ޗަންޕާ އާއި ގާސިމާއި ކޮލިމޮހޮދޭ ފަދަ ވިޔަފާރިވެރިންނަށް ދިވެހިން ދޭންވީ ’ބެރުދުންމާރީ’ގެ ސެލިއުޓެއް!
ދެންމެ | 30 އޭޕްރިލް 2024

ރާއްޖޭގެ ސިޔާސީ ސިޔާސަ ”ކުދިން“ މަހުޖަނުންގެ ގޮތުގައި މުޚާޠަބުކުރާ ޤާސިމް އިބްރާހީމާއި ޗަންޕާއާއި ނުވަތަ ކޮލިމޮހޮދޭގެ ނަން މި ލިޔުމުގައި ޚާއްޞަކޮށް މިގެނެސްދިނީ އެމީހުންދެކެ މިއުޅޭ ސިޔާސީ ”ކުދިންކޮޅު“ އަރާ ރުޅި ތަސައްވަރު ނުކުރެވޭތީއަކީ ނޫނެވެ. ހަގީގަތުގައި އެމީހުންދެކެ މިޤައުމުގެ ބަޔަކު ރުޅިއަންނަނީ ކީއްވެގެންކަން ނޭނގޭތީއަކީ އެއްވެސް ނޫނެވެ. އެ ”ކުދިންކޮޅު“ އެމީހުން ދެކެ ރުޅިއަންނަނީ އެ މީހުން އެ ކިޔާ މަހުޖަނުންނަށް އެމީހުން ވީމާކަން ވެސް ހަމަ ރަނގަޅަށް އެނގެއެވެ.

މިއަދު ރާއްޖެ މިއޮތީ ކޮން ހާލަތެއްގައި ކިހާ ހިސާބެއްގައިކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅުންނަކީ އެވެރިން އެކިޔާ މިދެންނެވި މަހުންޖަނުން ނަށެވެ. މިހާރު ޤައުމު އޮތް ހާލަތުން އަނެއް ހާލަތަށް ބަދަލު ކުރުމުގެ ވިސްނުމާއި ޤާބިލުކަމާއި ތަޖުރިބާ ވެސް އެންމެ ބޮޑަށް ހުންނާނީ އެބޭފުޅުންގެއެވެ. އެއިން ކޮންމެ ބޭފުޅަކީ ދުނިޔޭގެ އާއި ރާއްޖޭގެ ބޭންކް ތަކާ މާލީ އިދާރާތަކާއި ދުނިޔޭގެ މާލީ އިދާރާތަކާއި ބޭންކް ތަކަށް އަހުލުވެރި އެތަންތަނުން ތަޖުރިބާކޮށް ދަސްކޮށްފައިވާ ބޭފުޅުންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ އޮށް އިންދައިގެން އެއޮށުން ފެޅި ގަހުން ގޮތްޕާއި މޭވާއިން ލިބުނު އޮށުން އިތުރަށް ގަސް ފަޅުވައިގެން އެގަސް ރޯކުރައްވައި ހައްދައިގެން މޭވާ ހޯއްދަވައިގެން ދިވެހި ރައްޔިތުންނަށް ކާންދެއްވައި އެކަމަކު ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅުންނަކީ އެއީއެވެ.

އެހެންވީމާ އިއްޔެ ތިމާއަށް ސިޔާސީ ޕާޓީއަކަށް ވަދެވި ސިޔާސީ މަގާމެއް ލިބި ޕޯޑިއަމަކަށް އަރާ ތަންކޮޅެއް ހަލުއިކޮށް ވާހަކަ ދައްކާލަން އެނގުނީމާ ތިމަ ތިމާމެންނަކީ މާ ބޮޑެތި ރޯނު އެދުރުންނަށްވެގެން ތިމާމެންގެ ބޮޑުން ސިޔާސީ ގޮތުން ދައްކާ ވާހަކަ ކޮޕީކޮށްގެން އަޑުއަހައިގެން އެ ބަހުރުވަ ދަސްކޮގެން ރައްޔިތުންގެ ތާއީދު ހޯދަން މެޑަލް ޖަހާން ބޮޑެތި ބަސްބުނެފައި މިދެންނެވި ބޭފުޅުންނާއި ދިމާއަށް ހިތައް އައިހާ ބަސްތައް ކިޔާނީ ތިމަ ތިމާމެންގެ ގޮތެއް ފޮތެއް ނެތީމާއޭ ބުނާނެ މީހުންވެސް އުޅޭނެކަން ގަބޫލުކުރާށެވެ. އަދި އެއީ ތިމާއަށް މާމޮޅު މަގާމަކާ ހިސާބަށް ވާސިލުވެވި މާމޮޅުތަކެއް ލިބޭކަމެއް ކަމަށް ހީކުރުމަކީ ވެސް ވަރަށް ބޮޑު ކުށް ހީއެކެވެ.

