ބާވެފައިވާ ހުރަވީ ބިލްޑިންގް ތަޅާލަން ފަށައިފި
ދެންމެ | 05 ޖޫން 2022

ބާވެ، ބޭނުން ނުކުރެވޭ ވަރުވުމުން ހުރަވީ ބިލްޑިންގް ތަޅާލަން އެންމެ ފަހުން ފަށައިފި އެވެ.

މީގެ 35 އަހަރު ކުރިން އިމާރާތްކުރި ހުރަވީ ބިލްޑިންގުގައި މި ފަހަކާ ޖެހެންދެން ވެސް ސަރުކާރުގެ ބައެއް އޮފީސްތައް ހިންގި އެވެ. އެކަމަކު އެ އިމާރާތް ވަރަށް ބޮޑަށް ބާވެފައިވާތީ އެ ތަނުގައި މީގެ ކުރިން ހިންގި އޮފީސްތައް އެހެން ތަންތަނަށް ބަދަލުކުރުމަށް ފަހު އިމާރާތް ހުސްކުރީ އެވެ.

ހުރަވީ ބިލްޑިން ތަޅާލުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ފެށި ނަމަވެސް އެ ތަނުގައި ހަދާނެ ވަކި ތަނެއް އަދި ނުނިންމަ އެވެ.

އެ ތަން ތަޅާލުމުގެ ކުރިން ވަނީ ހުރަވީ ބިލްޑިންގުގައި ހުރި ތަކެތި މިދިޔަ މަހު ނީލަން ވެސް ކިޔައިފަ އެވެ. އޭގެ ތެރޭގައި ލަކުޑިފައްޗާއި ލަކުޑި ދޮރާއި ލަކުޑި ސިޑި އާއި ކަރަންޓު ނަރު ޖަންބޯ ފުންޏާއި ދަގަނޑު ޗެންޗޭނު ފަދަ ތަކެތި ހިމެނެ އެވެ.

ހުރަވީ ބިލްޑިންގްގައި ހިންގާ އޮފީސްތައް ހުސްކޮށް، އެ އިމާރާތް ތަޅާލަން 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެސް ނިންމި އެވެ. އޭރު ނިންމީ އެ ތަނުގައި ޕާކެއް ހަދާށެވެ. އެކަމަކު، ހުރަވީ ބިލްޑިންގްގައި ހިންގަމުން އައި އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތެއް ނެތުމުން އޭރު އެކަން ނުވީ އެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!