މާލޭ ޖަވާހިރު ބިމުން ރޮޒައިނާމެން ފަދަ ސަރުކާރުގެ ވެރިންނާއި ގާތް މީހުންނަށް އެކަނި މިމަހު ގޯތި ހަވާލު ކުރަން ނިންމައިފި
ދެންމެ | 12 އޯގަސްޓް 2023

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަޙައްދުން ގޯތިލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުމާއެކު އެފަރާތްތަކަށް މިމަހުގެ 15،16،17 ހިސާބުގައި ގޯތި ކަނޑަން ފެށޭނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވެއްޖެއެވެ.

”ބިންވެރިޔާ“ މަޝްރޫޢުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމުކޮށްފައިވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، 800 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ގޯތި ހަވާލު ކުރުމަށް ނިންމާފައި ވަނީ ރޮޒައިނާ އާއި އެހެންވެސް ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކުގެ ގާތް މީހުންނަށް ލިބުނު ގޯތިތަކެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ވިސްނާފައި ވަނީ ސަރުކާރުގެ ވެރިންނާއި އެމީހުންނާއި ގުޅިފައިވާ ފަރާތްތަކަށް ވޯޓުގެ ކުރިން ބިން މިލްކޮށް ނިންމާލުމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅޭގޮތުން ރާއްޖެޓީވީގެ ”ފަލަސުރުޚީ“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާރިފް ވިދާޅުވީ މިހާރު ކުރިޔަށްދަނީ ދާއިމީ ލިސްޓް ތައްޔާރުކޮށް ދާއިމީ ލިސްޓު ނެރުމުގެ މަސައްކަތްކަމަށެވެ. ދާއިމީ ލިސްޓް ނެރުމާއެކު ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ގޯތި ލިބޭނެ ތަންތަން ކަނޑައެޅިގެންދާނެކަމަށް އާރިފް ވިދާޅުވިއެވެ. އެގޮތުން ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުން ގޯތި ދޭނެކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ގޯތިކެނޑުމުގައި ގުރުއަތު ނަގާނީ ލިބޭ ގޯތީގެ ސައިޒުންކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!