ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި މާތްﷲ މި މަތިވެރި އިސްލާމްދީން ފުރިހަމަކޮށްދެއްވުންވާ ކަމަށާއި މި ދީން ފުރިހަމަވުމުގެ ސަބަބުން މި ދީނުގެ އަހުލުވެރީންނަށް ފުރިހަމަކަން ލިބޭ ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ލޮބުވެތި ރަސޫލާ މި ދުނިޔެ ދޫކުރެއްވީ އެންމެހާ މުސްލިމުންނަށް މި ދީން ފޯރުކޮށްދެއްވައި, ސާފު އަމާން މަގެއްގެ މައްޗަށް އެބައިމީހުން ނެރުއްވާފައި ކަމަށެވެ.
”ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި މާތްﷲ މި މަތިވެރި އިސްލާމްދީން ފުރިހަމަކޮށްދެއްވުން ވެއެވެ. މި ދީން ފުރިހަމަވުމުގެ ސަބަބުން މި ދީނުގެ އަހުލުވެރީންނަށް ފުރިހަމަކަން ލިބެއެވެ. އެމީހުން ކުރާ އަމަލުތަކަށް ފުރިހަމައަށް ސަވާބު ލިބެއެވެ. އެމީހުންގެ ހަޔާތް އަމާންކަމާއި ރައްކާތެރިކަން ލިބިފައިވާ ހެޔޮލަފާ ހަޔާތަކަށް ވެދެއެވެ. އެމީހުންގެ ސުލޫކާއި އަހުލާގު ރިވެތި ސުލޫކު ކަމުގައި ވެދެއެވެ. އިސްލާމްދީން ފުރިހަމަވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި, އެ މަގަށް ތަބާވެގެން ތިބުމުގެ ނަސީބު ލިބެއެވެ..،“ ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ﷲ ތައާލާގެ ހަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތަކެއް ކަމަށާއި އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސް ކަމަށެވެ. އަދި ހައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
”މި ދުވަސްތަކުގައި ކުރެވެން އޮތް ސާލިހު އަމަލުތަކުގެ ތެރޭގައި ރޯދަ ހިފުން ހިމެނެއެވެ. މުސްލިމުންނަކީ އެމީހުންގެ އަމަލުތަކާއި ވަގުތުތަކުގައި ﷲ ގެ ބަރަކާތާއި ފުއްސެވުމާއި ރުއްސެވުމުގެ ތެރޭގައި އުޅޭ ބައެކެވެ. ކުރާ އަމަލުތަކުގެ ތެރޭގައި އެންމެ ބަރަކާތް އިތުރު އަމަލަކީ ﷲ އަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރާ އަމަލުތަކާއި ހޭދަކުރާ ވަގުތުތަކެވެ..،“ ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ މި ދުވަސްތަކުގެ މާތްކަމުގެ ތެރޭގައި ﷲ ގެ ނިއުމަތް މުސްލިމުންގެ މައްޗަށް ފުރިހަމަކޮށްދެއްވުންވާ ކަމަށާއި މިކަމާ ވިދިގެން މީސްތަކުން މި ދީނަށް ބައިބަޔަށް ވަންނަން ފެށި ކަމަށެވެ. އަދި ﷲ ގެ ނިއުމަތްތައް ފުރިހަމަކުރެއްވުމުގެ ތެރޭގައި އިސްލާމްދީން އެހެން ދީންތަކުގެ މައްޗަށް ފާޅުކުރެއްވުން ހިމެނޭ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.