ދުނިޔޭގައި ފުރަތަމަ ކަރަންޓުން އުދުހޭ ކަނޑު އުޅަނދު ސަޢޫދީއަށް
ދެންމެ | 22 އޯގަސްޓް 2024

ސަޢޫދީ އަރަބިއްޔާގެ އުތުރު ހިސާބުގައި ތަރައްގީކުރަމުންދާ ނިއޯމް ސިޓީގެ ކަނޑު ދަތުރުފަތުރުގެ ނިޒާމަށް ބޭނުންކުރުމަށް، ދުނިޔޭގައި އެންމެ ފުރަތަމަ ތައްޔާރުކުރެވުނު ކަނޑުމަތީގައި ދުއްވާ ކަރަންޓު އުދުހޭ އުޅަނދު، ކެންޑެލާ ޕީ-12 ގެ އުޅަނދުތަކެއް ގެންނަން ނިންމައިފިއެވެ. މި އުޅަނދުތައް ގަތުމަށް ސަޢޫދީ އަރަބިއްޔާއިން މިހާރުވަނީ އޯޑަރު ކޮށްފައެވެ. މިއީ ސްޓޮކްހޯމްގައި ހުންނަ ކެންޑެލާ ކުންފުންޏަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އޯޑަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފާއިތުވި އަހަރު ތަޢާރަފުކުރެވުނު ކެންޑެލާ ޕީ-12 އުޅަނދު، ސްޓޮކްހޯމްގެ އާންމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރަން ފަށާނީ 2024 ވަނަ އަހަރުގެ ފަހު ކޮޅުގައެވެ. މި އުޅަނދަކީ ކޮމްޕިއުޓަރުން ކޮންޓްރޯލްކުރާ ފެނުގެ އަޑީގައި ހަރުކުރެވިފައިވާ ފިޔަގަނޑުތަކެއްގެ އެހީގައި ރާޅުތަކުގެ މަތީގައި ދުއްވާ އުޅަނދެކެވެ. އަދި މިއީ އާންމު އުޅަނދުތަކާ އަޅާބަލާއިރު 80 އިންސައްތަ މަދުން ހަކަތަ ބޭނުންކުރާ އުޅަނދެކެވެ.

ގަޑިއަކު 25 ނޯޓިކަލް މޭލުގެ ސްޕީޑުގައި ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ދުއްވޭ މި އުޅަނދަކީ މިވަގުތު ދުނިޔޭގައި އެންމެ ބާރަށް އަދި އެންމެ ދުރަށް ދުއްވޭ ކަރަންޓު ހަކަތައިގެ އުޅަނދެވެ.

ކެންޑެލާގެ ސީއީއޯ އަދި ބާނީ ގުސްޓަވް ހެސެލްސްކޮގް ވިދާޅުވި ގޮތުގައި ޕީ-12 އުޅަނދު ފަރުމާކުރެވިފައިވަނީ ތިމާވެއްޓާ ރައްޓެހި، އާންމު އުޅަނދުތަކަށްވުރެ ފެންވަރު މަތީ ކަނޑުމަގީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށެވެ. އަދި މި އުޅަނދުތަކަކީ އާދައިގެ ބޯޓުފަހަރާ ޚިލާފަށް ކުދި އަދި ބާރުސްޕީޑްގައި ދަތުރުކުރެވޭ އުޅަނދުތަކަކަށްވާތީ، ގިނަ އަދަދަކަށް ދަތުރުތައް ކުރެވޭނެ އަދި މަންޒިލަށް އަވަހަށް ވާސިލުވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީ-12ގެ އުޅަނދެއްގެ އެތެރޭގެ ސީޓްތައް — ފޮޓޯ: ޚަލީޖްޓައިމްސް

މީގެ އިތުރުން ޕީ-12 އުޅަނދުގައި ވައި އަދި ރާޅުތަކުގެ ސަބަބުން އުޅަނދު ހެލިފެލިވި ނަމަވެސް އުޅަނދު ހަމަޖެހިފައި ބޭއްވުމަށް، ސިކުންތަކު 100 ފަހަރު އުޅަނދުގެ ފެނުގެ އަޑީގައިވާ ފިޔަގަނޑުތަކުގެ އެންގަލް ބަދަލުކޮށްދޭ ޑިޖިޓަލް ކޮންޓްރޯލް ނިޒާމެއް ވަނީ ހަރުކުރެވިފައެވެ. މިކަމުގެ ސަބަބުން ދަތުރުވެރިންނަށް އިތުރު ރައްކާތެރިކަމާއި ފަސޭހަކަން ލިބިގެންދާނެއެވެ.

މި އުޅަނދުތައް ނިއޯމް ސިޓީގެ ކަނޑުމަތީ ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރަން ފެށުމުން، އެ ސިޓީގައި ދިރިއުޅޭ މީހުންނަށް ކަނޑުމަގުން ކުރު ދަތުރުކޮށްލައިގެން އެމީހުންގެ އަސާސީ ބޭނުންތަކާއި ޚިދުމަތްތައް ފުއްދުމަށް ފަސޭހަވެގެންދާނެ ކަމަށް ކެންޑެލާގެ ސީއީއޯ ވިދާޅުވިއެވެ.

ފެނުގެ އަޑީގައި ހަރުކުރެވިފައިވާ ކެންޑެލާ ސީ-ޕޮޑް ކަރަންޓު އިންޖީނުތަކަކީ ވަރަށް އަޑުމަޑު އަދި ކަނޑުގެ ދިރުންތަކަށް ވަރަށް ކުޑަ އުނދަގުލެއް ކުރިމަތިކުރުވާ އިންޖީނުތަކެކެވެ. ކެންޑެލާގެ ގުސްޓަވް ހެސެލްސްކޮގް ވިދާޅުވި ގޮތުގައި މި އުޅަނދުތަކަކީ ދަތުރުވެރިންނާއި ތިމާވެށި ރައްކާތެރިކަމަށް ވިސްނައިގެން ފަރުމާކުރެވިފައިވާ އުޅަނދުތަކެކެވެ.

”ކުޑަ ވަގުތުކޮޅަކުން އަވަސް ގުޅުންތަކެއް ގާއިމުކޮށްދޭ، އަދި ރާޅު އުފެއްދުމާއި، ވައި ތަޣައްޔަރުކުރުމާއި، އަޑުގަދަކުރުމެއް ނެތި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ދަތުރުކުރެވޭ މި އުޅަނދުތަކުން ކަނޑުމަތީ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ,“ އޭނާ ވިދާޅުވިއެވެ.

ނިއޯމް ސިޓީގައި ބޭނުންކުރުމަށް ގަނެފައިވާ ފުރަތަމަ ބެޗްގެ 8 އުޅަނދު ފޯރުކޮށްދޭނީ 2025 ވަނަ އަހަރާއި 2026 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!