރަޙީމް އިލްތިމާސް ކުރައްވައިފިއެވެ.

އެގޮތުން ބޭރަށް ހިންގާ ބަނޑުދިޔާވާނަމަ އާފަލު އަދި ތާޒާ އާފަލު ޖޫސް، ނާސްޕަރީ އަދި ތާޒާ ނާސްޕަރީ ޖޫސް، ޕްރޫން އަދި ތާޒާ ޕްރޫން ޖޫސް، ފަޅޯ އަދި ކިވީ ބޭނުން ނުކުރުމަށް ޑރ އާސިޔާ ލަފާދެއްވައިފައިވެއެވެ.

ބޭރަށް ހިންގާ ބަނޑުދިޔާވެފައި ހުންނަ ހާލަތުގައި މިތަކެތި ބޭނުންކުރުމުން އިތުރަށް ޙާލަތު ދަށްވެދާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ބޭރަށްހިންގާނަމަ އެކަން ލުއި ކުރުމަށް ބޭނުންކުރެވޭނެ ކާނާ ކަމަށް އާސިޔާ ވިދާޅުވެފައިވަނީ ޓޯސްޓް ކުރި ހުދު ޕާން، އެޕަލް ސޯސް، މާބޮޑަށް ފައު ނުވާ ދޮންކެޔޮ، ހުދު ބަތް އަދި ފެނުކަށްކާފައި ހުންނަ އަލުވި ނުވަތަ މޭޝް ޕޮޓޭޓޯ އެވެ.

މީގެ އިތުރުން ލޮނު ރަހަލާ ގޮތައް ކައްކާފައި ހުންނަ ބަތްޕެން ނުވަތަ ސޫޕް އަދި ކުރުނބާ ފެނަށް އިތުރު އެއްޗެއް ނާޅައި ބޭނުން ކުރެވިދާނެ ކަމަށް ޑައިޓީޝަން އާސިޔާ ވިދާޅުވެފައިވެއެވެ.

މިހާރު މާލެ ސަރަހައްދުގައި ނޯރޯވައިރަސް އިން ފެތުރޭ ބޭރަށް ހިންގުމެއް އަންނަނީ ފެތުރެމުންނެވެ. އެޗްޕީއޭ އިން ބުނެފައިވަނީ މިވައިރަސްއަކީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއްކަމަށެވެ. ޚާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭކަމަށްވެސް އެ އެޖެންސީން ވިދާޅުވެފައި ވެއެވެ.

މިރޯގާއިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތް ދޮވުމަށް އިލްތިމާސް ކޮށްފައިވެއެވެ. އެޗްޕީއޭއިން ބުނެފައިވަނީ ހޭންޑް ސެނިޓައިޒަރ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ކޮށްނުދޭ ކަމަށެވެ.  ވީމާ ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުމަށްވެސް އިރުޝާދު ދީފައިވެއެވެ.

މީގެ އިތުރުން ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވުމަށާއި، ޓިޝޫ/ޕޭޕަރ ޓަވަލް އިން ސާފުކޮށް، ރައްކާތެރިގޮތުގައި އުކާލުމަށްފަހު، ބްލީޗް އަޅާފައި 5 މިނެޓް ބަހައްޓައި، އަދި އެއަށްފަހު ބްލީޗް ސާފުކުރުމަށްފަހު ސައިބޯނި ފަދަ އެއްޗަކުން ސާފުކުރުމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުމަށާއި، މީހުން ގިނަ ތަންތަނަށް ނުދިއުމަށް އެއޮތޯރިޓީއިން އިލްތިމާސްކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!