މާތްﷲ ތިބާ ދޫކޮށްލައިފިނަމަ ތިބާއަށް ވާނީ ކިހިނެއް!
ދެންމެ | 21 އޯގަސްޓް 2023

ދުނިޔޭގައި ހުއްޓައި ﷲ ތަޢާލާ އެމީހަކު ދޫކޮށްލައްވަވައިފިނަމަ އާޚިރަތް ދުވަހު އެމީހަކަށް ކުރިމަތިވާނެ ކަންކަން ހިތްމައްޗަށް ގެންނާށެވެ. އެމީހަކަށް ރަޙްމަތް ލައްވަވައިފާނެކަމަށް އުންމީދުކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟

މީސްތަކުންގެ ތެރެއިން އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ މީހުންނަކީ އެމީހަކު ދުނިޔޭގައި ހުއްޓައި ﷲ ތަޢާލާ އެމީހަކު ދޫކޮށްލައްވަވައިފި މީހާއެވެ! ވީމާ އެފަދަ މީހަކު ކަމުގައި ނުވުމަށް ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.

މިވެނި މީހަކީ މިވެނި އެވެނި ފާފަތަކެއް އަބަދުވެސް ކުރާ މީހެއްކަމަށް އެބަ ހިތަށް އަރައެވެ. އެހާލަތުގައި އުފެދޭނެ އެއް ސުވާލަކީ އޭނާ ﷲ ތަޢާލާއަށް ބިރުވެތި ނުވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ހަމަ ﷲ ތަޢާލާ މަތިން ހަނދުމަ ނުވަނީ ހެއްޔެވެ؟ ނަރަކައަށް ބިރުވެތި ނުވަނީހެއްޔެވެ؟ ނަރަކައިގ ޢަޛާބް އޭނާއަށް ނުވިސްނެނީ ހެއްޔެވެ؟

އެމީހާއަކީ ﷲ ތަޢާލާ ދޫކޮށްލައްވަވާފައި ހުރި މީހަކަށްވެދާނެއެވެ! އެމީހާގެ ހިތް އެއިރު އޮންނާނީ ހިލަގަނޑެއް ފަދައިން ހަރުވެފައެވެ. އެކަން ވެގެންދާ ގޮތް މިކިޔައިދެނީ އެވެ. ރަނގަޅަށް އަޑުއަހާށެވެ!

މުސްލިމަކަށް ފާފައެއް ކުރެވިއްޖެނަމަ އެކަމަކަށް ވަރަށް ބޮޑަށް ބިރުގަންނާނެއެވެ. ދެވަނަ ފަހަރު ފާފަ ތަކުރާކޮށްފައި ގަންނަ ބިރު ކުޑަވާނެއެވެ. 3 ވަނަ ފަހަރު އެއަށްވުރެ ކުޑަވާނެއެވެ. އެގޮތަށް ބިރު ކުޑަވަމުން ގޮސް ވަކި ހިސާބަކުން ބިރު އެކުގައި ކެނޑޭނެއެވެ! އެހިސާބުން އެމީހާއަކީ ﷲ ތަޢާލާ ދޫކޮށްލައްވަވާފައިވާ މީހެކެވެ.

އެފަދަ މީހުންގެ ހިތް އޮންނާނީ ވެސް ހިލަގަނޑެއް ފަދައިން ހަރުވެފައެވެ. ހިތް ހިލަގނޑެއް ފަދައިން ހަރުވުމަކީ ހިތް އެއިގެ ޒާތުގައި ހަރުވުމެއް ނޫނެވެ. ކިތަންމެ ބޮޑު ފާފައެއް، ނުވަތަ ކިތަންމެ ގިނަ ފާފަތަކެއް ކުރެވުނު ނަމަވެސް އެއްވެސް ބިރެއް ނުގަތުމެވެ.

މިއީ އެންމެ ހިތާމަހުރި ހިސާބެވެ. އެހިސާބުން އެމީހަކީ ﷲ ތަޢާލާ ދޫކޮށްލައްވަވާފައިހުރި މީހެކެވެ. އެފަދަ މީހުންނަށް ފާފަ ކުރުމަކީ އެއްވެސް ކަމަކަށް ނުވާނެއެވެ. ކުރިން ބުނިފަދައިން އެއްވެސް ފާފައެއް ކުރަން އެއްވެސް ޖެހިލުމެއްވެސް ނުވާނެއެވެ. އަދި ކިތަންމެ ގިނަ ފާފަތަކެއް ކުރަންވެސް އެއްވެސް ޖެހިލުމެއް ނުވާނެއެވެ.

ވީމާ އެފަދަ މީހުންގެ ތެރޭގައި ނުހިމެނޭށެވެ! ފާފަތަކާއި ދުރުހެލިވާށެވެ! އޮޅުމެއްގެ ތެރެއިން ފާފައެއް ކުރެވުނު ނަމަވެސް އަވަހަށް ތައުބާވާށެވެ! ﷲ ތަޢާލާ މީހަކު ދޫކޮށް ލައްވަވައިފިނަމަ އެމީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟ ޢާޚިރަތް ދުވަހު އެފަދަ މީހުންނަށް ކުރިމަތިލާން ޖެހޭނެ ބިރުވެރިކަމާއި ލިބޭނެ ގަދަފަދަ އަޛާބަށް ބިރުވެތިވާށެވެ!

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!