މިނިސްޓަރ އިހްސާން އިސްކޮށް ހުންނަވައި ބިދޭސީންގެ ޕްރޮގްރާމް ފަށައިފި
ދެންމެ | 02 މެއި 2024

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯއާ އިނގިލީގެ ނިޝާން ނަގަން ފަށައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ކ. ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި، ”ކުރަނގި“ ނަމުގައި ފެށި ގައުމީ ކެމްޕެއިން ފައްޓަވައިދެއްވަމުން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ބިދޭސީންގެ ކަންކަން ބޮއްސުންލައިގެން ގޮސް، އިޖުތިމާއީ މައްސަލަތައް ގިނަވެފައިވާ ކަމަށެވެ.

އެހެންވެ، ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ބިދޭސީންގެ މައްސަލަ ހައްލުކުރަން ގައުމީ ބޮޑު މަސައްކަތެއް ފެށީ ކަމަށް އިހުސާން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން ވެސް މަސައްކަތް ފެށި ކަމަށެވެ. އެކަމަކު، އޭރު އިސްކަންދިނީ މާލޭގައި ދިރިއުޅޭ ބިދޭސީން ގަވައިދަށް ފެއްތުން ކަމަށް ވާތީ، ރަށްރަށުގައި މަސައްކަތް ކުރާ ބިދޭސީން އެކަމަށް ހާއްސަކޮށްގެން މާލެ އައުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އިމިގްރޭޝަނާއި ފުލުހާ ވެސް ގުޅިގެން ފެށި ކެމްޕެއިންގައި ބިދޭސީންނާ ހަމައަށް ދާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ޓާސްކު ފޯސްގެ ޓީމުތަކުންނެވެ. އެ ޓީމުތަކުން ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް ވެސް ދާނެ އެވެ. ރަށްރަށުގައި މި މަސައްކަތްކުރާނީ އެ ކައުންސިލްތަކުންނެވެ. އެހެންވެ، ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީން އަޕްޑޭޓްކުރުމަކީ މީގެ ފަހުން އެ ކައުންސިލެއްގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

”…ފުރަތަމަ އެއް އަހަރު މި ބަލަނީ ބިދޭސީން ކޮންތާކު، ކާކުތާ ހުރީ އަދި އޭނާގެ އައިޑެންޓިޓީ ގާއިމްކުރުން. ޖެހިގެން އަންނަ ދެ އަހަރު މަސައްކަތްކުރާނީ ކަށަވަރުނުވާ، ރަސްމީ ލިޔެކިޔުންތައް ނެތް، ސިސްޓަމް ތެރެއަށް ނުގެނެވޭނެ މީހުން ރާއްޖެއިން ބޭރު ކޮށްލަން. ޖުމްލަ ތިން އަހަރުގެ މަސައްކަތެއް މި ފަށަނީ. ފުރަތަމަ ފޭސް މިއީ އެއް އަހަރުގެ މަސައްކަތެއް.“ އިހުސާން ވިދާޅުވި އެވެ.

”އަޅުގަނޑަށް މި މަސައްކަތް ކުރެވޭ ގޮތުން 100 ޕަސެންޓް ޔަގީންކަން އެބައޮތް.“

މިނިސްޓަރު ވިދާޅުވީ ޓޫރިސްޓު ވިސާގައި ރާއްޖެ އައުމަށް ފަހު، ވަކި މުއްދަތެއް ފަހުން އަދި އެ މީހަކަށް ދީފައިވާ ހުއްދައާ ހިލާފަށް މަސައްކަތްކުރާ މީހުން އެބަތިބި ކަމަށެވެ. އެ ބިދޭސީންގެ އަތުގައި ވެސް ރަސްމީ ލިޔެކިޔުމެއް އޮވެފައި ބަޔަކާއެކު ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ ނަމަ، އެ ކުންފުންޏެއްގެ ދަށަށް ބިދޭސީން ރަޖިސްޓްރީކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ބިދޭސީ މީހާގެ އަތުގައި އޭނާގެ އެއްވެސް ލިޔެކިޔުމެއް ނެތް ނަމަ އެ މީހާގެ ފޮޓޯއާ ފިންގަޕްރިންޓު ނެގުމަށްފަހު، ރާއްޖޭގެ ސިސްޓަމްތަކުން އެ މީހެއްގެ މައުލޫމާތު ނަގާނެ އެވެ. އެ އުސޫލުން ވެސް އެ މައުލޫމާތު ނުލިބޭނަމަ، ބިދޭސީ މީހާ ފޯރުކޮށްދޭ މައުލޫމާތުތައް ނަގާނެ އެވެ. އެއަށްފަހު، އެ މީހާ ނިސްބަތްވާ ގައުމެއްގެ އެމްބަސީއަށް ފޮނުވައިގެން ކަށަވަރުކުރާނެ އެވެ. އެއިން އެއްވެސް މަރުހަލާއަކުން، ސައްހަ މައުލޫމާތު ނުލިބޭ ނަމަ ވަކި މުއްދަތެއް ފަހުން ޑީޕޯޓުކޮށްލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދައްކަންޖެހޭ ޖޫރިމަނާތައް މައާފުކޮށްގެން ވެސް މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްގެންދާށެވެ.

