މަސް ގަންނަ އަގު 16 ރުފިޔާގައި މިފްކޯއިން ހިފަހައްޓައިފި
ދެންމެ | 02 ސެޕްޓެމްބަރ 2024

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ރަނގަޅު ވަންދެން މަސް ގަންނަ އަގު 16ރ. ގައި ހިފަހައްޓަން މިފްކޯއިން ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން މިވަގުތު މަސައްކަތްކުރަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ރަނގަޅުވަންދެން 16 ރުފިޔާއަށްވުރެ ދަށް ނުވާގޮތަށް މަސްގަންނަ އަގު ހިފެހެއްޓުމަށް ކަމަށާއި އޭގެ ފަހުން މަހުގެ އަގު މައްޗަށް ޖެހުމުން، މަސްވެރިންގެ އަތުން ރަނގަޅު އަގުގައި ކޮލެޓީ މަސް ގަތުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ބާޒާރުގެ އަގާއި އެއްގޮތަށް މިފްކޯއިން ކަނޑުމަސް ގަންނަ އަގު ބަދަލުކުރާގޮތަށް ނިންމި ދުވަހުން ފެށިގެން މަސް ގަންނަ އަގަށް ބަދަލު ގެނެސްފައިނުވާއިރު އެދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގަށް ހެޔޮ ބަދަލެއް އައިސްފައިނުވާ ކަމަށް އެކުންފުނިން ބުނެއެވެ.

މަސް ގަންނަ އަގު ބަދަލުކުރި ދުވަސްވަރަކީ މަސްވެރިކަން ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރެއް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. ދުނިޔޭގެ ބާޒާރުގެ އަގުތައް ބެލުމުގައި ގެންގުޅޭ މޮޑެލްތަކަށް ރިއާޔަތްކޮށް، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން މިފްކޯއިން ހިފަން ނިންމާފައިވާއިރު، އެ ކުންފުނިން ދަނީ ކަމާއިގުޅޭ ފަރާތްތަކާއިއެކު އެކަމުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.

މިއަހަރު މިފްކޯއަށް މަސް ކިރުވި އަދަދު، ވޭތިވެދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 42 އިންސައްތަ ވަނީ ދަށްވެފައެވެ. މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ވަރަށް ދަށްވެފައިވާއިރު، ފްރޯޒަން ކަނޑުމަހުގެ ޝިޕްމަންޓުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ ކުރިންވެސް އެވްރެޖުކޮށް 16ރުފިޔާގެ ރޭޓުން މިފްކޯއިން މަސް ގަންނަމުން ދިޔައިރުވެސް ސަރުކާރުން މަހެއްގެ މައްޗަށް 20 މިލިއަނާއި 25 މިލިއަނާއި ދެމެދުގެ އަދަދެއް ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދިޔައީ ދެމުންނެވެ.

މިއަހަރުގެ މި ހާލަތުގެ ސަބަބުން މަސްވެރީން މަހަށް ފުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މިފްކޯއިން އަންނަނީ މިވަގުތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. އޭގެ ތެރޭގައި ތެލާއި ކްރެޑިޓަށް އައިސް ފޯރުކޮށްދިނުމާއި، މަސްވެރީންނަށް ނުދެވި ހުރި ފައިސާ ދީ، ހަލާސްކުރުމާއި، މިހާރު ލިބޭ ބިލްތަކަށް އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދެވޭނެ ގޮތްތައް ހޯދުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!