ރާއްޖޭގެ އިޤްތިޞާދުގެ ވާހަކަ ނޫނީ ވިޔަފާރީގެ ވާހަކަ، ފަތުރުވެރި ކަމުގެ ސިނާޢަތުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު މިދެންނެވި ސިޔާސީ ގޮތުން ޅަ ކުދިންނަށް ޕޯޑިއަމް ލިބޭއިރަށް ދުނިޔެ ރަންވެ ރަންބުއްދި ފިލައިގެން ރާއްޖޭގައި ތިއްބެވި މިދެންނެވި ވިޔަފާރިވެރިންނަށް ހަސަދަ ފިލުވާލާ ޒާތީވެގެން ބަސްތައް ބުނާއިރު މި ޤައުމުގައި ވިޔަފާރި ކުރަން އެއްވެސް އިރެއްގައި ހަމަ އެކަކަށްވެސް ހުރަހެއް ނެތެވެ. ބޭންކަކުން ލޯނު ނަގާކަށްވެސް ހުރަހެއް ނޯވެއެވެ. ރިޒޯޓް ހަދަން ރަށް ހޯދާކަށްވެސް ހުރަހެއް ނޯވެއެވެ.

އެކަމަކު އެކުދިންނަށް ވިސްނިފައި މިއޮންނަނީ ނުވަތަ ބަޔަކު ވިސްނައި ދީފައި މިއޮންނަނީ މި ޤައުމުގައި ތިއްބެވި މިދެންނެވި ހުރިހާ މުއްސަނދިންނަނީ މި ޤައުމުގެ ސަރުކާރުތަކުން އެމީހުންނަށް ފައިސާއާއި ރަށްތަކާ ލޯނުތައް ދީގެން މުއްސަނދި ކުރުވާފައި ތިބި ބައެއްގެ ގޮތުގައެވެ. އެހެން މީހުންނަށް މުއްސަނދި ވުމުގެ ފުރުސަތާއި ކުރިއަރާ ދިއުމުގެ ފުރުޞަތު ނުދީ އަތްއަޅައިގެން ތިބީ އެމީހުން ކަމަށް އެކުދިންނަށް ހީވަނީއެވެ.

މިޤައުމުގައި ފަތުރުވެރިކަމޭ މިކިޔާ ވިޔަފާރި ފެށިގެން އައި ގޮތެއްވެސް އެކަން ކުރިއަރުވަން އެބަޔަކު ކުރީ ކިހާވަރެއްގެ މަސައްކަތެއްކަމެއް ނުވަތަ އެމީހުން ވެފައި ހުރީ ކޮންކަހަލަ ޤުރުބާނީ ތަކެއް ކަމެއްވެސް އެކުދިންނަކަށް ނޭނގޭނެއެވެ. އެހެނީ އެވާހަކަތައް މިޤައުމުގެ ތާރީޚުގައިވެސް ރަނގަޅަށް ތެދުބަހަކުން ލިއެފައެއް ނެތެވެ. އަދި ކިޔަވާ ފޮތްތަކަކުވެސް ލިޔެފައެއް ނެތެވެ. އެހެންވީމާ މޮށޭ ގުރާތަކެއްހެން ބަޔަކު އަނގައިން އަނގަޔަށް އަޅައިދީފައި ހުރި އެއްޗެއް ކިޔައިދިން ގޮތަށް ވުރެވެސް ބޮޑު ކޮށްލައިގެން ކިޔަނީއެވެ.

