ރައީސް މުއިއްޒު ވަކިކުރަން ތާއީދު ނުކުރަން: ޔާމިން
ދެންމެ | 19 އޭޕްރިލް 2024
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޤާމުން ވަކިކުރަން އެއްވެސް އަސާސެއް ނެތި ބަޔަކު ކުރާ މަސައްކަތުގައި ބައިވެރިވެވަޑައި ނުގަންނަވާނެކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޤާމުން ވަކިކުރަން އެމްޑީޕީން ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީއެންއެފްގެ މެމްބަރަކު ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ޕީއެންއެފްގެ ބޭފުޅަކު ރައީސް މުއިއްޒު މަޤާމުން ވަކިކުރަން ތާއީދުކޮށް ވާހަކަ ދެއްކިނަމަވެސް، އެއީ ޕީއެންއެފްގެ ފިކުރެއް ނޫން ކަމަށެވެ. އަދި އެއް ބޭފުޅަކަށް ޕީއެންއެފްގެ ފިކުރު ހާމަކުރެވޭނަމަ އެ ބޭފުޅަކީ އެމަނިކުފާނުކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އުސޫލެއް ހަމައެއް ނެތި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރަން ބަޔަކު ކުރާ މަސައްކަތަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާނެކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު މަޤާމުން ވަކިިކުރަން ބަޔަކު ކުރަމުންދާ މަސައްކަތުގައި ބައިވެރިނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

”އެއްވެސް ކަހަލަ އަސާސެއް ނެތި ރައީސް މުޢިއްޒު އަޒުލު ކުރަން ކުރާ މަސައްކަތަކީ އަޅުގަނޑުމެން ބައިވެރިވާނެ މަސައްކަތެއް ނޫނޭ. އެކަމުގައި އަސާސްތަކެއް ހުރެގެން ބޮޑެތި މައްސަލަތަކެއް ހުރެގެން ދާ ކަމަށްވަންޏާ އަޅުގަނޑުމެން އެކަންވެސް ބަލާނަން“ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް މީގެކުރިން ކުރިއަށްގެންދެވި މަސައްކަތް އަލުން ފައްޓަވާނެކަމަށެެވެ. އަދި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލައާއި، ދާހިލީ ކަންކަމަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވުމާއި ދެކޮޅަށް އަޑު އުފުއްލެވުމުގައި ދެމިހުންނަވާނޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!