ރޮލާ ބަށި ބޭނުން ކުރުމުގެ ނުރައްކާ އިންތިހާއަށް ބޮޑު!
ދެންމެ | 21 އޯގަސްޓް 2023

ދުޅަހެޔޮ ސިއްހަތަކަށް ތަރުކާރީ އަކީ އިސް ރޯލެއް ކުޅޭ އެއްޗެކެވެ. ޑައިޓުގެ ތެރެއަށް ތަރުކާރި ލާ ނަމަ މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވާނެއެވެ. ނަމަވެސް ބައެއް ތަރުކާރީތަކަކީ ކޮންމެ ކޮންމެ ގޮތަކަށް ކެވޭނެ އެއްޗެއްސެއް ނޫނެވެ. އެގޮތުން ބައެއް ތަރުކާރީތަކަކީ އެއްގޮތަކަށް ވެސް ރޮލާ ކައިގެން ނުވާނެ އެއްޗެއްސެވެ.

ބައެެއް ކަހަލަ ތަރުކާރީތަކަކީ އެ ނުކައްކައި ކެއުމުގެ ސަބަބުން ހަށިގަނޑަށް ފައިދާ ވުމުގެ ބަދަލުގައި ގެއްލުން ވެދާނެ އެއްޗެއްސެވެ. އަދި، މި ތަކެތި ނުކެއްކުމަށް ވުރެ ކެއްކުމުގެ ސަބަބުން އޭގެ ފައިދާ ވެސް ބައެއް ތަރުކާރިތަކުން އިތުރުވާނެއެވެ.

އިންޑިއާގެ މަޝްހޫރު ޑައިޓީޝަނެއް ކަމަށްވާ ޕޫޖާ މަލޯތުރާ ފާހަގަކުރާ ގޮތުގައި ބައެއް ކަހަލަ ތަރުކާރީ ރޮލާ ކައިފި ނަމަ އޭގެ ސަބަބުން ހަށިގަނޑުގެ ހަޖަމުކުރުމުގެ ނިޒާމަށް ވެސް ގެއްލުން ވެއެވެ.

”ބައެއް ކަހަލަ ތަރުކާރީ ތަކަކީ އޭގައި އެކި ކަހަލަ ފަންޏާއި ފަނިފަކުސާތައް އުޅޭ އެއްޗެހި. ބައެއް ހާލަތްތަކުގައި މިއީ ނުރައްކާތެރި އެއްޗެއްސަށް ނުވި ނަމަވެސް އަނެއްބަިއ ފަހަރު މިއީ ނުރައްކާތެރި އެއްޗެއްސަށް ވެދާނެ،“ ޕޫޖާ ކިޔައިިދިނެއެވެ.

އެހެންވީމާ ބައެއް ތަރުކާރީ ކެއްކުމުން ހަޖަމު ކުރުމަށް ފަސޭހަވެ އެކި ކަހަލަ ފަނިފަކުސާތައް މަރާލެވެއެވެ.

ޕޫޖާ ފާހަގަކުރާ ގޮތުގައި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ރޯ އަލުވިއެވެ. އަލުވި އަކީ އެންމެ ގިނަ ގޮތްގޮތަށް ކެއުމަށް ބޭނުންކުރެވޭ އެއް ތަރުކާރީއެވެ. ނަމަވެސް މިއީ ރޮލާ ކައިފި ނަމަ އެއިން ގެއްލުން ވެދާނެ ތަރުކާރީއެކެވެ. އަލުވީގައި ގިނަ އަދަދަކަށް ސްޓާޗް ހުރެއެވެ. އެހެންވީމާ މި ނުކައްކައި ކައިފި ނަމަ ހަޖަމު ކުރަން ދަތިވެ ބަނޑަށް އުނދަގޫ ވުމަށް މެދުވެރިވާނެއެވެ.

އަދި، މާ ގިނަ ދުވަހު އަލުވި އަވީގައި އޮވެ ނުވަތަ ބިމުން މަތީގައި ބޮޑުވަމުން ދާނަމަ އޭގައި ފެހިކުލައިގެ ތޮށްޓެއް އުފެދޭނެއެވެ. މިއީ ސޮލަނީންއެވެ. މިފަދަ ހާލަތެއްގައި އަލުވި އެއްގޮތަކަށް ވެސް ކައިގެން ނުވާނެއެވެ. އެއީ އޭގެ ސަބަބުން ވިހަ ވުމަށް މެދުވެރިވެދާނެއެވެ.

ދެވަނައަށް ޕޫޖާ ފާހަގަކުރާ ތަރުކާރީ އަކީ ބަށްޓެވެ. ބަށްޓަކީ ދިވެހީން އެކި ގޮތްގޮތަށް ބޭނުން ކުރާ އެއްޗެކެވެ. ނަަމަވެސް މިއީ ވެސް އެއްގޮތަކަށް ވެސް ރޮލާ ކެވިގެން ވާނޭ އެއްޗެއް ނޫނެވެ. މީގައި ވެސް ސޮލަނީން ހިމެނެއެވެ. އެހެންވުމާ އެކު ރޮލާ ބަށި ކައިފި ނަމަ ގެސްޓްރޯއިންޓެސްޓިނަލް މައްސަލަތަކާއި ސޮލަނީން ވިހަ ވުމަށް މެދުވެރި ވެދާނެއެވެ.

މަޝްރޫމް އަކީ ވެސް ރޮލާ ކެއުން ރަނގަޅު އެއްޗެއް ނޫނެވެ. ރޯ މަޝްރޫމް އަކީ އޭގައި އިންސާނާގެ ހަށިގަނޑަށް ނުރައްކާތެރި ބައެއް މާއްދާތައް ހިމެނޭ އެއްޗެކެވެ. އެ ކައްކައި ނުވަތަ ރޯ ފިލުވުމުން އެ މާއްދާތައް ނެތިގެން ދިޔުމަށް މެދުވެރިވާނެއެވެ. އެއާއެކު މިއިން ލިބޭ ފައިދާވެސް އިތުރުވާނެއެވެ.

ގުޅުންހުރި ލިޔުންތައް