އަޅުގަނޑުގެ ވެރިކަމުގައި ސިފައިންނާއި ފުލުހުންނަށް ހިލޭ ލަގްޒަރީ ފްލެޓް ލިބޭނެ: ގާސިމް
ދެންމެ | 12 އޯގަސްޓް 2023

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސިފައިންނާއި ފުލުހުންނަށް ހިލޭ ބޯހިޔާވަހިކަން ލިބޭނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ޤައުމުގެ ސަލާމާތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ބޭފުޅުންނަކީ ފުލުހުންނާއި ސިފައިންކަމަށެވެ. އަދި އެ ސިފައިންނާއި ފުލުހުންނަކީ ޤައުމަށް ކަމެއްް ދިމާވާ ކޮންމެ ދަނޑިވަޅެއްގައި ”މޭ އައްޑަނައަަކަށް ދިއްކޮށްގެން“ ނިކުންނަ ބޭފުޅުންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމްއެންޑީއެފްއާއި ފުލުހުންގެ އާއިލާތަކަށް ބޯހިޔާވަހިކަމެއް ނުލިބި ބިކަަވަމުންދާ މަންޒަރު ފެންނަމުންދާކަމަށެވެ. އެގޮތުން ސިފައިން ދިރިއުޅެމުންދިޔަ ބަންޑޭރި ކޮށި ދެކެވަޑައިގެންކަމަށާއި، އެތަނުގައި ތިބެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް އެތަންތަނުގައި އުޅޭ ބޭފުޅުންނަށް ނެތްކަމަށެވެ. އަދި މިހާރު އެ މައްސަލަތައްވެސް އިތުރަށް ބޮޑުވަމުންދާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ފްލެޓް އަޅާނެ ވާހަކަ އަބަދުވެސް އިވޭކަމަށާއި، ނަމަވެސް އެކަން ހަގީޤަތަކަށްވާ މަންޒަރު ނުފެންނަކަމަށެވެ. އެހެންކަމުން ޖޫމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖެގެ ހުރިހާ ސިފައިންނާއި ފުލުުހުންނަށް ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭނީ އެމީހަކު މަސައްކަތްކުރާ ނުވަތަ އެމީހަކު ދިރިއުޅޭ ސަރަހައްދަކުންކަމަށެވެ.

”އެކަން ކުރާނެ ގޮތަކީ މިހާރު އޮތް ބަނޑޭރި ކޮށި ބައިބަޔަށް ބަހާލުމަށްފަހު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ. 15 ވަރަކަށް ބުރިއަށް އިމާރާތްކުރާނީ. އަދި ސިފައިންގެ ތެރެއިން ގެދޮރުގެ ދަތިކަން ހުރި ފަރާތްތަކަށް ކުއްޔެއް ދެއްކުމަކާއި ނުލައި ހިދުމަތުގައި ދެމިހުރިހާ ދުވަހަކު އެތަނުގައި އުޅެވޭނެ“ ގާސިމް ވިދާޅުވިއެވެ.

ސިފައިންނާއި ފުލުުހުންނެކޭ އެއްގޮތަށް ފަނޑިޔާރުންނަށްވެސް ދައުލަތުގެ ހަރަދުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެކަންކަމުގެ ތަފްސީލް ހާމަކޮށްދެއްވާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!