ސިޔާސީ މަންފާ ހޯދުމަށް ދީން ހަތިޔާރަކަށް ހަދާ: އިސްލާމިކް މިނިސްޓްރީ
ދެންމެ | 22 ޖޫން 2022

އިސްލާމް ދީނާއި ލޮބުވެތި ނަބިއްޔާގެ ދިފާއުގައި ކަމަށް ބުނެ ރާއްޖޭގެ ދާހިލީ ހަމަޖެހުން ނަގައިލެވޭ މޭރުމަކުން، ބައެއް ފަރާތްތަކުން ސިޔާސީ މަންފާއަށްޓަކައި ހިންގާ ހަރަކާތްތަކުގެ މަޅީގައި ނުޖެހުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ގޮވައިލައިފި އެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި އެ ކަމަށް ގޮވައިލީ، މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތައް ބަޔަކު މީހުން ވަދެ، ހަމަނުޖެހުން ހިންގައި މީސްމީހުންނަށް ހަމަލަދީފައިވާ މައްސަލައިގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި، ސިޔާސީ މަގުސަދެއްގައި ބައެއް ފަރާތްތަކުން ބޭނުންކޮށްގެން، ރައްޔިތުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފައްދާ ކަމަށެވެ. އެފަދަ ކަންކަމާމެދު ދީނީ އިލްމުވެރިންނާއި މުއައްސަސާތަކުން އިތުރަށް ސަމާލުވެ، މުޖުމަތައުގެ މަސްލަހަތު އިސްކޮށް، ރައްޔިތުންނާ ވީހާ ވެސް ގަތުން މަސައްކަތް ކުރުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

”ނަބިއްޔާގެ ދިފާއުގައި“ ނަމުގައި އިދިކޮޅު ކޯލިޝަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޖަލްސާއެއް ބާއްވައިފަ އެވެ.

ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުމަށް އިޝާރާތްކޮށް، މިނިސްޓްރީން ބުނީ، އެއީ މުންކަރާތް ނަހީކުރުމުގެ ނަމުގައި ހިންގައިފައިވާ ވަރަށް ނާތަހުޒީބު، ދަށުދަރަޖައިގެ އަމަލުތަކެއް ކަމަށެވެ.

”އިސްލާމްދީނަށް ނަސްރު ދިނުމުގެ ނަމުގައި ހަރުކަށިކަން އިސްކޮށް އަނިޔާވެރިިކަމަށް ގޮވައިލާ މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ އަމަލުތަކަކީ އިސްލާމްދީން ދަސްކޮށްދެއްވި ރިވެތި އުސޫލުތަކާއި މިންގަނޑުތަކުން ބޭރުން ހިންގާ އަމަލުތަކެއްކަން ކަށަވަރެވެ،“ ބަޔާނުގައި ވެ އެވެ.

ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ބޭއްވި ހަރަކާތައް ހުރަސްއެޅި މައްސަލައިގައި ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަތައް ހިފައިގެން ތިބި މީހުން ހިންގި ހަމަނުޖެހުމަށް ބައެއް އާލާތްތައް ގެންދިޔައީ އިދިކޮޅު ޕީޕީއެމްގެ އޮފީހުން ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެ ޕާޓީން އެ ކަން ދޮގުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!