އިންޑިޔާ ކުންފުނިތައް ބޭރުކުރާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
ދެންމެ | 05 ސެޕްޓެމްބަރ 2023

ދިވެހިރާއްޖޭގެ މިނިވަންކަމަށް ހުރަސް އެޅޭ ކޮންމެ ކަމެއް ބާތިލް ކުރައްވާނެކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އދ. މަހިބަދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައެވެ.

މުއިއްޒު ވިދާޅުވީ އިންތިހާބު ގުޅިފައި އޮތީ ހަމައެކަނި ތަރައްގީއާ ނޫން ކަމަށާއި އެންމެ ބޮޑު ކަމަކަށް އޮތީ މިނިވަންކަން ޔަގީން ކުރުން ކަމަށެވެ.

އެގޮތުން ވޯޓު ދޭއިރު ތަރައްގީ އާއި މަޝްރޫއުތަކާ މެދު ވިސްނުމަށް ވުރެ ރާއްޖޭގެ މިނިވަންކަމަށް ވިސްނުން މާ މުހިންމުކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ އެ މަގަށް ދެވެން އޮތް ހަމައެކަނި ގޮތަކީ ޕީޕީއެމް ޕީއެންސީ އަށް ވޯޓު ދީ ”ދިވެހީންގެ ރާއްޖެ“ އަނބުރާ ގެނެސްގެން ކަމަށެވެ.

ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފާހަގަކުރައްވާ ވިދާޅުވީ މި ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދާ ގޮތަށް ވުރެ މާ ރަނގަޅަށް އެ އެއާޕޯޓު ތަރައްގީކޮށްދެއްވާނެކަމަށެވެ.

އަދި އެފަދަ ކޮންމެ މަޝްރޫއަކަށް ބެލި ނަމަވެސް މިހާރު ފެންނަނީ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއް ކަމަށާއި އެ ކަންކަން ހަމަ މަގަށް އެޅުވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކުން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ރައީސް ޔާމީންގެ ހާރިޖީ ސިޔާސަތު ބިނާވެފައި އޮތީ އެންމެ ފުރަތަމަ މިނިވަންކަން އޮންނާނެ ގޮތަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ދިވެހީންގެ މިނިވަންކަމަކީ އޭނާގެ ވެރިކަމެއްގައި ”ނަންބަރު ވަން“ ކަމަށާއި މިނިވަންކަމާމެދު ސުވާލު ކުރޭވޭކަށް ނޯންނާނެކަމަށެވެ. އަދި މިނިވަންކަމަށް ހުރަސް އެޅޭނަމަ މި ގައުމުގައި ތިބެވިގެން ނުވާނެކަމަށާއި އެހެން ގައުމެއްގެ ސިފައިން މި ގައުމުގައި ތިބުމަކީ ދޭނެ ފުރުސަތެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ސިފައިން ތިބީ ”ކުލަ ހެދުމުގައި ތޯ ނޫނީ ބަޑި ހިފައިގެންތޯ“ ބަލަން ނުޖެހޭނެ ކަމަށާއި ގޮތް ނޭނގޭ އެއްވެސް އެއްބަސްވުމެއް ވެސް އޮވެގެން ނުވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ނަމަ ”ޖީއާމްއެރް ބޭރުކުރި ގޮތަށް“ އެ މަޝްރޫއުތައް ބާތިލް ކުރައްވާނެ ކަމަށެވެ.

”އުތުރުތިލަފަޅުގެ މަޝްރޫއުގެ އަޑިއެއް ނޭނގޭ. އެއީ ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް ވަންޏާ ހަމަ ޖީއާމްއެރު ބޭރުކުރި ގޮތަށް އެ މަޝްރޫއުތައް ބާތިލް ކުރާނަން.“ މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ މިކަންކަމަށް އެއްބަސްވެވޭ ގައުމުތަކާ އެކު އޭނާގެ ސަރުކާރެއްގައި ގާތް ގުޅުމެއް ބާއްވަވާނެކަމަށާއި އެހެން ނަމަވެސް ރަހުމަތްތެރިކަމާއި އަވައްޓެރިކަން އޮތް ނަމަވެސް އިސްކުރާނީ ގައުމު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!