ތުޅާދޫ ޖަލްސާގައި ފޯރި ނެތުމުން އިމްރާން ’ސަރަކާތް‘ ވެއްޖެ
ދެންމެ | 22 އޯގަސްޓް 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބ.އަތޮޅު ތުޅާދުއަށް ވަޑައިގެން މިރޭ ބާއްވަމުން ގެންދާ ޖަލްސާގައި ފޯރިއެއް ނެތް ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ޖަލްސާގައި ޝަކުވާ ކުރައްވައިފިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަން ފައްޓަވަމުން އިމްރާން ވަނީ ތުޅާދޫ ރައްޔިތުންނަކީ ސިޔާސި ގޮތުން ވަރުގަދަ ބައެއް ކަމަށް ވިދާޅުވެ ތުޅާދޫ ރައްޔިތުންނަށް ތައުރީފް ކުރައްވާފައެވެ. ނަމަވެސް އިމްރާންގެ ވާހަކަފުޅަށް މާބޮޑު ތަރުހީބެއް ނުލިބުމުން ވާހަކަފުޅު ކުރިއަށް ނުގެންދެވިގެން ވާހަކަފުޅު މަޑުޖެހުނެވެ.

އެއަށްފަހު އިމްރާން ވިދާޅުވީ ޖަލްސާގައި މިއަށްވުރެ ފޯރި ހުންނާނެ ކަމަށް އޭނާ އުއްމީދު ކުރެއްވި ކަމަށާއި ފޯރި ނެތީ ޖަލްސާގެ ކުރިން މިއަދު ހިނގި ކަންތައްތަކުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ. ބެލެވޭ ގޮތުގައި އިމްރާން އިޝާރާތް ކުރެއްވީ މިއަދު ރައީސް ސޯލިހްގެ ދަތުރާއި ދިމާކޮށް ތުޅާދޫން އިދިކޮޅު އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށް، މަގުތައް ބަންދުކޮށް އަދި އާއްމުންގެ ގެތަކުގައި ހުރި ލައުޑް ސްޕީކަރުތައް ފުލުހުން މެދުވެރިކޮށް ސަރުކާރުން ނެގި ނެގުމަށެވެ.

ޖަލްސާގައި ފޯރިއެއް ނެތުމުން އެކަން ފާހަގަ ކުރެއްވުމަށްފަހު އިމްރާން ވިދާޅުވީ ”ދެން މިގޮތައް ކުރިއަށް ގެންދާނީ“ ކަމަށެވެ.

އިމްރާން ވިދާޅުވީ ”ހުރިހާ ރައްޔިތުން ތަރައްގީ ކޮށްދޭނެ މެނިފެސްޓޯއެއް އޮތީ އަޅުގަނޑުމެން އަތުގައި އެކަނި“ ކަމަށެވެ.

އިމްރާން ވަނީ މިރޭ ވެސް އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. މުއިއްޒު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ވިދާޅުނުވެ އިމްރާން ފުރަތަމަ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓްގެ ބައެއް ވާހަކަތައް ދަތުރުމަތީގައި އުޅުއްވާއިރު ދޭތެރެއަކުން އަޑުއިވޭ ކަމަށެވެ. ”މިވިދާޅުވަނީ ވަކިބޭފުޅަކަށްޓަކައޭ ތިމަންނަ ވެރިކަން ހޯދަން މިއުޅެނީ. ވަކި ބޭފުޅަކު ޖަލުން ސަލާމަތް ކުރަންށޭ ތިމަންނަ ވެރިކަން މިހޯދަނީ. އެހެން ގޮތަކަށް ވިސްނާލިއިރު ހިތައް އެރީ ތެދެއް ބާއޭ މިހަދަނީ. މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ، މުއިއްޒު އޮންނާނީ ޖަލުގައި. ނުވަތަ ޔާމީން އޮންނާނީ ޖަލުގައި. ދެބޭފުޅުންކުރެ ކޮންމެވެސް އެއްބޭފުޅަކު އޮންނާނީ ފަސް އަހަރު ވަންދެން ޖަލުގައި. އެއީ ދެބޭފުޅުންގެ ޓްރެކް ރެކޯޑަށް ބެލުމުން އެނގެން އޮންނަ އެއްޗެއް.“ އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކަށް ރައީސް ސޯލިހާއި އަރާހަމައެއް ނުކުރެވޭނެ ކަމަށެވެ. ”ރައީސް އާއި ކައިރިއަށް ވެސް ނާދެވޭނެ. ވައުދުތަކާއި ވެސް ކައިރި ނުވެވޭ. ވައުދުތަކާއި ކައިރިއަށް ވެސް ނާދެވޭ. ރައީސް ކުރިމަތީގައި ހުރުމުންނެއް ނޫން (މިހެން މިދަންނަވަނީކީ) ރައީސްގެ ވައުދުތައް ފުއްދުމާއި ގާތައް ވެސް ނާދެވޭނެ. ކޮންމެ ރަށަކަށް ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރަށް ފުއްދަވައި ދެއްވި. އަދި އެއީ ވެސް ކޮވިޑާއިއެކު.“ އިމްރާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!