ގަވާއިދާއި ހިލާފަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން ދިޔަ ރަޖަނީ ޝްރެސްތާ (އާންމު ނަމުންނަމަ ރިޒް) އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު ރިޒް ސެލޫންގެ މައްޗަށް ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
ރިޒް ވިޔަފާރި ކުރަމުން ދިޔައީ އޭނާއަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާއި ހިލާފަށެވެ. އޭނާ އާއިއެކު އެ ސެލޫންގައި މަސައްކަތް ކުރަމުން ދިޔަ 4 ބިދޭސީންގެވެސް ސައްހަ ވިސާއެއް ނެތެވެ.
އިމިގްރޭޝަނުން ރިޒްއާއި އޭނާއާއެކު މަސައްކަތްކުރި 4 ބިދޭސީން ޑީޕޯޓު ކޮށްލީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
”ސެލޫން ބާއި ރިޒް“ ގެ ނަމުގައި ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން ދިޔަ ރިޒްއަކީ ސޯޝަލް މީޑިއާގައި ވަރަށް ފުޅާކޮށް އިޝްތިހާރުވެސް ކުރަމުން ދިޔަ މީހެކެވެ. އޭނާގެ ސެލޫން ހިދުމަތްތަކަށް ދިވެހިންގެ ގިނަ ބައެއްގެ ތަރުހީބު އޮތެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޒް އަކީ ސްރީލަންކާއަށް ނިސްބަތްވާ މީހެކެވެ. ރާއްޖެ އައުމުގެ ކުރިން އޭނާ ވަނީ ސްރީ ލަންކާގެ ރީތީގެ ރާނީ ޕެޖެންޓުގައި ވާދަކޮށްފަ އެވެ.