’ކަން‘ ކުރަން ލަދުގަންނަނީ ކީއްވެ!
ދެންމެ | 16 އޭޕްރިލް 2024

ކަންކަމާއިމެދު ޖެހިލުންވެ ލަދުގަންނަ މީހުން ދިރިއުޅުމުގައި އެތައް ކަންތައްތަކާއި ކުރިމަތިލާންޖެހެއެވެ. މީހަކު ބުނެފާނެ އެއްޗަކާއި ނުވަތަ މީހަކު ފެނުމުން ލަދުގަނެ އެމީހަކާއި ވާހަކަދައްކަން ޖެހިލުންވުމަކީ ”އިންޓްރޮވާރޓް ޕާސަނަލިޓީ“ ހުންނަ މީހުންގެ ސިފައެކެވެ. މިމީހުންނާއެކު މުޖުތަމައުގައި އުޅެން ނޭނގޭ މީހުންވެސް އުޅެއެވެ. މިކަހަލަ މީހުން ކަމެއް ދިމާވާއިރަށް ވަރަށް ޖެހިލުންވެއެވެ. ބައެއް މީހުންނަކީ ލަދުންގޮސް އަނގައިން ބަހެއްވެސް ބުނަން ނުކެރިފައި ތިބޭ މީހުންނެވެ. އެމީހުންގެ އަމިއްލަ ނަފްސަށް އިތުބާރު ނެތުމާއި ލަދުވެތިކަން ހުންނަ ވަރުން ކަންކަމުގައި ބައިވެރިވެ އުޅެންވެސް ޖެހިލުންވެއެވެ. މިމީހުންނާއެކުވެސް އުޅެން ދަސްކުރަންޖެހެއެވެ. އޮފީހެއްގައި މަސައްކަތްކުރާނަމަ މިކަހަލަ މީހުންނާއެކު މަސައްކަތްކުރުމަކީވެސް އެހާ ފަސޭހަކަމެއް ނޫނެވެ. މިކަހަލަ މީހަކާއި އެކު މަސައްކަތް ކުރަން ޖެހިއްޖެނަމަ އެކަމާމެދު ޝަކުވާކޮށް ދެން މަށަކަށް ނުވާނެޔޭ ހާދަ ވައޭ މަންމަނެއްހޭ ކިޔާ އެކުއްޖާއަށް ’ބުލީ‘ ކުރާ މޭރުމުން ވާހަކަދައްކާ ހަދާ މީހުންވެސް މިމުޖުތަމައުގައި އުޅެއެވެ. މިކަހަލަ އެތައް ސަބަބަކާއި ހުރެ މުޖުތަމައުތެރެއަށް ނިކުމެ އުޅެން ޖެހިލުންވާ ކުދިންވެސް އުޅެއެވެ. މިކަހަލަ މީހުންނަކީ ކޮންބައެއްކަން ދެނެގަނެ އެމީހުންވެސް ބައިވެރިކޮށްގެން ކަންކަން ކުރުމުގައި ހިތްވަރުދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެމީހުންގެ އިހްސާސްތަކާއި ނުކުޅެ އެއީ އެމީހުންގެ ޕާސަނަލިޓީ ހުންނަ ގޮތްކަމުގައި ދެކިގެން އެމީހުުންނާއެކު އުޅުމަށް ދަސްކުރާށެވެ. މިކަހަލަ މީހުންނާމެދު ކަންކަން ކުރާނެ ގޮތްތައް ކުޑަކޮށް ފާހަގަކޮށްލާނަމެވެ.

 

އެމީހުންނާއެކު ވަގުތު ހޭދަކޮށް ވާހަކަ ދައްކަން އާދަކުރުން

 

އެކަހަލަ މިޒާޖުގެ މީހުންނާ ވާހަކަ ދައްކާއިރު މީހުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ވާހަކަ ދެއްކުމުގެ ބަދަލުގައި ވަކިން ވާހަކަ ދެއްކުން ނުވަތަ މީހުން މަދުން ތިބޭ ތަނެއްގައި ވާހަކަދެއްކުން މުހިންމެވެ. މިކަހަލަ މީހަކާ ޑޭޓް ކުރާނަމަ ވީހާވެސް މީހުން މަދު އަޑުމަޑު ރެންޓޯރެންޓްތައް ޚިޔާރުކުރުން މުހިންމެވެ. މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަކީ އެންމެ ހިތްހަމަޖެހޭ އެންމެ ގަޔާވާ ކަހަލަ ތަނަކަށް ނުވެދާނެއެވެ. މިހަލަ ސަބަބުތަކަށްޓަކައި މިގޮތަށް މިކަންކަން ކޮށްލުން ރަނގަޅެވެ.

