ވެރިކަން ކުރާނީ އަޅުގަނޑު، ޔާމީނެެއް ނޫން: މުއިއްޒު
ދެންމެ | 30 އޯގަސްޓް 2023

ވެރިކަން ލިބިއްޖެ ނަމަ އެއްވެސް މީހެއްގެ މީހަކަށް ނުވާނެ ކަމަށާއި އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލަފާ ހޯއްދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ ކެމްޕެއިން ޕޯސްޓަރުތަކުގައި ޔާމީންގެ ފޮޓޯތައް ހުންނަކަން ފާހަގަކޮށް، ވެރިކަން ކުރައްވާނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަކަށްތޯ ”އަދަދު“ގެ ”އެތެރެފުށް“ ޕްރޮގްރާމުގައި މުއިއްޒާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ވެރިކަން ކުރާނީ ”ރައްޔިތުން އިންތިހާބު ކުރާ ރައީސުލްޖުމްހޫރިއްޔާ“ ކަމަށެވެ.

އޭނާ ”މީހެއްގެ މީހަކަށް“ ވެދާނެތޯ ސުވާލު ކުރުމުން ވިދާޅުވީ، މީހެއްގެ މީހަކަށް ނުވާނެ ކަމަށާއި ވާނީ ”ރައްޔިތުންގެ މީހަކަށް“ ކަމަށެވެ. ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި މަސައްކަތް ކުރާ ރައްޔިތުންގެ ރައީސުލްޖުމްހޫރިއްޔާއެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ވިދާޅުވި އެވެ.

ވެރިކަން ލިބިއްޖެ ނަމަ ޔާމީނާއެކު މަޝްވަރާ ކިހާ މިންވަރަށް ހޯދާނެތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، ގައުމު ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅުންނާ މަޝްވަރާ ކުރަންވާނެ ކަމަށާއި އަމިއްލަ އަމިއްލައަށް ކަންތައްތައް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!