ދަންނަވަންތޯ އެވެ. ދިވެހި ދައުލަތުގެ ހުރިހާ މުވައްޒަފުނަން މުސާރަދީ ދައުލަތަށް ބޭނުންވާ އެހެންވެސް ހަރަދުތަކުގެ ފައިސާ އާއި އެެހެން ވެސް ރައްޔިތުންނަށްދޭ ސަބްސިޓީއިން ފެށިގެން އެހެންވެސް ރައްޔިތަކަށް ދައުލަތަކުން ކުރާ ހުރިހާ ހަރަދެއް ވެސް ކުރަނީ އެބުނާ މަހުޖަނުންނާއި ވިޔަފާރިވެރިން ދައުލަތަށް ދައްކާ ޓެކްސް ފައިސާއިން ނެވެ.

ޤައުމަށް މެދުވެރތިވާ ކޮންމެ ނާޒުކު ހާލަތެއްގައި ވެސް އެކުދިންގެ ކަމަކީ މިދެންނެވި މަހުޖަނުންނަށް އިނގިލި ދިއްކޮށް ހިތު ހުރިހާ އެއްޗެއް ގޮވުމެވެ. ވާނުވާއެއް، ދުނިޔޭގައި ކަންކުރާ ގޮތެއް ކަންހިނގާ ގޮތެއް ބަލައިލަނީއަކީ ނޫނެވެ. މިތާނގައި ކަން ހިނގާގޮތެއްވެސް އެ މަހުޖަނުން މިހާރު ކަންކުރާ ގޮތެއްވެސް ބަލައިލަނީ އަކީ ނޫނެވެ.

މި އިޤްތިޞާދީ އަޑި ގަނޑުގައި އެންމެ ބޮޑު ގެއްލުމެއް ސީދާކޮށް ލިބުނީ ރާއްޖޭގެ ފަތުރުވެރި ކަމަށެވެ. އެއްކަލަ އެކުދިން ރުޅިއަންނަ މަހުޖަނުން ތިބީ މި ދާއިރާއަށް ފައިސާ އަޅައިގެންނެވެ. އޭގެ ފައިދާއާއި މަންފާވެސް ލިބެއެވެ. އެލިބޭ އެއްޗެއްގެ ބޮޑުބައެއް ދައުލަތަށް ދައްކައެވެ. ޓެކުހާއި ފީއާއި އެހެނިހެން ގޮތްގޮތަށެވެ.

ތިޔަ ސިޔާސީ ކުދިންކޮޅަށް ހިސާބު ޖަހަން އެނގެންޏާ މިދެންނެވި ޓެކްސްތަކާއި ފީތައް އެއްކޮށްލައިގެން ގަނޑަކަށް ނަގައިގެން އެއިން މަހުޖަނަކު ސަރުކާރަށް ދައްކާ ވަރުގެ ހިސާބެއް ހަދާލައިގެން ޕޯޑިއަމަށް އަރާ ހުރެ ކިޔާލުމަކަށް މާކަ އުނދަގޫ ކަމެއް ނޫނެވެ. ނިކަން ކެރެންޏާ އެހިސާބު މީރާއަށް ވަދެ ހޯދާލައިގެން އަރާތިބެ ރަނގަޅު ހެއްކާއެކު ގޮވާ ބަލާށެވެ. އޭރުން ރައްޔިތުން ގަބޫލުވެސް ކުރާނެއެވެ. އެ މަހުޖަނުން ރިޒޯޓު ހަދަން ލޯނު ނަގަނީ ތިޔަ ކުދިންނަށް މުސާރަ ދޭ ތިޖޫރިންތޯ ނުވަތަ މިޤައުމުގައި ހުރި ފައިސާ އަކުންތޯ ނިކަން ބަލާ ދިރާސާއެއް ކޮށްގެން އެވާހަކަ ނިކަން ރަނގަޅަށް ދައްކާލަ ބަލާށެވެ.

