ރައީސް ނަސީދު ގޮއްވާލުމުން އެކަނި ވެސް ސަރުކާރު ފެއިލްވެފައިވާ ކަން ސާފް: އިލްޔާސް
ދެންމެ | 03 ސެޕްޓެމްބަރ 2023

ރާއްޖޭގައި މިހާރު އެއްވެސް އަމާން ކަމެއް އަދި ރައްކާތެރިކަމެއް ވެސް ނެތްކަމަށާ، އެކަން ބަދަލުކޮށް އަމާން ރާއްޖެއެއް ހޯދައިދެވޭނީ ދަ ޑިމޮކްރެޓްސްގެ ވެރިކަމެއް ޤާއިމުކުރެވިގެންކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ސަންގު ބަޙުސްގައި ރޭ ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވަނީ ރައީސް ޞާލިޙުގެ އަމާން ރާއްޖެ ކެމްޕެއިނަށް ފާޑުވިދާޅުވާ މޭރުމަކުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރާއްޖޭގައި ނާމާންކަމާއި ބިރުވެރިކަން އޮތްކަން ހާމަކުރެއްވުމުގެގޮތުން އިލްޔާސްވަނީ ބައެއް މިސާލުތައްވެސް ދައްކަވާފައެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގެ ވެރިކަމުގެ ދުވަސްވަރު ވަރަށް އަނިޔާވެރިކަމާއެކު އަންހެން ކުއްޖަކު ކަތިލާފައިވާކަމަށާ، އަދިވެސް އެކަމަށް އިންސާފުވެސް ލިބިފައި ނުވާކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދު އަވަހާރަކޮށްލަން މާލޭގެ މަޖީދީ މަގުގެ މެދުގައި ބަޔަކު ބޮންގޮއްވާލީވެސް މިވެރިކަމުގައި ކަމަށް ވިދާޅުވެ އަމާން ރާއްޖެއެއް ނެތްކަމަށް އިލްޔާސް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި ހަރުކަށި ފިކުރާއި މަސްތުވާތަކެތި ޓްރެފިކްކުރުން އިންތިހާދަރަޖައަށް އިތުރުވެފައިވާކަމަށާ، ދުނިޔޭގެ ބައެއް ހިސާބުތަކުގައި ހިނގާ ޓެރަރިޒަމްގެ ހަރަކާތްތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ޢަމަލުތައް ރާއްޖެއާ ގުޅި މިތަން އެފަދަ ކަންކަމުގެ ހަބަކަށް ވެފައިވާކަމަށް އިލްޔާސް ވިދާޅުވިއެވެ.

މި ނާމާންކަން ބަދަލު ކުރެވޭނީ މިސަރުކާރު ބަދަލު ކުރެވިގެންކަމަށާ، އެކަން ކުރެވޭނީ ޑިމޮކްރެޓްސްއަށްކަމަށް އިލްޔާސް ވިދާޅުވިއެވެ.

ރޭގެ ބަޙުސްގައި އިލްޔާސް ލަބީބުވަނީ ރައީސް ޞާލިޙަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!