ހިލޭ ގޯތި ލިބުމާއި އެކު ރޮޒައިނާގެ އިޝްޤީކަން ރައީސް އިބުރޭއަށް ދައްކާލައިފި
ދެންމެ | 15 އޯގަސްޓް 2023

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގަން ފެށުމާއި އެކު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ތަޢުރީފް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އޮއްސާލައިފި އެވެ.

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންނަށް ގޯތި ދިނުމަށް ގުރުނެގުން މިއަދު ފަށާފައިވާއިރު، އެކަމާއި ގުޅިގެން ހިތްހަމަޖެހުން ފާޅުކޮށް މީހަކު ދައްކާފައިވާ ވާހަކަތަކުގެ ވީޑިއޯ މީސްމީޑިއާގައި ހިއްސާ ކުރައްވަމުން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައިސް ޞާލިހަކީ ވައުދު ފުއްދަވާ ވެރިއެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ރިވެތި ސިފަތައް ފެންނާނީ ހަސަވެރިކަން އެއްކޮބާ ކޮށްލުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

”ރައްޔިތުން މިއަދު އުފަލުން ފުރިފަ. ހިތުގަ އޮތް ލޯތްބާއި އިތުބާރު ބަންޑުންވަނީ! އިބޫ އަކީ ރައްޔިތުން ލޯބިވާވަރު ވެރިއެއް! އޯގާތެރި ވެރިއެއް! އަނިޔާވެރިކަމުގެ އެއްވެސް ސިފައެއްނެތް!ހިތުގައޮތް ހަސަދަ އެއްކިބާކޮއްލީމަ އެކަން ފެންނާނެ.“ ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވެ، ރައީސް ޞާލިހަށް ތައުރީފް އޮއްސާލާފައިވާއިރު، މާލެއިން ގޯތި ދޫކުރި މީހުންގެ ތެރޭގައި ރޮޒައިނާ އާއި އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެންބަރު ނާޝިޒުއާއި ދަރިފުޅުވެސް ހިމެނެއެވެ.

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވަމުންދާއިރު، އެއަށް ރައްދުދެއްވަމުން ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، އޭނާގެ އަމިއްލަ ގޯއްޗެއް ނެތްކަމަށާ، އޮތީ 12 ބަޔަކަށް ބަހަންޖެހޭ އޭނާގެ ބައްޕަގެ 2000 އަކަފޫޓުގެ ގޯއްޗެއްކަމަށް ވިދާޅުވެފައެވެ.

އަދި އޭނާއަކީވެސް މާލޭ ރައްޔިތެއްކަމަށާ، ބައްޕަގެ ގޯތި 12 ބަޔަށް ބެހުމުން ލިބެނީ 100 އެއްހައި އަކަފޫޓުކަމަށް ރޮޒެއިނާ ވިދާޅުވެފައި ވެއެވެ. އެހެންކަމުން މާލޭ ރައްޔިތުންނަށް ގޯތި ދޭއިރު ރޮޒައިނާއަށް ގޯތި ލިބެން ނުޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!