ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުން މިނިވަންވެޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާއި ޕީއެންއެފް އޮފީހުގައި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ކެމްޕެއިންގައި އެމަނިކުފާނާއި އެކު ޓީވީއަށް އެރުމަށް ފަތުމަތު އިބްރާހިމް ކައިރިން ތަކުރާރުކޮށް އެދިވަޑައިގެންނެވިކަމަށެވެ. އެހެންނަމަވެސް ޓީވީއަށް ނޭރި ނަމަވެސް މުއިއްޒު ކެމްޕެއިންގައި ފައިސާގެ ގޮތުންވެސް އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެހީވެދެއްވިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަނާ ކުރެއްވި މަސައްކަތް މިހާރު ފެނުނުކަމަށް ނުވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލުގައި ހުންނެވުމުން އެކަމުގެ ފައިދާވެސް މުއިއްޒުގެ ކެމްޕެއިނަށް ކުރިކަމަށެވެ. އެގޮތުން ޖަލުން ރިޔާސީ އިންތިހާބުގައި މުއިއްޒަށް ލިބުނު ވޯޓް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޖަލުގައި އެމަނިކުފާނާއި ބައްދަލވި އެތައް ބައެއް އެމީހުންގެ ރަށްތަކަށް ގުޅާ ރައީސް މުއިއްޒަށް ވޯޓް ދިނުމަށް އާއިލާތައް ކައިރިން އެދި އެކަމަށް މަސައްކަތް ކުރިކަމަށެވެ. އަދި މިކަން މިހާރު ސަރުކާރުގައި ތިބި މީހުންނަށް ނުފެނިދާނެކަމަށާއި ސަބަބަކީ މިހާރު އެކަން ފެންނަން ބޭނުން ނުވުންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.