 

ވާހަކަ ދައްކަން ހިތްވަރުދިނުން

 

މީހުންގެ ތެރޭގައި އުޅުނުކަމުގައިވިޔަސް މަސައްކަތުގެ މާހައުލުގައިވިޔަސް މަޑުމަޑުން މީހުންނާއި ވާހަކަދައްކަން އާދަކުރާށެވެ. މާގާތްކޮށް ނޫޅުނުކަމުގައިވިޔަސް ވާހަކަދައްކަން ޖެހޭ ދަނޑިވަޅުގައި ވާހަކަދައްކައިގެން ކަންކަމުގައި އިސްނަގަން ހިތްވަރުދޭށެވެ. އަބަދު ޖެހިލުންވާ މީހެއްކަމުގައި ނުދެކި ރަނގަޅަށް ކަންކަން ކުރެވޭނެ ކަމުގައި ބުނެ ހިތްވަރުދޭށެވެ.

 

ކަންކަމުގައި ކުރިއަށް ދިއުމަށް ވަގުތު ދިނުން

 

ކޮންމެކަމެއް ކުރި ކަމުގައިވިޔަސް އެމީހުންނަށް އެކަންކަން ކުރަން ވަގުތުދޭށެވެ. ވާހަކަ ދައްކާއިރުވެސް އަޑުއެހުމަށް ވަގުތުދީ ދައްކާވާހަކައަށް ވިސްނަންވެސް ވަގުތުދޭންވާނެއެވެ. އެކަހަލަ މީހުންނަކީ ޖެހިލުންވާ ބައެއްކަމަށްވާތީ ހަމަ ހުރެލާފައި ކުއްލިއަކަށް ޖަވާބުދިނުން އުދަގޫވެދާނެކަން ގަބޫލުކުރާށެވެ. ކަންކަން ކުރެވޭނެކަމާއި ކަންކަމާއި ކުރިމަތިލާން ހިތްވަރުދޭށެވެ. ކަމެއް ނުބައިކޮށް ކުރެވިދާނެކަމަށް ޖެހިލުން ނުވާން ދަސްކޮށްދޭށެވެ. ތިމަންނަ ތިބާ ގާތުގައި އެބަހުރިކަން ހަނދާންކޮށް ހިތްވަރުދީ ކުރިއަރުވަން މަސައްކަތްކުރާށެވެ.

 

މީހުންގެ ތެރެއަށް ނުުކުމެ އުޅެން ދައުވަތު ދިނުން

 

ކޮންމެވެސް ކުޅިވަރެއް ކުޅެން ނުވަތަ މުބާރާތެއްގައި ބައިވެރިވާން ދައުވަތުދޭށެވެ. އެކުޅިވަރެއް ކުޅެން އެކަށީގެންވާ މީހާ ކަމުގައި ބުނެ ބައިވެރިވުމަށް ހިތްވަރުދޭށެވެ. މަދުމަދުން ކަންކަމުގައި ބައިވެރިކުރުވަން އާދަކޮށް އެއީ މީހުން ބަލައިގަންނަ މީހެއް ކަމުގައި ބުނެ ހިތްވަރުދޭށެވެ. މަޖާ މީހެއްކަމުގައި ބުނެ ގާތްކޮށްގެން ގެންގުޅޭށެވެ. އޭނާގެ މުހިއްމުކަން އެންމެންވެސް ދެނެގަންނާށެވެ. މިހެންގޮސް ޖިމް އަށް ދިއުން ނުވަތަ ދުވަސްދިއުން ކަހަލަ ކަސްރަތުތަކުގައިވެސް ބައިވެރިކުރުވައި ސިކުނޑިއަށް ތާޒާކަން ގެންނަ ކަހަލަ ކަންކަން ކުރުވާށެވެ. އެއިރުން ފިޒިކަލީ އަދި މެންޓަލީ އެމީހަކަށް ހިތްވަރު އާވެގެންދާނެއެވެ.

 

މީހާ ބަދަލުކުރަން މަޖުބޫރު ނުކުރުން

 

އެމީހާއަކީ މުޅިން ތަފާތު މީހަކަށް ހަދައި މީހާ ބަދަލުކުރަން ގަދަކަމުން މަޖުބޫރު ކުރުވާ ކަހަލަ މޭރުމަކުން ކަންކަން ނުކުރާށެވެ. ކަންކަމުގެ ތެރެއިން މީހާގެ މިޒާޖު ބަދަލުކުރަން ބޭނުންނަމަ މަޑުމަޑުން އެކަންކަން ކޮށްލާށެވެ. މީހާ އެއްކޮށް ބަދަލުކުރަން އުޅޭނަމަ އެއީ ގޯހެކެވެ. އެކިކަހަލަ މިޒާޖުގެ މީހުންވެސް އުޅެންޖެހޭނެ ކަން ދެނެގަނެ އެމީހުންގެ މަސައްކަތަށް ތައުރީފުކުރާށެވެ. ކުރާ ކުދި ކުދި ކަންކަމަށްވެސް ތައުރީފުކޮށް ހތްވަރުދޭށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!