އެމީހުން މި ރާއްޖޭގައި ވިޔަފާރި ކުރަން ބޮޑެތި ލޯނުތައް މިހާރު ނަގަނީ ބޭރު ޤައުމުތަކުގެ ބޭންކު ތަކާއި މާލީ އިދާރާތަކުންނެވެ. މިޤައުމުގައި ހުރި ބޭންކްތައް ވެސް ހިންގެން އޮތީ އެމީހުން ވިޔަފާރިކުރަން ލޯނު ދީގެންނެވެ. އެހެންވީމާ އެމީހުންވެސް ވިޔަފާރި އުސޫލުން ލޯނު ނުދެއެކޭ ނުދަންނަވަމެވެ. އެކަމަކު އެމީހުން ފައިސާ ހޯދަނީ ތިޔަކުދިންނަށް ތިޔަ އަނގަތަޅާން ބޮޑު މުސާރަ ދޭ ދައުލަތުގެ ތިޖޫރިއަކުން ނޫނެވެ.

ދެން މިވާހަކަ ނިކަން ކަނުލާ އަހާށެވެ. މިޤަމުގައި މިފަހުން އުފެދުނު ހުރިހާ ސަރުކާރަކުން ވެސް އެމީހުންނަށް ވާގިވެރިވާ، ތާއީދުކުރާ ސިޔާސީ އިސް މީހުންނަށާއި އެކްޓިވިސްޓުންނަށް ވެސް ފަޅުރަށްތައް ދިނެވެ. ދިނީ ވެސް ހަމަ ތަބަކަށް ލާފައެވެ. އޭގެ ތެރޭގައި ކުރީގެއާއި މިހާރުގެ ސްޓޭޓް މިނިސްޓްރުންނާއި މަޖިލިސް މެންބަރުންނާއި ހެންވޭރު ހެދިގޮނޑު ދަށުގައި ހޮޓާ ހިންގި އެކްޓިވިސްޓުންނާއި މަގުމައްޗަށް ނުކުމެ އުޅުނު އެކްޓިވިސްޓުން ވެސް ހިމެނެއެވެ. މިފަހުން އުފެދި ނިމިދިޔަ ދެ ސަރުކާރުގައިވެސް ކަން އޮތީ މިގޮތަށެވެ. ދެ ބައިމީހުންވެސް ގޮވީ ”ގުދޯ ގުދޯ“ އެވެ.

ނިމިދިޔަ ދެ ސަރުކާރުގެ ތެރެއިން މިކިޔާ ޑިމޮކްރެސީގެ ޗެމްޕިއަނުން ފައިބައިގެން ދިޔައިރު ރަށްތައް ދިން ކުދިންނާއި ބޮޑުން އަނެއް ސަރުކާރު ނިމިދިޔައިރުވެސް އެރަށްތައް ވިއްކާން ތަބަކަށް ލައިގެން ހިނގިއެވެ. ދެން އައި ސަރުކާރަށް ވެސް ވީ ހަމައެވަރެވެ. ރަށްތައް ވިއްކާ ނިމިގެން ފަޅެއްވެސް ދޮންވެލި ތުނޑިގަނޑެއްވެސް ދޫނުކޮށް ވިއްކީއެވެ. މިދެންނެވި ރަށްތައް ލިބުނު ބައެއް މީހުން ރަށް ގަންނާނެ މީހަކު ނުވެގެން ބޯ ގޮވައިގެން ގޮސް މެލޭޝިޔާ ފަދަ ޤައުމުތަކުގައި ފިލައިގެން އުޅޭ ވާހަކަވެސް އެމީހުންގެ އެކުވެރިން ދައްކައެވެ.

ތިޔަ ކުދިން ނިކަން ބުނެބަލާށެވެ. އަޅެ ތިޔަކުދީންނަށް އެތަނުން ރަށެއް ދިނިއްޔާ ސަޅި، އަގުބޮޑު ރިޒޯޓެއް ހަދާލާފައި ހުޅުވައި ލެވޭނެ ހެއްޔެވެ. އެ ދޮންވެލިގަނޑަށް އޮއްސާނެ މިލިއަން، މިލިއަން ޑޮލަރުގެ ލޯނު ތިޔަ ކުދިންނަށް ބޭންކަކުން ދޭނެ ހެއްޔެވެ؟ ނޫނީ އެކަން ނުކުރެވި، ތިޔަ ކުދީން މުއްސަނދި ނުވެފައި ނޫނީ ތިޔަ ކުދިން މުއްސަނދިވާން އެދޭ މީހަލު މުއްސަނދި ނުވެފައި އޮތީ ރަށެއް ނުލިބިގެން ހެއްޔެވެ؟ ނިކަން ކެރެންޏާ ޕޯޑިއަމަށް އަރާ ތިބެ މިސުވާލުތަކަށް ޖަވާބު ދީބަލާށެވެ.

