ތަފާތު ޑިޒައިންތަކަށް ތަފާތު ގޮތްގޮތަށް ފޭރާންލައި ބުރުގާއަޅަމުން ގެންދާއިރު އިސްލާމީ ޙިޖާބަކީ ކޮބައިކަމާއި އަދި އިސްލާމީ ޙިޖާބެއްގައި ހުންނަންޖެހޭ ޝަރުޠުތަކަކީ ކޮބައިކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމުގެ ތަފްޞީލް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
އިސްލާމީ ޙިޖާބު ފުރިހަމަވާނީ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އަދި ހަމަ އެހެންމެ ޙިޖާބުގެ ޙަޤީޤީ މަޤްޞަދު ޙާޞިލްވާނީ މި ޝަރުޠުތައް ފުރިހަމަވުމުންނެވެ.
1- އޭނާގެ ހަށިގަނޑު އެއްކޮށް ނިވާވާ ހެދުމެކެވެ.
2- ހިލޭ ފިރިހެނުންނަށް ފެންނަހެން ޒީނަތްތެރި ކުރެވިފައިވައިވާ ހެދުމެއްނޫނެވެ. އަދި އެމީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ވިދާ ބަބުޅާގޮތަށް ޖަރީކުރެވިފައިވާ ހެދުމެއްވެސް ނޫނެވެ.
3- ހަށިގަނޑުގެ ވަނާތައް ފެންނަގޮތަށް ހުންނަ، ކަނދޮޅުދުލި ފަދަ ތުނި ހެދުމެއްނޫނެވެ.
4- ހަށިގަނޑުގެ ވަނާތަކުގެ ބައްޓަން ފާޅުވާގޮތަށް ހުންނަ ގަޔަށް ބާރު ހެދުމެއްވެސް ނޫނެވެ.
5- ފިރިހެނުން ލާ ހެދުމާއި ވައްތަރު ހެދުމެއްނޫނެވެ. އަދި ލާދީނީ އުޞޫލުތަކުގެ ހެދުމެއްވެސް ނޫނެވެ.
6- ދެއްކުންތެރިކަމާއި ބޮޑާކަން އެކުލެވިފައިވާ ހެދުމެއްވެސް ނޫނެވެ. މީހުންގެ ސަމާލުކަން ހޯދުމާއި މީހުންގެ ހިތްތައް އޭނާއަށް ލެންބުމަށާއި ވަސްވާސް އުފެއްދުމަށް ލާ ހެދުމެއްވެސް ނޫނެވެ. އެހެނީ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
”مَنْ لَبِسَ ثَوْبَ شُهْرَةٍ فِي الدُّنْيَا أَلْبَسَهُ اللهُ ثَوْبَ مَذِلَّةٍ يَوْمَ القِيَامَةِ“
މާނައި: ”ދުނިޔެމަތީގައި ދެއްކުންތެރިކަމުގެ ހެދުން އަޅައިފި މީހާ، ޤިޔާމަތް ދުވަހުން މާތް ﷲ ނިކަމެތިކަމުގެ ހެދުން އަޅުއްވާހުއްޓެވެ.“ (އަބޫދާއޫދްގެ ކިބައިން ރިޥާވެފައިވާ ޞައްޙަ ޙަދީޘެއް).