ފަތަ ފޮޅި އާއި ރިހަ ފޮޅި ތަފާތު
ދެންމެ | 02 ސެޕްޓެމްބަރ 2023

ރިހަ ފޮޅި ތައްޔާރު ކުރުމަކީ އަސްލު އެހާ އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް ވަކި ތަރުތީބަކުން ކުރަން ޖެހޭ ކަންތައްތަކެއް އެކަމުގައި ހިމެނެއެވެ. ފުރަތަމަ މިޖެހެނީ މަސްގަނޑު ހަދާށެވެ. ދެން މި އޮންނަނީ ފަހަރަކު ފޮޅިއެއް ފިހެފައި އޭގެ ތެރެއަށް މަސްއަޅައި އޮޅާލުމެވެ.

މި ރެސިޕީއިން ތައްޔާރުކުރެވޭނީ: 10 ފޮޅިއެވެ.

މަސްގަނޑު ތައްޔާރުކުރުން

ބޭނުންވާ ތަކެތި:

1 ޖޯޑު ކުދިކޮށް ކޮށާފައިހުރި ވަޅޯމަސް (ނޫނީ ދަޅުމަސް)

1 ބޮޑު ފިޔާ

¼ ސައިސަމުސާ ގާނާފައިވާ އިނގުރު

¼ ސައިސަމުސާ ގާނާފައިވާ ލޮނުމެދު

3 އިންޗީގެ ރާނބާފަތް ކޮޅެއް

2 ހިކަނދިފަތް

¼ ގިތެޔޮމިރުސް (ނޫނީ ބޭނުން ވަރަކަށް)

½ 4 ސައިސަމުސާ ހަނާކުރި ހަވާދު

¼ ސައިސަމުސާ ތެޅިމިރުސް

¼ ލުނބޯ (ނޫނީ ބޭނުން ވަރަކަށް)

½ ސައިސަމުސާ ހަކުރު (ނޫނީ ބޭނުން ވަރަކަށް)

½ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

½ ސައިސަމުސާ މުގުރި ފޮނިތޮށިކާފޫރުތޮޅި

½ ޖޯޑު ބޯކިރު

¾ ޖޯޑު ފެން

ހަދާނެގޮތް:

1. ފިޔާ ތުނިކޮށް ކޮށާލާށެވެ.

2. ބޯކިރުކޮޅު ތެއްޔަކަށް އަޅައި ހޫނުކުރާށެވެ.

3. ހޫނު ވުމުން އޭގެ ތެރެއަށް ފިޔާ، އިނގުރު، ގިތެޔޮމިރުސް، ފޮނިތޮށިކާފޫރުތޮޅި، ހިކަނދިފަތް، ރާނބާފަތް އަދި ހަކުރުކޮޅު އަޅާ ފިޔާތަށް މަޑުވެ ރަތްވާން ފަށަންދެން ކައްކާށެވެ.

4. ދެން ލޮނުމެދުކޮޅު އަޅާ އެއްކޮށްލުމަށްފަހު ހަވާދާއި ތެޅިމިރުހާއި ވަޅޯމަސްކޮޅު އަޅައި އަނެއްކާވެސް އެއްކޮށްލާށެވެ.

5. ދެން އަޅާނީ ލޮނާއި ފެނާއި ލުނބޮއެވެ. އަނެއްކާވެސް ރަނގަޅަށް އެއްކުރުމަށްފަހު ތެލީގެ މަތިޖަހާށެވެ. މި ގޮތަށް ބަހައްޓައިގެން ތެލީގައިވާ ތަކެތީގެ ތެތްކަމުގެ ބޮޑުބައި ފިލަންދެން ކައްކާށެވެ. އެއިރުން މަސްގަނޑު ހަދާ އެނިމުނީއެވެ. އުނދުން ނިވާލުމުގެ ކުރިން ރަހަބަލާލާފައި ކަމުދާ ގޮތަކަށް ރަހަ ހެޔޮވަރު ކޮށްލަންވާނެއެވެ.

ފޮޅި ތައްޔާރުކުރުން

ބޭނުންވާ ތަކެތި:

1 ޖޯޑު ފުށް

1 ޖޯޑު ފެން

1/3 ސައިސަމުސާ ރީނދޫ

½ ސައިސަމުސާ ލޮނު

ހަދާނެގޮތް:

1. ފުށާއި ލޮނާއި ރީނދޫ ބޯތަށްޓަކަށް އަޅައި އެއްކުރާށެވެ.

2. ދެން ފެންކޮޅުއަޅާ ރަނގަޅަށް ގިރާލާށެވެ. ގަނޑު ގަނޑު ނުހުންނާނެ ވަރަށް ގިރަށް ވާނެއެވެ.

3. ތަވައެއް އުދާ އެ ރަނގަޅަށް ހޫނުކުރާށެވެ. ހޫނުވެއްޖެކަން ޔަޤީން ވުމުން އެއްކުރި ތަކެތީގެ ތެރެއިން މޭޒުމަތީ ސަމުސަލުގެ 2 ސަމުސާ ތަވައަށް އަޅާށެވެ. އަދި ސަމުސަލުގެ އަނެއް ފުށް ބޭނުންކޮށްގެން ވަށްކޮށް އެ ފަތުރާވެސް ލާށެވެ.

4. ފޮޅި ވަރަށް އަވަހަށް ފިހެވޭނެ އެވެ. ތަވައިން ފަސޭހައިން ނައްޓާލެވޭ ވަރުވީމާ އެއޮތީ ފިހެވިފައެވެ. ދެން އޭގެ ތެރެއަށް ތިރީގައިވާ ގޮތަށް މަސްއަޅާނީއެވެ.

ފޮޅިއަށް މަސްގަނޑު އެޅުން

ހަދާނެގޮތް:

1. ފޮޅި ފިހެވުމާއިއެކު އަވަހަށް ތަށްޓަކަށް ނަގާށެވެ.

2. ފޮޅީގެ އެއް އަރިމަތީގައި ރޮނގެއްގެ ބައްޓަމަށް ވާގޮތަށް މޭޒުމަތީ ސަމުސަލެއްގެ މަސްކޮޅެއް ބާއްވާލާށެވެ. މިގޮތަށް އަރިމަތީގައި މަސްކޮޅު ބާއްވާލާއިރު ފޮޅި އޮޅަން ހިފާނެ ކުޑަ ތަންކޮޅެއް ދޫކޮށްލަން ވާނެއެވެ.

3. ރޮނގެއްހެން ބޭއްވި މަސްކޮޅުގެ ދެކޮޅުން ފޮޅި ފަތްޖަހާލާށެވެ. ކުޑަކޮށް އޮބާލަންވެސް ވާނެއެވެ.

4. ދެން މަސްކޮޅު އެޅި ފަރާތުން ފަށައިގެން ފޮޅި އޮޅާލާ އަނެއްކާވެސް އޮބާލާށެވެ.

* މަތީގައިވާ ގޮތަށް ކޮންމެ ފޮޅިއެއްފިހެފައި އޭގެ ތެރެއަށް މަސްކޮޅު އަޅާ އޮޅަމުން ގެންދާށެވެ.

ގުޅުންހުރި ލިޔުންތައް