މައުމޫނު ކިބައިން ބަދަލު ނުހިފީ ގޯހެއް ނުހަދާތީއެއް ނޫން: ރައީސް ނަސީދު
ދެންމެ | 13 މެއި 2024
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ފަހަތްޕުޅުން ބަދަލުހިފަން ވަޑައިނުގެންނެވީ އެމަނިކުފާނު ގޯހެއް ހައްދަވާފައި ނުވާތީ ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މުސާރަ މިދިޔަ މަހު ނެންގެވުން ހުއްޓާލައްވައި ވޭތުވެދިޔަ ހަތަރު މަސްދުވަހު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ނަޝީދު ގެންދަވަނީ ސްރީލަންކާއަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ނޫހަކަށް ދެއްވި ބަސްތީގަތުމެއްގައި ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ގައުމު ދޫކޮށް ފިއްލެވުމުގައި މުހިންމު ރޯލެއް އަދާކުރެއްވިކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވައިފަ އެވެ.

”މައްސަލަ އެންމެ ހޫނު ގަދަވެގެންދާއިރު، ބަސް ބުނަން އަދި ކަންކަން ކުރަންވެސް އަހަރުމެން ބޭނުންވޭ. އެކަމަކު ބުއްދިވެރިކަމާއިއެކު ވިސްނަން ފެށުމުން ރަނގަޅު ގޮތްތަކެއް، މާނަހުރި ހައްލުތަކެއް ހުރިކަން ވިސްނޭ“ ސްރީލަންކާގެ މަގުތަކުގައި 2022 ވަނަ އަހަރު ކުރަމުންދިޔަ މުޒާހަރާތަކަށް އަލިއަޅުވާލައްވައި ނަޝީދު ވިދާޅުވި އެވެ.

ގޮޓަބަޔަ ހައްޔަރުކޮށް ހަވަރަށް ދޭން ލަންކާ ރައްޔިތުން ގޮވަމުންދިޔަ މައްސަލައިގައި ރައީސް ނަޝީދު ހަނދާނަށް ގެންނެވީ ރާއްޖޭގެ ތާރީހެވެ. އެގޮތުން ވިދާޅުވީ 2012 ވަނަ އަހަރު އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން މާލޭގެ މަގުމަތީގައި ”ދަމާގައި ގެންދެވި“ ކަމަށެވެ. އެހެންކަމުން ރުޅިގަދަވެފައިވާ ރައްޔިތުންނާއި ވެރިޔަކު ހަވާލު ކުރުމުން ކަންކަން ވެގެންދާނެ ހުތުރު ގޮތްތައް ތަޖުރިބާ ކުރެވިފައި ހުންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން 1930 ހުގެ އަހަރުތަކުގައި ދެ އަހަރު ދުވަސް ވަންދެން ރާއްޖޭގެ މުޅި ކެބިނެޓު ލަންކާގައި ދިރިއުޅުއްވިކަމަށް ވިދާޅުވި އެވެ. އެހެންކަމުން ރައީސް ނަޝީދާއިމެދު އެކަނި ލަންކާއިން ގާތްކަން ބަހައްޓާކަމަށް ނުދެންނެވޭނެ ކަމަށާއި ދެވަނަ ގެއެއް ބޭނުންވި ކޮންމެ ފަހަރަކު ލަންކާ ސަރުކާރުން އެކަން އިންތިޒާމު ކޮށްދެއްވިކަމަށް ނަޝީދު ވިދާޅުވި އެވެ.

”އަޅުގަނޑަށް ހިޔާވަހިކަން ދެއްވުމަށްފަހު ރައީސް މައުމޫނު އިންތިހާބުން ބަލިވެވަޑައިގެންނެވުމާއިއެކު އެމަނިކުފާނުގެ މުޅި ކެބިނެޓަށްވެސް ލަންކާއިން މަރުހަބާ ވިދާޅުވި. އަޅުގަނޑު އެދުނަސް އެދުވަހު ލަންކާ ސަރުކާރުން އެބޭފުޅުން އަޅުގަނޑާ ހަވާލެއް ނުކުރާނެ“ ލަންކާއާއިއެކު ރާއްޖެއިން އޮންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވި އެވެ.

