ގާނޫނީ ބޮޑެތި ބާރުތަކެއް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް ދީފި
ދެންމެ | 23 އޯގަސްޓް 2024

ކާބޯތަކެތީގެ ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން ބޮޑެތި ބާރުތަކާ އެކު ”މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ“ މިއަދު އަލުން އުފައްދަވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެމްއެފްޑީއޭ އަލުން އުފެއްދެވިކަން އަންގަވައި ރައީސް އޮފީހުން ނެރުނު އިއުލާނުގައި ބުނެފައިވަނީ މިއަދު އާ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު ކުރީގެ އެފްއެފްޑީއޭ އުވުނީ ކަމަށެވެ.

މީގެ ކުރިން އެމްއެފްޑީއޭ އުފައްދާފައި އޮތީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުންނެވެ.

މިއަދު އަމަލުކުރަން ފެށީ އާ ގާނޫނާ ބެހޭ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ އެމްއެފްޑީއޭ އިން މީގެ ކުރިން މަސައްކަތް ކުރަމުން ދިޔައީ ގާނޫނީ މާ ބޮޑު ބާރެއް އޮވެގެން ނޫން ކަމަށެވެ. ނަމަވެސް އާ ގާނޫނުގެ ދަށުން މޮނިޓާ ކުރުމާއި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެ އޮތޯރިޓީ އަސް ބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެފްޑީއޭއަށް ހޮޓާތަކާއި ރެސްޓޯރަންޓުތައް އިންސްޕެކްޓްކުރުމުގެ ބާރު ދީފައި އޮތަސް، ގޭގައި ހަދައިގެން ފިހާރަތަކުގައި ވިއްކާ ކާބޯތަކެތީގެ ސާފުތާހިރުކަން ބެލުމުގެ ބާރެއް ނުލިބެ އެވެ. އާ ގާނޫނުގެ ދަށުން ހަދައި ގަވައިދުތަކާ އެކު ގެތަކުން ވެސް އަމިއްލަ އަށް ހަދައިގެން ތަކެތި ވިއްކޭނީ ހާއްސަ ހުއްދައެއް ނަގައިގެން ލޭބަލް ކޮށްގެންނެވެ. އެ ނޫން ގޮތަކަށް ތަކެތި ވިއްކަން ހުންނަ ފިހާރަތަކަށް ފިޔަވަޅު އެޅުމުގެ ބާރު މި ގާނޫނުން ލިބެ އެވެ.

ހަލީލް ވިދާޅުވި ގޮތުގައި މިހާރު ވެސް ރަޖިސްޓްރީކޮށްގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުންނަނީ ރަނގަޅަށެވެ. މައްސަލަ ދިމާވަނީ ރަޖިސްޓްރީނުކޮށް ނުވަތަ ސިއްރުން އެކަން ކުރާ މީހުން ހިންގާ ތަންތަނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަލަށް އަމަލުކުރަން ފަށާ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމާ ހިލާފުވެއްޖެ ނަަމަ، ޖިނާއީ ދައުވާކުރުމާއި އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު އޮވެ އެވެ. މިހާރު އެ ކަންކަން ބަލަމުން އަންނަ އާންމު ސިއްހަތުގެ ގާނޫނުގައި އޮންނަނީ އެންމެ ބޮޑުވެގެން ވެސް 10،000ރ. ގެ ޖޫރިމަނާއެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!