އޮސްޓްރޭލިއާގެ ހައި ސްކޫލް ދަރިވަރުންގެ މެދުގައި ހެދުނު ވޭޕިން ބިހޭވިއަރ އާއި ބެހޭ ދިރާސާއަކުން ދައްކާ ގޮތުގައި، ޑިޕްރެޝަންގެ އަލާމާތްތައް ނުފެންނަ ކަމަށް ރިޕޯޓްކުރި ދަރިވަރުންނާ އަޅާބަލާއިރު ޑިޕްރެޝަންގެ ސީރިއަސް އަލާމާތްތައް ހުންނަ ކަމަށް ރިޕޯޓްކުރި ދަރިވަރުން، އީ-ސިނގިރޭޓް (ވޭޕް) ބޭނުންކުރާ މިންވަރު ދެ ގުނައަށް އިތުރެވެ.
މިދިރާސާގެ އަލީގެ ހޯދުނު ނަތީޖާއިން ދައްކާ ގޮތުގައި ނަފްސާނީ ދުޅަހެޔޮކަން ދަށް ކުދިންގެ ތެރޭގައި ޖުމްލަކޮށް އީ-ސިނގިރޭޓް ބޭނުންކުރުން ގިނައެވެ. އޭގެ ތެރޭގައި ޑިޕްރެޝަންގެ ސީރިއަސް އަލާމާތްތަކާއި މެދުމިނުގެ އަދި މަތީ ސްޓްރެސް ހުންނަ ފަރާތްތައް ހިމެނެއެވެ.
މި ހޯދުންތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުރީކޮޅު، މައްސަލަތައް ފުރަތަމަ ފެންނަ ވަގުތު، ވޭޕިންގ ޕްރިވެންޝަން އާއި އެކު ނަފްސާނީ ސިއްހަތަށް ފައިދާހުރި އެހީތެރިކަމެއް ވަރަށް ބޮޑަށް ބޭނުންވެއެވެ.
މި ދިރާސާވެރިން 2023 ވަނަ އަހަރު (މޭ – އޮކްޓޯބަރު) ނިއު ސައުތު ވޭލްސް، ކުއީންސްލޭންޑް އަދި ހުޅަނގު އޮސްޓްރޭލިއާގެ 40 ސްކޫލަކުން ޢުމުރުން 7 އަހަރާއި 8 އަހަރުގެ 5،000 އަށް ވުރެ ގިނަ ދަރިވަރުންނާ ސާވޭކޮށް، މިހާރު އެޤައުމުގައި ލިބެން ހުރި އެންމެ ބޮޑު އެއް ޑޭޓާސެޓް އުފެއްދިއެވެ.
މި ދިރާސާގައި ބައިވެރިވި 5،157 ދަރިވަރުންގެ ތެރެއިން %8.3 ދަރިވަރުން ރިޕޯޓްކޮށްފައިވަނީ މީގެ ކުރިން އީ-ސިނގިރޭޓް ބޭނުންކޮށްފައިވާ ކަމަށެވެ.
އަދި މެދުމިނުގެ ސްޓްރެސް ހުންނަ ރިޕޯޓްކުރި ދަރިވަރުންގެ ތެރެއިން %74 ދަރިވަރުން އީ-ސިނގިރޭޓް ބޭނުންކުރެއެވެ. ސްޓްރެސް ލެވެލް މަތީގައި ހުންނަ ދަރިވަރުންގެ ތެރެއިން %64 ދަރިވަރުން އީ-ސިނގިރޭޓް ބޭނުންކުރެއެވެ.
އަދި ދުޅަހެޔޮކަން ދަށް ކަމަށް ރިޕޯޓްކުރި ދަރިވަރުންގެ ތެރެއިން %105 ކުދިންގެ ކިބައިގައި އީ-ސިނގިރޭޓް ބޭނުންކުރުމުގެ އާދަ އަށަގެންފައިވާ ކަމަށެވެ. އަދި. އީ-ސިނގިރޭޓް ބޭނުންކުރުމަކީ ހާސްކަމުގެ އަލާމާތްތަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މި ޓްރައިއަލްގެ މަޤްޞަދަކީ އޮސްޓްރޭލިއާގެ ފުރާވަރުގެ ކުދިންގެ ތެރޭގައި ވޭޕިން ކުރާ މިންވަރު މަދުކުރުމަށް ބާރު އެޅުމެވެ.
