މޯލްޑިވްސް މީޑިޔާ ކައުންސިލުން ބުލޮކްކޮށްފައި ވަނިކޮށް ’ދެންމެ‘ ފޭސްބުކު ޕޭޖްގައި ޝާއިއު ކުރާ ކޮންޓެންޓްތައް ފޭސްބުކުން މަނިޓަރައިޒްކޮށްް ޑޮލަރުން ފައިސާ ދޭން ފަށައިފި އެވެ.
ދެންމެ މެނޭޖްމެންޓުން ބުނީ ފޭސްބުކުގެ ’އިންވިޓޭޝަން އޮންލީ‘ ޕްރޮގްރާމަށް ’ދެންމެ’ގެ ފޭސްބުކް ޕޭޖު ސަރުތުހަމަވެ, ފޭސްބުކުން ދެންމެ ޕޭޖްގައި ސާއިއު ކުރާ ކޮންޓެންޓަށް މިހާރު ޑޮލަރުން ފައިސާ ޖަމާކޮށްދޭން ފަށާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް މީޑިޔާގެ ޕޭޖެއް ފޭސްބުގެ މަނިޓައިޒޭޝަން ޕްރޮގްރާމް ސަރުތު ހަމަވެ ފައިސާ ލިބެން ފެށި ފުރަތަމަ ފޭސްބުކު ޕޭޖެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ކޮންޓެންޓް ކުރިއޭޓަރުންނާއި މީޑިޔާ އާއި ސޯސިއަލް މީޑިޔާގައި ނުފޫޒުގަދަ ފަރާތްތަކަށް ޔޫޓިއުބާއި އިންސްޓަރގްރާމާއި ފޭސްބުކާއި ޓިކްޓޮކް ފަދަ ސޯސިއަލް މީޑިޔާގެ ޕްލެޓް ފޯމްތަކުން ދަނީ ބޮޑެތި އަދަދުތަކުން ޕޭ ކުރަމުންނެވެ.
މޯލްޑިވްސް މީޑިޔާ ކައުންސިލުން ރާއްޖޭގެ ސަރަހައްދުން ދެންމެ ވެބްސައިޓަށް ނުވަދެވޭ ގޮތަށް ބުލޮކް ކޮށްފައި ވީނަމަވެސް ވީޕީއެން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ދިވެހިން ދަނީ ރާއްޖޭގެ ސަރަހައްދުން ވެސް ދެންމެ ވެބްސައިޓް ވެސް ބޭނުން ކުރަމުން ނެވެ.
މިއަދު ދެންމެ މެނޭޖްމެންޓުން ވަނީ ފޭސްބުކުގައި ވެސް ކިޔުންތެރިންނަށް ހިތުގެ ހާލިސްކަމާއި އެކު ޝުކުރު ދަންނަވާފަ އެވެ.