ރާއްޖޭގައި އިންޑިޔާ ރުޕީސް ބޭނުން ކުރަން ސިޔާސަތެއް ކަނޑައަޅައިފި
ދެންމެ | 25 އޯގަސްޓް 2023

ދިވެހިރާއްޖޭގައި އިންޑިއާ ރުޕީސް ބޭނުން ކުރަން މަގުފަހިވާނެ ފަދަ ސިޔާސަތެއް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

މިރޭ އިފްތިތާހު ކުރި އެ ޕާޓީގެ އިޤްތިސާދީ މެނިފެސްޓޯގައި ބުނެފައިވާ ގޮތުގައި، ވިޔަފާރީގެ ގޮތުން ގުޅިފައިވާ ޤައުމުތަކާ އެކީ ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެ ޤައުމެއްގެ ފައިސާއިން ކުރާގޮތަށް ހަމަޖައްސާނެއެވެ. ރާއްޖެއިން އެންމެ ގިނައިން ވިޔަފާރި ކުރާ ޤައުމުތަކުގެ ތެރެއިން ޑޮލަރުގެ ބަދަލުގައި އެ ޤައުމުގެ އަމިއްލަ ފައިސާ ބޭނުންކުރަން ބާރުއަޅާ، އަދި އެކަމަށް އެއްބަސްވާ ހަމައެކަނި ޤައުމަކީ އިންޑިޔާއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ އާއި އިންޑިޔާ އާއި ދެމެދު ކުރާ ވިޔަފާރީގައި އިންޑިއާ ރުޕީސް ބޭނުން ކުރަން އިންޑިއާއިން ވަނީ ރާއްޖެއަށް ހުށަހަޅާފައެވެ. މިގޮތުން ރާއްޖޭގެ ރަސްމީ އެކްސްޗޭންޖު ރޭޓު ޑޮލަރަކަށް 25 ރުފިޔާއަށް ހަމަޖެއްސުމަށްފަހު، ދެން އިންޑިއާ އާއި އެކު ކުރާ ވިޔަފާރި ތަކުގައި ރުޕީސް ބޭނުން ކުރަން އިންޑިއާއިން ލަފާދީފައިވެއެވެ.

އިންޑިއާއިން އެދުނު ގޮތަށް ރާއްޖޭގެ ފައިސާ ގަނެ ވިއްކާ އަގު ދަށްކޮށްފިނަމަ ރުފިޔާ އަކަށް ލިބޭނީ 3 ރުޕީސްއެވެ. މިހާރު ރުފިޔާއަކަށް 5 ރުޕީސް ލިބެއެވެ. އެހެން ކަމުން އެގޮތަށް އަމަލުކުރުމުން ފައިދާވަނީ އިންޑިއާއަށެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައި އޮތްގޮތަށް އިންޑިއާ އާއި އެކު ކުރާ ވިޔަފާރިތަކުގައި ރުޕީސް ބޭނުން ކުރަން ފަށައިފިނަމަ ރާއްޖޭގެ ބާޒާރުގައިވެސް އިންޑިއާ ރުޕީސް ބޭނުންކުރުން އާންމުވާނެއެވެ.

ދެކުނު އޭޝިއާގެ ހުރިހާ ޤައުމެއްގައިވެސް އިންޑިއާ ރުޕީސް ބޭނުންކުރަން އިންޑިއާއިން އަބަދުވެސް ވަކާލާތުކުރެއެވެ. ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އިންޑިއާ ރުޕީސް ލީގަލް ޓެންޑަރގެ ގޮތުގައި ގަބޫލު ކުރަނީ ނޭޕާލު އަދި ބޫޓާން އެކަންޏެވެ. މި ދެ ޤައުމަކީ ވަރަށް ބޮޑަށް އިންޑިއާގެ ނުފޫޒުގެ ދަށުގައިވާ ދެ ޤައުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!