”ފުރާވަރުގެ ކުދިންގެ ވެޕިން އާއި ނަފްސާނީ ސިއްހަތާ އޮންނަ ގުޅުމާ ބެހޭ މައުލޫމާތު މަދު، ހާއްސަކޮށް އޮސްޓްރޭލިއާގެ ތަފާތު ކޮންޓެކްސްޓްގައި. ޒުވާނުންގެ ތެރޭގައި ވޭޕިން އާއި ނަފްސާނީ ބަލިތައް ވެސް އިތުރުވަމުންދާތަން ފެނުމުން މިކަން ހައްލުކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކުނިން.“ ޑރ. ލޯރެން ގާޑްނަރ، ޔުނިވާސިޓީ އޮފް ސިޑްނީގެ މަޓިލްޑާ ސެންޓަރ ވިދާޅުވެފައިވެއެވެ.
”ޒުވާނުންގެ ނަފްސާނީ ސިއްހަތާއި ވޭޕިންއާ ދެމެދު އޮންނަ ގުޅުން ދެނެގަތުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހޭ. ނަމަވެސް މި ހޯދުންތަކުން ހާމަވަނީ ޕްރިވެންޝަން އަދި އަވަސް އިންޓަރވެންޝަން އެޕްރޯޗްތަކުގެ ބޭނުންތެރިކަން.“ ޑރ. ލޯރެން ވިދާޅުވެއެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމުގައި ދުންފަތް ބޭނުންކުރުމުގެ ބަދަލުގައި ދުނިޔޭގައި މިއަދު ޢާންމުވެފައިވަނީ ވޭޕްކުރުމެވެ. ރާއްޖޭގައިވެސް ޚާއްސަކޮށް ޒުވާނުން ވޭޕްކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ވޭޕިން ޑިވައިސްތަކަކީ ނިކޮޓިންއާއި، ފްލޭވަރިން މާއްދާތަކާޢި އެހެނިހެން ކޮޕްމައުންޑްތައް ހޫނުކޮށްގެން ދުންފަތުގެ އިސްތިޢުމާލު ކުރާއިރު އަރާ ދުމުގެ ޒާތަކަށް ހުންނަ ދަމާލެވޭ ‘އެއަރަސަލް’ އެއް އުފައްދާ އާލާތެކެވެ. ސިނގިރޭޓު ބުއިމުގެ ބަދަލުގައި ޒުވާނުން މިހާރަކަށް އައިސް ކުރަނީ ވޭޕެވެ.
ސިނގިރޭޓާއި ވޭޕުގެ ތަފާތަކީ ދެބާވަތުގައި ބޭނުންކުރާ މާއްދާތަކެވެ. ސިނގިރޭޓުގައި ބޭނުންކުރާ ދުންފަތާއި ”ޓާރ“ އަދި ކެންސަރު ޖައްސާ މާއްދާތައް ވޭޕުގައި ނުހުރެއެވެ. ވޭޕުގައި ހުންނަނީ އިންސާނުންނަށް ވިހަ މާއްދާތަކެއް ކަމަށްވާ ‘އަލްޑަހައިޑްސް، ‘ހެވީ މެޓަލްސަ’ އަދި ‘ސިލިކޭޓްސް’ އެވެ. މިމާއްދާތަކުންވެސް މައިގަނޑު ގޮތެއްގައި ނުރައްކާވަނީ ފުއްޕާމެއަށެވެ. ވޭޕުގައި ދުންފަތް ނުހުންނާތީ ދުންފަތުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވިޔަސް ސިނގިރޭޓަށްވުރެ ‘ނިކޮޓިން’ ބޭނުންކުރެވޭ މިންވަރު ވޭޕުގައި އިތުރުކޮށްދޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނިކޮޓިން އަކީ އޭގެ ޒާތުގައި އެއަށް ދެވިހިފާ ސްޓިމިއުލަންޓެކެވެ. ދިގު މުއްދަތަކަށް ނިކޮޓިން ބޭނުންކުރުމުން ލޭގެ ޕްރަޝަރު މަތިވުމާއި ހާޓް އެޓޭކް ޖެހުމުގެ ރިސްކު ބޮޑުވެއެވެ.
ވޭޕްކުރުމަކީ ސިނގިރޭޓް ބުއިމަށް ނުވާތީ ބައެއް ބެލެނިވެރީން މިކަމަށް ސަމާލުކަމެއް ނުދޭ ކަން ފާހަގަކުރެވެއެވެ. ސްކޫލްތަކުގައި އުޅޭ ކުދިންވެސް މި އާދައަށް ހުށަހެޅެމުންދާ ކަން ފާހަގަކުރެވެއެވެ. ޅައުމުރުގައި ވޭޕްކުރާ ކަމަށްވާނަމަ ފަހުން ދުންފަތުގެ އިސްތިޢުމާލު ކުރަން ފަށަން މަގުފަހިކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. ވޭޕުކުރަމުން ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންވެސް ވަކި މަދެއް ނޫނެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި މުޅި މުޖުތަމަޢު މިކަމުން ސަލާމަތްކުރުމަށް މުހިއްމު ފިޔަވަޅުތައް އަޅާންޖެހެއެވެ.