ރައީސް އިބުރޭގެ ދޯކާ އާއި އެކު ފަހު ވަގުތު ނައިބު ރައީސް ފައިސަލް ވެސް ޑިމޮކްރެޓިކް ކޮޅަށް ޖެހިލައިފި
ދެންމެ | 09 ސެޕްޓެމްބަރ 2023
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ވޯޓުލާ މަރުކަޒަށް ވަޑައިގަތުމަށް ނައިބުރައީސް ފައިސަލް ނަސީމު ދެކޮޅުހައްދަވައިފިއެވެ.

ޖަމާލުއްދީނުގައި ހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓު ލެއްވުމަށް ރައީސް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތީ 10:00 އާއި 10:30 އާ ދެމެދުގައެވެ. ރައީސް ވަޑައިގަންނަވާނީ ނައިބުރައީސް ފައިސަލާއެކު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ނޫސްވެރިންނަށް މައުލޫމާތުދެއްވިއެވެ.

ނަމަވެސް 10:30 ވެ ބޮޑުވި ފަހުން 10:45 ހާއިރު ރައީސް އިބްރާހީމު ޖަމާލުއްދީން ސުކޫލަށް ވަޑައިގެންނެވިއިރު އެމަނިކުފާނު އަރިހުގައި ނައިބުރައީސް ފައިސަލް ވަޑައިނުގަންނަވައެވެ. އެމަނިކުފާނު ވޯޓު ލެއްވުމަށް ވަޑައިގަތީ ރައީސް އިބްރާހީމް ވޯޓު ލާ މަރުކަޒު ދޫކުރައްވައި ވަޑައިގެންނެވި ފަހުން 11:15 ހާއިރުއެވެ.

ފައިސަލްގެ ގާތް ބޭފުޅަކު މައުލޫމާތު ދެއްވި ގޮތުގައި ރައީސް ގުޅުއްވައި ފައިސަލް އަރިހުން އެމަނިކުފާނާއެކު ވޯޓު ލާ މަރުކަޒަށް ވަޑައިގެންނެވުމަށް އެދިވަޑައިގެންނެވުމުން ފައިސަލް އެކަމަށް އިންކާރުކުރައްވައި ދެކޮޅުހެއްދެވިއެވެ. މި އިންތިޚާބުގައި ރައީސާއެކު އިތުރަށް ފެނިވަޑައިގަތުމަށް ފައިސަލް ބޭނުންފުޅުނުވާކަމަށްވެސް އޭނާ މައުލޫމާތުދެއްވިއެވެ.

ރައީސް އިބްރާހީމުގެ ކެމްޕެއިނުގައި ވަރަށް ވަރުގަދައަށް މަސައްކަތްކުރެއްވި ފައިސަލް އެމަނިކުފާނުގެ ކެމްޕެއިނުން އެކީ ގެއްލުނީ އޭނާއަށް ރަނިންމޭޓުކަން ނުދެއްވައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމު ރަނިންމޭޓުކަމަށް ރައީސް ހަމަޖެއްސެވުމުންނެވެ.

މައުލޫމާތުދެއްވި ފައިސަލްގެ އަރިސް ބޭފުޅާ ވިދާޅުވީ ފަސް އަހަރު ވަފާތެރިކަމާއެކު ޚިދުމަތްކުރެއްވުމުން ފައިސަލާމެދު ރައީސް އިބްރާހީމް ކަންކުރެއްވި ގޮތުން މި އިންތިޚާބުގައި ފައިސަލް އަދި އޭނާގެ ގާތް މީހުން ރައީސް އިބްރާހީމަށް ވޯޓުނުދެއްވާނެއެވެ. އަދި ގާތް ބޭފުޅުން އަރިހުގައި ރައީސަށް ވޯޓުނުދެއްވާނެކަމަށް ފައިސަލް ވިދާޅުވެ، އެ ބޭފުޅުންވެސް ރައީސަށް ވޯޓުނުދެއްވުމަށް ފައިސަލް އެދިވަޑައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފައިސަލް ރަނިންމޭޓުކަމަށް ނަންގަވާނެކަމުގެ އިޝާރާތްތަކެއް ދެއްވުމަށްފަހު، އޭނާ ރަނިންމޭޓުކަމަށް ހަމަނުޖެއްސެވުމުގެ ސަބަބުން ފުވައްމުލަކުގެ ވަރަށް ގިނަ ބަޔަކުވަނީ ރައީސާމެދު ހިތްހަމަނުޖެހި ނުރުހުންވެފައިކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!