1950 ގެ އަހަރުތަކަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވަނީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީ ހަވަރަށް ދީ ގަތުލު ކުރި ހާދިސާ ހަނދާނަށް ގެންނަވައިފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް ނާސިރު ވެރިކަމުން ދުރުވުމަށްފަހު ރާއްޖެ ވަޑައިނުގެންނެވޭގޮތަށް ފިއްތުންތައް ކުރިމަތިކުރުވިކަންވެސް ހަނދާނަށް ގެންނެވި އެވެ.

އެހެންނަމަވެސް ރައީސް މައުމޫނު މަގާމުން ވަކިވެވަޑައިގެންނެވުމާއިއެކު އެމަނިކުފާނުގެ ފަހަތްޕުޅުން ބަދަލު ހިފަން ވަޑައިގަންނަވަން ބޭނުންފުޅު ނުވީ ގޯސްކަމެއް ނުކުރައްވާތީ ނޫންކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދަށް ދެ ފަހަރެއްގެ މަތިން ރައީސް މައުމޫނު އެތައް އަނިޔާއެއް ދިން ކަމަށާއި ޖަލުތަކުގައި ސަތޭކަ އެތައް މީހުންނެއް މަރައިލިކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

”ބަދަލު ހިފުމުގެ އެޖެންޑާ ތިމާގެ ސިޔާސީ އެޖެންޑާއަކަށް ހަދައިފިނަމަ މުސްތަގުބަލެއް ނޯންނާނެ“ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުން ލަންކާގެ މަގުތަކުގައި ހުޅުޖަހައި އޭރުގެ ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ބޭފުޅުންގެ ގެދޮރަށް ގެއްލުންދެމުން ދިޔަ ދުވަސްވަރު އެގައުމުގައި ހުންނަވައި ގޮޓަބަޔަ އިސްތިއުފާ ދެއްވިނަމަ ލޭއޮހޮރުވުމެއް ހިނގީހެވެ. އަދި ރާއްޖޭގެ ތާރީހުން ފިލާވަޅު ލިބިގަނެ އެފަދަކަމެއް ތަކުރާރު ވިޔަ ނުދިނުމަށާއި ލަންކާއަށް އާ ރައީސަކު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮޓަބަޔަ އެހެން ގައުމަކަށް ވަޑައިގެން ހުންނަވައި އިސްތިއުފާ ދެއްވުމަކީ މުހިންމުކަމަށް ދެކެވަޑައިގަންނަވާތީ އެހީތެރިކަން ފޯރުކޮށްދެއްވީކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ގޮޓަބަޔަ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތަކުގެ ސަބަބުން ކޮވިޑް-19 ދުވަސްވަރު ސްރީލަންކާ ވަނީ ބަނގުރޫޓުވެފަ އެވެ. 2022 ވަނަ އަހަރުގެ ތެރޭގައި އެގައުމަށް 24 ގަޑިއިރު ކަރަންޓު ދެވޭނެ ގޮތެއްވެސް ނެތެވެ. އަދި ކާބޯތަކެތީގެ އަގުތައް މައްޗަށް ދިޔުމާއި ބައެއް ތަކެތި މާކެޓުން ލިބުންވެސް ދަތިވި އެވެ.

ގޮޓަބަޔަ ސަރުކާރުގެ ކެބިނެޓުގެ ހުރިހާ މެމްބަރުން އެއްފަހަރާ އިސްތިއުފާ ދެއްވީ މައްސަލަ ހޫނުވެ ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާތައް ފޯރި ގަދަވުމުންނެވެ. އެހެންނަމަވެސް ފުރާނައަށް ގެއްލުން ވެދާނެކަމުގެ ބިރަށް ގޮޓަބަޔަ އިސްތިއުފާ ދެއްވީ ގައުމުން ފިއްލަވައިގެން ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެން އެގައުމުގެ ހިމާޔަތުގައި ހުންނަވައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!