”އަޅުގަނޑުމެންނަށް އެނގޭ އެ މީހާގެ ނެތްކަން ޖޫރިމަނާ ދައްކާނެ ފެންވަރެއް. ހަމަ ޖޫރިމަނާ ނުދައްކާތީ މިއޮތް ހުރިހާ ދުވަހު ވެސް އަޅުގަނޑުމެން ތިބީ. މި މައްސަލައަށް ހައްލެއް ލިބޭނީ އަޅުގަނޑުމެން ވެސް ކޮންމެ ވެސް ވަރަކަށް ލުއިތަކެއް ދީގެން. މި މައްސަލައިގެ އަސްލަށް ވިސްނާފައި މި މައްސަލަ ހައްލުކުރެވޭނެ ގޮތްތައް ބަލަންޖެހޭ.“ އިހުސާން

”ޓާސްކްފޯހަށް ދީފައިވަނީ ގައިޑެންސްއަކީ މި މަސައްކަތް ކުރަމުންދާއިރު އެއްވެސް ގަވައިދަކުން، މަސައްކަތަށް ހުރަސްއެޅޭނަމަ އަޅުގަނޑުމެން އެ ގަވައިދެއް ބަދަލުކުރާނެ. ޓާގެޓަކީ މީހުން އައިޑެންޓިފައި ކޮށްފައި 100 ޕަސެންޓް އެކައުންޓްބެލިޓީ، ހާއްސަކޮށް ބަޔޯމެޓްރިކް ލެވެލްގައި 100 ޕަސެންޓް އެކައުންޓްބިލިޓީ ނެގުން. މި މަސައްކަތް ނިމޭއިރު، ކޮންމެ މީހެއްގެ ފޮޓޯ، އެ މީހާ ހުރި ފިޒިކަލީ ކޮން ލޮކޭޝަނެއްގަތޯ ޔަގީންވާނެ.“

މި ކެމްޕެއިންގައި ބޭނުންކުރާނީ، ބިދޭސީންގެ ރަޖިސްޓްރޭޝަނުގައި މިހާރު ވެސް ބޭނުންކުރާ ސިސްޓަމެކެވެ. އޭގެ ތެރެއިން، ވަކި ޕޯޓަލްއެއް ހަދާފައިވެ އެވެ.

އިހުސާން ވިދާޅުވީ ރާއްޖެ އައިސް ފުރައިގެން ގޮސްފައިވާ ބިދޭސީންގެ މައުލޫމާތުތައް އެ ސިސްޓަމްގައި ހުންނާނެ ކަމަށެވެ. ހުރިހާ ގައުމެއް ހިމަނައިގެން 200،000 މީހުންގެ ރިކޯޑު ހުރުމުން، ބިދޭސީން ފިންގަޕްރިންޓް ޖަހާއިރު އެ މީހާ ދެނެގަނެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

”ސީދާ ކާކުކަން ނޭނގުނަސް ސިސްޓަމުން ދައްކާނެ އެންމެ ގާތްކުރަނީ މި ތިބި 10 މީހުންނޭ. މި މީހުންގެ ތެރެއިން ޕްރޮބެބިލިޓީ އެންމެ ހައިއީ މިވެނި މީހެކޭ. ދެން އެ މީހާގެ ޕާސްޕޯޓު ޕުލްއައުޓުކޮށްފައި، ގްރައުންޑުގައި ހުރި މީހާއާ ޖައްސާލާއިރު އެއީ އެ މީހާ ކަމަށްވަންޏާ އެ ސައިން ކުރާނީ.“ އިހުސާން ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!