ހެދުނު ކަސްރަތުކޮށް، ދާ އޮހޮރުވާލުމުން މޫޑު ރަނގަޅު ވޭ!
ދެންމެ | 05 ސެޕްޓެމްބަރ 2024

ކޮންމެ ދުވަހަކުވެސް ހެނދުނު ހޭލުމަށްފަހު ދުވަސް ފަށައިގަތުމުގެ ގޮތުން ކަސްރަތު ކުރުމަކީ ވަރަށް ގިނަ މީހުން ކޮށް އުޅޭ ކަމެކެވެ. ގިނަ މީހުން ކަސްރަތު ކުރަނީ ހަށިގަނޑުގެ ބައްޓަން ރީތިކޮށް، ބަރުދަން ލުއި ކުރުމަށްޓަކައެވެ. ނަމަވެސް ހެނދުނު ކަސްރަތު ކުރާނަމަ ބަރުދަން ލުއި ވުމުގެ އިތުރުންވެސް އެތައް ފައިދާތަކެއް މީހާގެ ހަށިގަނޑަށް ލިބެއެވެ.

ހެނދުނު ހޭލުމަށްފަހު ކަސްރަތު ކުރުމުން މީހާގެ ގައިގައި ހުންނަ ހަކަތަ އިތުރުވެއެވެ. އޭގެ ސަބަބުން މުޅި ދުވަހު ވަރުބަލިކަން އިހުސާސް ކުރެވޭ ވަރު މަދުވެއެވެ. އަދި ކަސްރަތު ކުރާއިރު ސިކުނޑިން އެންޑޯފިން ބޭރު ކުރާ ވަރު ގިނަ ވުމުގެ ސަބަބުން މީހާ ފިކުރުތަކާ ދުރުވެއެވެ. އޭގެ ސަބަބުން ރަނގަޅު ގޮތެއްގައި ދުވަސް ފެށި، މުޅި ދުވަހު މީހާގެ މޫޑުވެސް ރަނގަޅު ވެއެވެ.

މީގެ އިތުރުން ހެނދުނު ކަސްރަތު ކުރާނަމަ މީހާގެ ފޯކަސް ރަނގަޅުވެ ކަންކަމަށް ސަމާލުކަން ދެވޭ ވަރު އިތުރުވެއެވެ. އަދި އޭގެ ސަބަބުން ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމާ ކުރިމަތިލާން ފަސޭހަވެއެވެ. އަދި ވަޒީފާގެ މާހައުލުގައި ވިޔަސް، ނުވަތަ ސްކޫލުގައި ވިޔަސް ދިމާވާ މައްސަލަތައް ފަސޭހަކަމާއެކު ހައްލު ކުރެވެއެވެ. އަދި އޭގެ ސަބަބުން ދުވަހުގެ މަސައްކަތްތައް ފަސޭހަކަމާއެކު ނިންމެއެވެ.

ދުވަސް ފަށައިގަތުމަށްޓަކައި ކަސްރަތު ކުރާނަމަ މިނޫންވެސް އެތައް ފައިދާތަކެއް ހަށިގަނޑަށް ލިބެއެވެ. އެގޮތުން ބަލާއިރު މީހާ ހިތުގެ ބަލިތަކުން ރައްކާތެރިވުމާއި، ހަށިގަނޑުގެ ގުނަވަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރުމުގެ ސަބަބުން މެޓަބޮލިޒަމް ރަނގަޅުވުން ހިމެނެއެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންނަމަ ހެނދުނު ހޭލާފަ ކިތައްމެ ކުޑަ ވަގުތު ކޮޮޅަކަށް ނަމަވެސް ކަސްރަތު ކުރުމަށް އާދަ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!