ކަންބަޅިތަކެއް ހެން ޖޭޕީ މެމްބަރުން ކަތިލާ މަންޒަރު މިހުރީ ބަލަން: ގާސިމް
ދެންމެ | 16 މާރޗް 2023

ކަންބަޅިތަކެއް ފަދައިން ޖުމްހޫރީ ޕާޓީގެ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ކަތިލާ ތަން ބަލަން ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން އިއްޔެ ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފަ އެވެ. އެއާއެކު ސަރުކާރުގައި ތިބި ޖޭޕީގެ ބޭފުޅުން މަގާމުތަކުން ވަކިކުރަން އެމްޑީޕީގެ ބައެއް މެމްބަރުން އަންނަނީ ގޮވާލަމުންނެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ތިބި ފަރާތްތައް ކަންބަޅި ކަތިލާ އުސޫލުން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދިނުމަށް ގޮވާލާފަ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ގާސިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކަންބަޅިތަކެއް ފަދައިން ޖޭޕީގެ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ކަތިލާތަން ނިކަމެތިކަމާއެކު ބަލަން ހުންނެވި ކަމަށެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ޖޭޕީގެ ބޭފުޅުން މަގާމުތަކުން އިސްތިއުފާ ދެއްވަން ގޮވާލިއިރު އެ ވާހަކަތަކަށް ރައްދު ދެއްވަމުން ގާސިމް ވަނީ ކޯލިޝަން އެއްބަސްވުން ހަދާފައިވާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ކަމަށާއި، އޭގެ ކުރިން ޖޭޕީގެ ސްލޮޓްތަކުގައި ތިބި އެއްވެސް ބޭފުޅަކު އިސްތިއުފާ ދޭން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ނޮވެމްބަރު 18 ގެ ކުރިން ޖޭޕީގެ ފަރާތްތައް އިސްތިއުފާ ދޭންޖެހޭނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އިސްތިއުފާ ދޭންޖެހޭނެ ކަމަށް ޤާސިމް ވިދާޅުވި އެވެ.

ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ދީފައިވާ މަގާމުތައް ދީފައިވަނީ އެއްވެސް މީހެއްގެ ”އަމިއްލަ ތަރިކަ މުދަލުން“ ނޫން ކަމަށެވެ. އަދި އެއްބަސްވި ގޮތާ އެއްގޮތަށް ބައިކުޅަބައިތައް ދެވުނުތޯ އަމިއްލައަށް ވިސްނާލުމަށް ވެސް އެދިވަޑައިގަތެވެ. ގާސިމް ވަނީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން ސަރުކާރު ސްލޮޓްތަކުގައި ތިބި ޖޭޕީގެ އެއްވެސް ބޭފުޅަކު އިސްތިއުފާ ދިނުމަށް ނުދަންނަވާނެ ކަމަށެވެ. އަދި އެމީހަކަށް ހަވާލުކުރެވިފައިވާ މަގާމުގެ މަސްއޫލިޔަތު ރަނގަޅަށް އަދާކުރާނަމަ ދައުލަތަށް ހިދުމަތް ކުރުމުގައި ވަކި ޕާޓީއެއް ތަފާތުނުކޮށް، އެމީހަކު އެކަމެއްގައި ދެމިހުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!