ދެން އެކުދިން އެމީހުންނަށް ބަވާ ނަގާއިރު އެއިން ކޮންމެ މީހެއްގެ ވިޔަފާރީގެ ތެރޭގައި އެތައް ހާސް ދިވެހިންނެއް ވަޒީފާގައި އެބަތިއްބެވެ.  ތިޔަ ކުދިން ތިޔަ ކިޔާ މަހުޖަނު ޤާސިމް އިބްރާހީމާއި ޗަންޕާއާއި ކޮލި މޮހޮދޭ ނުވަތަ ޔުނިވާސަލްގެ ވެރީން ތިބީ އެމީހުން ކައިރީގައި ތިބި ދިވެހި މުވައްޒަފުންނާމެދު ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކަން ކޮށްދީގެން މިކަމުގައި ސަރުކާރުން އެދުނިއްޔާ އެދުނު ގޮތަކަށް ކަންކޮށްދޭން ވެސް ތައްޔާރަށެވެ. އެމީހުން އެއްވެސް މުވައްޒަފަކު ވަޒީފާއަކުން ނުކަނޑައެވެ. އެމުވައްޒަފުންނަށް ދަތި ނުވާ ވަރަށް މި ދަތި ދަނޑިވަޅުގައި ވެސް މުސާރަ ދޭނެކަމުގެ ޔަގީންކަން އެ މުވައްޒަފުންނަށް ވަނީ ދީފައެވެ. މި ނޫނަސް މި ބީދައިން އަމަލުތައް ބެހެއްޓި ރަންބިސްއަޅާ ކުކުޅުގެ ވިޔާފާރިކުރާ ދިވެހި ކުންފުނިތައް އެބަހުއްޓެވެ.

ދެން އޮތީ މިއާއި ގުޅޭ އެހެން ވާހަކައެކެވެ. އެކަމަކު މި ބުނާ ސިޔާސީ ”ކުދީން“ މި ވާހަކައެއް ނުދައްކައެވެ. ރާއްޖޭގައި ޤާސިމާއި ޗަމްޕާއާއި ކޮލިމޮހޮދޭ ނޫނަސް ރާއްޖޭގެ ރަށްތަކުގައި މި ވިޔަފާރި ކޮށްގެން ފައިދާ ހޯދާ މީހުން އެބަތިއްބެވެ. ބޭރުގެ އެތައް ހޮޓަލް ޗޭނުތަކެއްވެސް އަދި ބޭރުގެ އެކި ކުންފުނިތައް ވެސް މި ވިޔަފާރި ރާއްޖޭގައި އެބަ ކުރެއެވެ. އެއްކަލަ އެކިޔާ ރާއްޖޭގެ މަހުޖަނުންނާ މިދެންނެވި ބޭރުގެ މީހުންވެސް ހަމަ ކުރަނީ އެއް މަސައްކަތެކެވެ. އެކަމަކު ތަފާތަކީ މަހުޖަނުން ރާއްޖޭގެ އިޖުތިމާޢީ ތަރައްޤީއަށާއި ފަރުދުންގެ ތަރައްޤީއަށް ހޭދަ ކުރުމެވެ. އާންމުކޮށް އިޢުލާން ކޮށްގެންނާ އިޢުލާން ނުކޮށް ވެސް އެމީހުން ވަރަށް ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދެއެވެ. މިކަމުގައިވެސް އެކުދިންނަށް ބުނެލަން އޮތީ އެ ހިސާބުތަކާއި މައުލޫމާތުތައްވެސް ސަރުކާރުގެ ތެރެއިން މިހާރު ލިބެން ހުންނާނެ ވާހަކައެވެ. ކެރެންޏާ އެހިސާބު ނަގައިގެން އައިސް ތިޔަ ޕޯޑިއަމްގައި ނިކަން ގޮވާލަބަލާށެވެ.

