ޙަރާމް ޑްރަގް ވިއްކައިގެން އުމުރަށް ޖަލަށް ލާފައި ހުރި މީހަކު ރައީސް އިބުރޭ މިނިވަން ކޮށްފި
ދެންމެ | 06 ސެޕްޓެމްބަރ 2023

މަސްތުވާތަކެތި ވިއްކައިގެން އުމުރަށް ޖަލަށް ލާފައި ހުރި މީހަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާފުދީ، މިނިވަން ކުރަން ނިންމައިފި އެވެ.

 

ސ. މަރަދޫ ބޯޅަނދަޑުގޭ، މުހައްމަދު ލިއުޝާން އުމުރަށް ޖަލަށް ލުމާއެކު 100،0000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރުގެ އޮގަސްޓު މަސް ތެރޭގަ އެވެ.

މަސްތުވާތަކެތީގެ އެ މައްސަލައިގައި 2012 އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން މ. އޯކިޑުހައުސްގޭގެ ހަތަރު ވަނަ ފަންގިފިލާ ބަލައި ފާސްކޮށް ލިއުޝާނާ އެކު ހަތަރު މީހަކު ހައްޔަރުކުރި ނަމަވެސް ކުށް ސާބިތުވީ ލިއުޝާންގެ މައްޗަށް އެކަންޏެވެ.

އެ މައްސަލައިގައި ހުކުމްކޮށް ކްރިމިނަލް ކޯޓުން އާންމުކުރި ރިޕޯޓުގައި ވާގޮތުން އޯކިޑުހައުސްގޭގެ ހަތަރު ވަނަ ފަންގިފިލާގެ ބެލްކަނީގައި އެމީހުންތިއްބައި އެ އެންމެން ހައްޔަރުކޮށް އެމީހުންގެ ހާޒިރުގައި އެ ކޮޓަރިތެރެ ބަލައި ފާސްކުރި އިރު، އެތަނުގައި ހުރި އަލަމާރީގެ މަތީގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓެއް ފެނިފައިވެ އެވެ.

އެ ކޮޓަރިތެރެއިން ފެނުނު މަސްތުވާތަކެތި ތަހުލީލު ކުރި އިރު އޭގެ ބަރުދަނުގައި 442.9000 ގްރާމް ކެނަބިސް ހުރިކަން އެ ތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އުމުރަން ޖަލަށްލާން 2014 ގައި ކުރި ހުކުމުގެ ބޮޑު ބައި ތަންފީޒުނުވެ އޮއްވައި ލިއުޝާނަށް މާފުދީ، މިއަދު މިނިވަން ކުރަން ރައީސް އިބްރާހީމް ވަނީ ނިންމަވާފަ އެވެ.

ރިޔާސީ އިންތިހާބަށް ތިން ދުވަހަށް ވެފައިވާއިރު، އާއިލާތަކުގެ ތާއީދު ހޯދުމަށް 32 މުޖުރިމުން މިއަދު މިނިވަން ކުރަން ނިންމަވައި، އެމްޑީޕީގެ ޓިކެޓުގައި ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހީމް ވަނީ އެމީހުންނަށް މާފު ދީފަ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކުކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންނާއި، މާރާމާރީ ހިންގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިނުމުގެ ކުށް ސާބިތުވެފައިވާ މީހުން ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!