އެޗްޑީސީން ފަލަސްތީނުގެ ރައްޔިތުންނަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި
ދެންމެ | 16 އޭޕްރިލް 2024

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.

އެޗްޑީސީން މި އެހީ ރައްދުކޮށްފައި ވަނީ ޣައްޒާއަށް ދިވެހިންގެ އެހީތެރިކަން ފޯރުކޮށްދެމުންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއެވެ.

އެކަމާއި ގުޅިގެން އައިއޭސީން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސަދަގާތުގެ ގޮތުގައި އެޗްޑީސީން އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި އެޗްޑީސީން ދެމުންދާ އެއްބާރުލުމާއި އިސްނެގުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް އައިއޭސީން ބުންޏެވެ.

މީގެ އިތުރުން އައިއޭސީން ބުނީ، އެޗްޑީސީން ހަވާލުކުރި އެހީގެ ފައިސާ، އޭގެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދީ ތަފްސީލު އާންމުކުރާނެ ކަމަށެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ 33،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި މި ހަމަލާތަކުގައި 76،000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު ގިނަ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައުވެސް ވެއެވެ.

މީގެ އިތުރުން އިސްރާއީލްގެ ހަމަލާތަކުގައި 1.9 މިލިއަން މީހުން ވަނީ އަމިއްލަ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ. އަދި ޣައްޒާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން މިހާރު ދަނީ ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަމުންނެވެ.

ހާއްސަކޮށް ޣައްޒާގެ އުތުރުގައި އުޅޭ ރައްޔިތުންނަށް ބަނޑުހައި ހޫނު ކަން އިންތިހާ އަށް ވަނީ ކުރިމަތިވެފަ އެވެ. މިހާތަނަށް އައިއިރު ބަނޑުހައި ހޫނު ކަމުގެ ތެރޭގައި ވެސް ޣައްޒާ އިން 30 ވަރަކަށް ކުޑަކުދިން ވަނީ ޝަހީދުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!