އެކަމަކު އެއްކަލަ ބިދޭސީ ނުވަތަ ނަން މަޝްހޫރު ހޮޓަލް ޗޭނު ރާއްޖޭގެ ހަރުމުދާ ވިއްކައިގެން ނޫނީ ކުއްޔަށް ދީގެން މުއްސަނދި ވާތީ އެވާހަކައެއް އެކުދިން އެއްގޮތަކަށްވެސް ނުދައްކައެވެ. އެމީހުން މި ޤައުމުގެ ހަރުމުދާ ވިއްކައިގެން އެކުރާ ވިޔާފާރިން ލިބޭހާ ފައިދާއެއް ގެންދަނީ އެހެން ޤައުމަކަށެވެ. އެމީހުން އެ ފައިސާ ގެންގޮސް އަޅަނީ އެހެން ޤައުމުތަކުގެ ބޭންކް ތަކަށެވެ. އެމީހުން އަތުން މިޤައުމަށް ލިބޭހާ އެއްޗަކީ ވެސް ޓެކުހާ ކުއްޔާ ފީތަކެވެ. އެމީހުންވީމާ ރަށެއްގެ ފާޚާނާ ހޮޅިގަނޑެއް ނޫނިއްޔާ ރަށެއްގައި މިސްކިތެއް އަޅައި ނުދިނަސް، މިޤައުމުގެ ދަރިއަކަށް މަތީ ތަޢުލީމު ދޭން ޚަރަދެއް ނުކުރިއަސް، އަމުދުން އެއްކަމެއް ނުކޮށްދިނަސް ހަމަ އޯކޭ އެވެ. އެވާހަކަ ގޮވާކަށް ނުކެރެއެވެ.

ހީވާގޮތުން ނަމަ މިއުޅެނީ އެކުދިންނަށް ކޮންމެވެސް ވައްތަރެއްގެ ބައްޔެއް ޖެހިގެންނެވެ. އެމީހުންނަށް ނިދި ޖެހެނީވެސް ޤާސިމު އިބްރާހީމާއި ޗަމްޕާއާއި ކޮލިމޮހޮދޭ މުއްސަނދި ވެގެން މަހުޖަނުވެގެން ހިތް ހަމަ ނުޖެހި ރުޅިގަދަވެގެން ގޮސް އެތިވަރު ގޮވާލަ ގޮވާލަ ނުވަތަ ލިޔެލަ ލިޔެލާ އޮއްވައެވެ. ނިދޭއިރުވެސް މިއިން ކޮންމެސް ބޭފުޅެއްގެ ކޮންމެވެސް ކަހަލަ ”ކޮރު“ ފޮޓޯއެއް ހަދައިގެން ޓްވިޓަރއަށް ލާފައި ކޮންމެވެސް ހުތުރު އެތިވަރެއް ގޮވާފައި އެއްޗެއް ނުލިޔެއެއް ނުނިދެއެވެ.

އެމީހުން އެކިޔާ މަހުޖަނުންނަކީ އެކުދިންނަށް އެނގިގެންނާއި ނޭނގިއާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް މިޤައުމަށާއި މި ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް އެހީވަމުންދާ ބައެކެވެ. އެމީހުންގެ ޚަރަދުގައި ތަޢުލީމު އުނގެނި ތަމްރީން ވެގެން ނުކުމެ މިޤައުމަށް ޚިދުމަތްކުރާ އެތައް ޑޮކްޓަރުންނެއް، އެތައް ޓީޗަރުންނެއް، އެތައް އިންޖިނޭރުންނެއް އެބަތިއްބެވެ. އެމީހުންގެ ސަބަބުން ފުރާނަ ސަލާމަތްވެފައި ތިބި އެތައް ބަޔަކު އެބަތިއްބެވެ. އެތައް މިސްކިތެއް އިމާރާތްކޮށްދީ ރަށްރަށުގެ ތަރައްޤީއަށްވެސް އެމީހުން ވެދީފައިވާ އެހީތަކެއް މަދެއް ނުވާނެއެވެ.

