ރައީސް އިބުރޭ ނުހޮވިއްޖެ ނަމަ ރައްޔިތުން ރޮއި ހޭރޭނެ: ރޮޒައިނާ
ދެންމެ | 12 އޯގަސްޓް 2023

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުހޮވިއްޖެނަމަ ރައްޔިތުން ކަރުނައަޅައި ރޯނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުންނާއެކު ރޭ ރައީސްގެ ރަނިންމޭޓް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން ރޮޒެއިނާ ވިދާޅުވީ މި ފަސް އަހަރުތެރޭ މިވަރަށް ރައްޔިތުންނަށް ހިދުމަތްދީ ގައުމު ނަގާ މައްޗަށް ޖައްސައިދީ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދިނުމުން އެކަން ކޮށްދިން މީހާ އަށް ވަގަށް ގޮވައި ބޭރުކޮށްލުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އާ މީހަކަށް، ޒުވާނަކަށް އަދި ދެމަފިރިންނަށް ވޯޓުލުމުން ވާގޮތެއް ބަލަންވެސް ވޯޓު ލެވިދާނެ ކަމަށާއި ނަމަވެސް އެގޮތަށް ލާ ވޯޓެއްގެ ސަބަބުން އެއްވެސް ސަބަބަކާއި ހުރެ ރައީސް ސޯލިހު ނުހޮވިއްޖެނަމަ ރައްޔިތުން ކަރުނައަޅާ ރޯނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

”އަޅުގަނޑު ހަމަ މިތާހުރެ މި ދަންނަވަނީ ދިވެހި ރައްޔިތުން ކަރުނައަޅާ ރޯނެ،“ ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ސޯލިހާއި އެއްވަރަށް ކެތްތެރި މަޑުމައިތިރި އެހެން ބޭފުޅަކު ނުހުންނާނެ ކަމަށެވެ.

”އެންމެނާއިއެކުގައި މަސައްކަތް ކުރިއިރު ވެސް ހަމަ ހަގީގަތުގައި ވެސް މިއީ ސަމާސާއަކަށް ސަކަރާތް ޖަހާކަށް ނުވަތަ އިންތިހާބެއް ތެރޭގައި ވީމަ ދައްކާ ވާހަކައެއް ނޫން. ރައީސް ސޯލިހްހައި ކެތްތެރި މަޑުމައިތިރި އިހްލާސްތެރި، ރައްޔިތުންނާއިމެދު ވިސްނާ އަދި ހަމަ ސްޓްރެޓެޖީކްކޮށް ވިސްނަވައިގެން ކަންކަން ނިންމަވާ ބޭފުޅަކާއި އަޅުގަނޑަކަށް ދިމައެއް ނުވޭ.“ ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ތަރައްގީ މިއަދު ފެންނަން އޮތީ ފައިސާ ރަނގަޅު ގޮތުގައި ބޭނުން ކުރުމުން ކަމަށެވެ. އަދި ލޯނުތައް ވެސް ނެގީ ކޮވިޑްތެރޭ ރައްޔިތުން ބަނޑަށް ނުޖައްސާ ގެންގުޅެން ވެގެން ކަމަށާއި ބްރިޖު އަޅަން ނަގާ ލޯނަށް ވުރެ ރައްޔިތުން ބަނޑަށް ޖެހޭ ވަގުތު ކާއެތިކޮޅު ހޯދަން ނަގާ ލޯނު މާ މުހިއްމުވާ ކަމަށްވެސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!