ގާސިމް ކީރިތި ކުރައްވަމުން ތުއްޕުޅުއިރުގެ ހަދާންތައް އާ ކޮށްފި
ދެންމެ | 23 އޯގަސްޓް 2023

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ އަދި އެ ޕާޓީއިން މިއަހަަރަށް ކަނޑައަޅާފައިވާ ރިޔާސީ ކެނޑިޑޭޓުގެ ގާސިމް އިބްރާހީމްގެ ބަޔޮގްރަފީއެއް ވަރަށް އަވަހަށް ނެރޭނެކަން ހާމަކުރައްވައިފިއެވެ.

ކެމްޕެއިންގައި ގާސިމް މިއަދު ދަތުރު ކުރައްވަމުންދަނީ ނ އަތޮޅާށެވެ. އެގޮތަށް ނ ކެނދިކުޅުދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ގާސިމް ވިދާޅުވީ އޭނާ ވެރިކަމަށް ކުރިމަތިލަނީ ވެރިކަމަށްވުރެ ބޮޑަށް، ގައުމަށް އިސްލާހީ ބަދަލެއް ގެނައުމަށްކަމަށެވެ. 2005 ވަނަ އަހަރުގެ ތެރޭގައި ގައުމު އޮތީ ވަރަށް ހާލުގައިކަމަށް ގާސިމް ވިދާޅުވީ އަސަރާއިއެކުއެވެ.

އޭރު ދަތުރުފަތުރުގެ ނިޒާމާ، ބޭސް ފަރުވާގެ ނިޒާމުވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ އޭރު މާބަނޑު އަންހެނުން މަރުވުންވެސް ގިނަކަމަށެވެ. އެއީ އޭރު ސިއްހީ ވަސީލަތްތަކާއި، އެކަމަށް ބޭނުންވާ ގާބިލް މީހުން ނެތީތީ ދިމާވި ކަންތައްތައްކަން ފާހަގަ ކުރެއްވިއެވެ.

ގާސިމް ވަނީ އޭނާގެ ކުޑައިރުގެ ހަޔާތުންވެސް ބައެއް ވާހަކަތައް ވަރަށް އަސަރާއިއެކު ހިއްސާ ކުރައްވާފައެވެ. އެގޮތުން ކައްކާދީގެން އޭރު އުޅުނީ ވަރަށް ހާލުގައިކަމަށް ގާސިމް ސިފަކުރެއްވިއެވެ. އަދި ބައްޕާފުޅާއި، މަންމާފުޅާއި ގުޅޭ ވާހަކަތައްވެސް ގާސިމް ހިއްސާކުރެއްވިއެވެ. މާލެއަށް ދިޔައީވެސް ވަރަށް މަސައްކަތުންކަމަށް ފާހަގަކޮށް، ކުރަންޖެހޭ މަސައްކަތް ގިނަކަމުން މާލެ އައިސް ކިޔަވަންދާނެ ވަގުތު ނުލިބޭތީ ގެ ބަދަލުކުރައްވަން ޖެހިވަޑައިގެންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

އެހެން ބޭފުޅެއްގެ އެހީއާއިއެކު ހަމައެކަނި ކިޔެވުމަށް އެކަނި ހާއްސަވެގެން ހުރެ ލިބުނު ކިޔެވުމުގެ ފުރުސަތުގެ ތެރެއިން، ސަނަދުތައް ހޯދައިގެން ސަރުކާރު ވަޒީފާތަކަށް އާދެވުނު ގޮތުގެ ކުރު ތަފްސީލެއްވެސް ގާސިމް ހިއްސާކުރެއްވިއެވެ. އަދި އެއަށްފަހު މަގާމު ކުރިއަރައިގެން ދިޔަ ގޮތްވެސް ފާހަގަކުރެއްވިއެވެ.

ކޮންމެ އިންސާނަކުވެސް އެ އިހުސާންތެރިކަމުގެ ވާހަކަ އިވުނީމަ އަސަރުކުރާނެ.

ކީރިތި ކުރައްވަމުން ދެއްކެވި ވާހަކައިގައި ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާލުވީ މި ބުރަ މަސައްކަތުގެ ތެރެއިން އޭނާ ހިޔާނާތެއް ވެފައި ނުވާނެކަމަށެވެ. ހުކުމެއް އައީވެސް ސިޔާސީ ގޮތުން ޖެހިގަނެގެންކަމަށް ގާސިމް ވިދާޅުވިއެވެ.

އެއަށްފަހު ގާސިމް ވިދާޅުވީ އޭނާގެ ހަޔާތުގައި ދިމާވި ގޮންޖެހުންތަކާއި، އެހެންވެސް ކަންކަމާއި ގުޅޭ ގޮތުން ބަޔޮގްރަފީއެއް ވަރަށް އަވަހަށް ނެރޭނެކަމަށެވެ. މި ބަޔޮގްރަފީގައި 1،800 އަށްވުރެ ގިނަ ސަފުހާ ހިމެނޭނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

މިވާހަކަތައް ދެއްކެވިއިރު ގާސިމް ގެންދެވީ ކީރިތި ކުރައްވަމުންނެވެ.

އަމިއްލަފުޅު ހަޔާތުގެ ވާހަކަތަކެއް ހިއްސާކުރެއްވުމަށްފަހު ގާސިމް ސިޔާސީ ގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިހުސާންތެރިކަމެއް ނެތްކަމަށާއި، ގޮތް ނޭނގޭ މީހުންގެ މަރުތަކާއި އަދި އެހެން ކަންކަންވެސް ނުބެލުންކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެކަންކަމަށް ފާޑުކިޔުމަށްފަހު އެމްޑީޕީގެ މި ސަރުކާރަށްވެސް ބެލުނީ ސެލެކްޓެޑް މައްސަލަތަކެއްކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން ލާރި ނެގި މީހުން ކުށްވެރިއެއް ނުވާނެކަމަށެވެ. އެއީ ނަހައްގު ހޯދި ފައިސާކަން ނޭނގޭ މީހުންވެސް ތިބޭނެކަމަށް ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ފެންނަމުންދަނީ ބާރުވެރިކަން ހޯދުމަށް މަސައްކަތްކުރާ މަންޒަރުކަމަށް ވިދާޅުވެ ގާސިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!