ކޮންމެ ސަރުކާރެއް އޮތަސް އެސަރުކާރަކުން ބޭނުން ޖެހުނީމާ އެމީހުން ގާތަށް ދިޔައީމާ ޓީބިލާއި، ބޮންޑާއި ދެންހުރި އެއްޗެއް ބަހައްޓާފައިވެސް، ގަނެގެންވެސް ސަރުކާރަށް އެހީވެދެއެވެ. އަދި އެ ދަރަނި ބިލު ނުވަތަ ޓީ ބީލުގައި އޮންނަ ތާރީޚަށް އެލާރި ނުދެއްކުނިއްޔާ މުއްދަތު އިތުރުކޮށް ދަންމާލައެވެ. އެބޭފުކަށް ވާން އޮތް ގޮތަކަށް ވާންއޮތް ކަމެއްގައި އެހީތެރިވެދެއެވެ.

މިއަދު އެމީހުން ވިޔަފާރި ކުރަން ދިމާކުރި، މިސަރަހައްދުގެ ވިޔަސް އަދި ދުނިޔޭގެ އެހެން ކޮންމެ ޤައުމަކުން ވެސް އުފަލާއެކު އެމީހުންނަށް މަރުހަބާ ކިޔާނެއެވެ. އެމީހުންގެ ވިޔަފާރިތަކަށް މަރުހަބާ ކިޔައިގެން އަވަށްޓެރި ޤައުމުތަކުގައި މިހާރުވެސް އެމީހުން ވިޔަފާރި ކުރެއެވެ. ޝިޝެލްސްއާއި މޮރިޝަސްއާއި ސްރީލަންކާއިން ވެސް އެދަނީ އެމީހުންގެ އިންވެސްޓްމެންޓް ތަކަށް އުފަލުން މަރުހަބާ ކިޔަމުންނެވެ.

މިޤައުމުގައި ތަޖުރިބާކާރު ހަރުދަނާ ދިވެހި ވިޔަފާރިވެރިން ވެސް ތިބެން ޖެހެއެވެ. އެންމެންނަކަށް މަހުޖަނުން ނަކަށްވެސް ނުވެވޭނެއެވެ. އެންމެނަކު މުއްސަންޖެއްވެސް ނުވާނެއެވެ. އެކަމަކު ތިމާ މުއްސަނދި ނުވީމާ ނޫނީ ތިމާ ބޭނުން މީހަކަށް މުއްސަނދިކަން ނުލިބުނީމާ ޤައުމުގައި ތިބި ތަޖުރިބާކާރު ހަރު، ވިޔަފާރި ވެރިންނާ ލަދެއްނެތި ދިމާކޮށް އެމީހުންނާ މައްލަވަ ކުރުމަކީ ދެން މާކަ މޮޅުކަމެއް ނޫނެވެ. އެއީކީ ދެން މާ މޮޅު ސިޔާސީ މީހަކަށްވެސް ވާކަމެއް ނޫނެވެ.

ފޮތުގައި ލިޔެގެން މޮޅެތި ސިޔާސަތުތައް ކަނޑައަޅައިގެން މޮޅެތި ނަންނަން ކިޔައިގެން ހިސާބު ޖަހައިގެން ކުރަހައިގެން މެނިފެސްޓޯތައް ހަދައިގެން މޮޅެތި މީހުން ލިޔެފައި ހުންނަ ފޮތްފޮތުގައި އޮންނަ ގޮތަށް މޮޅު ވާހަކަދެއްކިޔަކަސް އަދި ކަންކަމެއް ނުވާނެއެވެ. ކަންކަން ވާނީ ޤައުމުގައި ތިބި ހުރިހާ ބާވަތެއްގެ ތަޖުރިބާކާރުންނަށް ފުރުސަތު ދީގެން އެމީހުންގެ ބަސްވެސް ގަބޫލުކޮށްގެންނެވެ. މިއަދު މިޤައުމުގައި ތިބި އެ މަހުޖަނުންނާ ދިމާކޮށް އެމީހުން ޤައުމުން ބޭރުކޮށް ނޫނީ އެމީހުން ފައްސާލައި ”ގިއްގަޅުވާލައިގެން“ ޤައުމު ހިންގިދާނެ ކަމަށް ގަބޫލު ކުރެވެންޏާ އެއީ ވަރަށް ބޮޑު މޮޔަ، ކޮސް ހީއެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!