މިފްކޯ ފައިދާ ހުރި ކުންފުންޏަކަށް ހަދަން ރައީސް އިބުރޭ ދަސް ކުރައްވައިފި
ދެންމެ | 09 އޯގަސްޓް 2023

ދެވަނަ ދައުރެއް ލިބިއްޖެ ނަމަ ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ކެޕޭސިޓީ އިތުރުކޮށް އެއީ ފައިދާ ވާ ކުންފުންޏަކަށް ހެދުމަށް ފަހު އެ ކުންފުނީގެ ހިއްސާ ރައްޔިތުންނަށް ވިއްކާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް އެފަދައިން ވައުދުވެވަޑައިގަތީ އެމަނިކުފާނު މިހާރު ގދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފަރެސްމާތޮޑާއަށް ވަޑައިގެން، މަސްވެރިކަމުގެ ސިނާއަތާ ގުޅުންހުރި ގިނަ ވައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ.

ރައީސް އިބްރާހިމް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި މަސްވެރިކަމުގެ ސިނާއަތާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށާއި އެކަމުގެ ސަބަބުން މައްސަލަތައް ބޮނޑިވެ، އެއް ފަހަރާ ހައްލުކުރަން ދަތި ކަމަށެވެ.

އެކަން ފާހަގަކުރައްވާ ރައީސް އިބްރާހިމް ވަނީ ދެވަނަ ދައުރެއްގައި އެ މައްސަލަތައް ހައްލު ކުރަން ގެންގުޅުއްވާނެ ސިޔާސަތުތައް ވިދާޅުވެފައެވެ.

”ސަރުކާރުން އެ އިންޑަސްޓްރީއަށް ބޭނުންވާ ވަސީލަތްތަކާއި، މީހުންނާއި، އެއްޗެހި ބިނާކޮށްފައި، މިފްކޯ ރަނގަޅު، ފިޔާ ވިއްކަން ޕްރައިވެޓް ސެކްޓާ އަށް، އަޅުގަނޑުމެންގެ ވިސްނުމަކީ އެއީ. ބޭނުންވާ ކެޕޭސިޓީ މިފްކޯއަށް އިތުރުކޮށް، އެއީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްފަހުގައި، އޭގެ ހިއްސާ ރައްޔިތުންނަށް ވިއްކުން.“ ރައީސް އިބްރާހިމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ގިނަ ވައުދުތަކެއް ރައީސް އިބްރާހިމް ވެލައްވާފައިވާއިރު މަސްވެރިން ބާނާ މަސް ތާޒާ ކަމާއެކީގައި ގަނެވޭނެ ގޮތް ހަދައިދިނުމާއި މަސް ފަސޭހައިން ގަނެވޭނެ ’ކަލެކްޓާ ވެސަލް’ތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދިނުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މަސްކިރާ ތަންތަނުގެ ކެޕޭސިޓީ އިތުރުކޮށް، އިތުރު މަސް ކިރާ ސެންޓަރުތައް ގާއިމްކުރުމުގެ އިތުރުން މަސް ކިރާ ތަންތަނުގައި މަހަށް ’ވެލިއު އެޑް‘ ކުރެވޭނެ ގޮތް ހަދައިދެއްވުމަށްވެސް ރައީސް އިބްރާހިމް ވައުދުވެވަދައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!