ސިއްރު ވެރިއެއްގެ އަތުން ކުއްލި ގޮތަކަށް ސަރުކާރުން ބޮޑު ލޯނެއް ނަގައިފި
ދެންމެ | 06 އޯގަސްޓް 2023

މި އަހަރުގެ ރިޔާސީ އިންތިޚާބަށް 2 މަސް ދުވަހެއްހައި ދުވަހަށް ވެފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކާކުކަން ނޭނގޭ އަމިއްލަ ފަރާތަކުން ބޮޑު ލޯނެއް ނަގައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ދައުލަތުން ނަގާފައިވާ މިހާރު ދައުލަތަށް ފައިސާ ލިބިފައިވާ ލޯނުތަކުގެ ލިސްޓުން އެނގޭ ގޮތުގައި މި ލޯނު ނަގާފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. ފިނޭންސް މިނިސްޓްރީގެ ޝީޓުގައި ބުނެފައިވާ ގޮތުން އެ ލޯނުގެ ތާރީޚަކީ ނިމުނު ޖުލައި މަހުގެ 18 ވަނަ ދުވަހެވެ. އެ ލިސްޓުގައި ހިމެނޭ އެހެން ލޯނުތައް ދިން ފަރާތްތައް އެ ލިސްޓުން އެނގުނު ނަމަވެސް މި ލޯނު ދިން ފަރާތަކީ ކޮބައިކަމެއް ލިސްޓުގައި ބަޔާންކޮށްފައިނުވެއެވެ.

 

މިނިސްޓްރީން އާންމުކޮށްފައިވާ ޝީޓުގައި ބުނެފައިވާ ގޮތުން މި ލޯނު ނަގާފައިވަނީ ”ޕްރައިވެޓް ކްރެޑިޓާ“އެއްގެ އަތުންނެވެ. މި ފައިސާ ނަގާފައިވަނީ ބަޖެޓު ސަޕޯޓަށް ކަމުގައި އެ ޝީޓުގައި ބުނެފައިވެއެވެ. ނަމަވެސް އެއީ ބަޖެޓުގެ ކޮން ކަމެއް ހާސިލުކުރަންކަމެއް ފިނޭންސް މިނިސްޓްރީގެ ޝީޓުން އެނގޭކަށް ނެތެވެ.

 

އެ ޝީޓުން އެނގޭ ގޮތުގައި ގޮތް ނޭނގޭ ފަރާތަކުން ސަރުކާރުން ނަގާފައިވަނީ 50 މިލިއަން ޔޫރޯގެ ލޯނެކެވެ. 50 މިލިއަން ޔޫރޯއަކީ ދިވެހި ރުފިޔާއިން ބަލާނަމަ، 846.5 މިލިއަން ރުފިޔާއެވެ. އެ ލޯނު ނެގިކަން އަދި ލޯނު ނެގި ސަބަބަކާއި ލޯނުގެ އިންޓަރެސްޓު ރޭޓާއި އަދާކުރަންޖެހޭ މުހުލަތު ފަދަ އެއްވެސް މައުލޫމާތެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

 

މި ލޯނުގެ އިތުރަށް ޖޫން މަހުގައި އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަނުން ސަރުކާރުންވަނީ ދެ ލޯނެއް ނަގާފައެވެ. އެ ލޯނުތަކުގެ ޖުމްލަ ފައިސާގެ އަދަދު 33.8 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، 521 މިލިއަން ރުފިޔާއެވެ. އެހެންކަމުން ޖޫން މަހުގައި ނެގި ދެ ލޯނާއި ޖުލައި މަހުގައި ނެގި ލޯނާއެކު ފާއިތުވި ދެ މަހުގައި ދައުލަތުގެ ދަރަންޏަށް ޖުމްލަ 1.3 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.

 

މި ތިން ލޯނާއެކު މި ސަރުކާރުން މިހާތަނަށް ނެގި ލޯނުތަކުގެ އަދަދުވަނީ 42 ލޯނަށް އަރާފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގަތީ ރައްޔިތުން ގާތުގައި އެހުމެއް ނެތި ދަރަންޏަށް ފައިސާ ނަންގަވާ ބޭފުޅަކަށް ވެވަޑައިނުގަތުމުގެ ވައުދަކާއެކުއެވެ.

 

ފާއިތުވި އަހަރުގެ ނިޔަލަށް ދިވެހި ދައުލަތުގެ ދަރަނި 107.7 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އެއީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 113 އިންސައްތައެވެ. މި ސަރުކާރުން އެކަނި 2022 ވަނަ އަހަރުގެ ނިޔަލަށް 47.15 ބިލިއަން ރުފިޔާ ދައުލަތުގެ ދަރަންޏަށް އިތުރުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!