ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓާ ދަންޖެހުނު އާދަމް އަތުހަރުގެ އޮޓޮޕްސީ ހެދުމާ އޭނާގެ އާއިލާއިން ދެކޮޅު ނަމަވެސް، އަތުހަރުގެ އޮޓޮޕްސީ ހެދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ދޫނިދޫ ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނިގެން އައިޖީއެމްއެޗަށް ގެންދިޔަ އަތުހަރު މަރުވީ އިއްޔެ 16:08ހާއިރުއެވެ. އޭނާ މަރުވީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ. އެހެންވެ، އެ މައްސަލަ ބަލައި، އަތުހަރު މަރުވި ސަބަބު ހޯދަން އޮޓޮޕްސީ ހަދަން ފުލުހުން ވަނީ ނިއްމާފައެވެ.
އެހެން ނަމަވެސް އަތުޚަރުގެ އާއިލާ އިން ބުނީ އޭނާ ދަންޖެހުނު ކަމުގެ އެއްވެސް ނިޝާނެއް ހަށިގަނޑުގައި ނެތް ކަމަށާއި ދަންޖެހުނު ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ބޭނުންވަނީ ވީހާވެސް އަވަހަށް އަތުހަރުގެ ހަށިގަނޑު ވަޅުލާން ކަމަށާއި އެހެންވެ، އޮޓޮޕްސީ ހަދަން ބޭނުންނުވާ ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ގައިދީއަކު މަރުވުމުން އަމަލު ކުރާނެ ސިޔާސަތުތަކަށް މިފަހުން ގެނައި ބަދަލުތަކާ އެއްގޮތަށް އެކޭސްގައި އަމަލު ކުރާނެ ކަމަށެވެ. އަތުހަރުގެ ހަށިގަނޑުވެސް ދޫކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށް އިހުސާން ވިދާޅުވިއެވެ.
ފުލުހުން ބުނީ ދޫނިދޫ ޖަލުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުނީ ރޭ 19:02 ގައި ކަމަށެވެ. ހަމަ އެ މިނެޓުގައި ޖަލު ގޮޅި ހުޅުވައި އަތުހަރު ތިރީގައި ބޭއްވި ކަމަށާއި ތިން މިނެޓު ފަހުން ސްޓްރެޗާއަށް ލައިގެން އޭނާ ގޮޅިން ނެރެ 19:06 ގައި ދޫނިދޫ ކްލިނިކަށް ގެންގޮސް ޑޮކްޓަރު އޭނާގެ ހާލަތު ބެލި ކަމަށް ބުނެއެވެ.
ފުލުހުން ވަނީއަތުޚަރު ޖަލުގައި ދަންޖެހުނު މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް މިރޭ ނޫސްވެރިންނަށް ދައްކާލާފައެެވެ. އެ ފުޓޭޖުން ފެންނަގޮތުގައި އަތުޚަރު ދަންޖެހިފައިވަނީ އެހާދިސާ ހިނގިރޭ 18:33 ހާއިރުއެވެ. ފުޓޭޖުން ފެންނަގޮތުގައި އަތުޚަރު ދަންޖެހުމަށްފަހު ގާތްގަނޑަކަށް 25 މިނެޓް ހަރާކާތެއް ނެތި އޮންނަ މަންޒަރު ފެނެއެވެެ. ފުލުހުންނަށް އަތުޚަރު ފެނިފައިވަނީ ދަންޖެހުނުތާ ގާތްގަނޑަކަށް 30 މިނެޓް ފަހުންނެެވެ.
އޭގެ އަށް މިނެޓު ފަހުން ފުލުހުން ވަނީ ލޯންޗުގައި އަތުހަރު މާލެ ގެންގޮސްފައެވެ. އެއަށް ފަހު 19:25 ގައި އައިޖީއެމްއެޗް އިމަޖެންސީގައި އަތުހަރަށް ފަރުވާދޭން ފެށި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.