ސާހިދަކީ ހަގީގީ އެމްޑީޕީ މީހެއް ކަމަށް އޭނާ ބުނެފި
ދެންމެ | 25 އޯގަސްޓް 2026

އޭނާއަކީ އަސްލު އެމްޑީޕީގެ ބޭފުޅެއް ކަމަށާއި ޑީއާރުޕީ އިން ވަކިވެވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ބައިވެރިވާން އެ ޕާޓީ އިން ނިންމުމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އޭނާ އެމްޑީޕީ އަށް ސޮއިކުރެއްވިއިރު އެ ޕާޓީ އޮތީ އިދިކޮޅުގައި ނުވަތަ މަގުމަތީގައި ކަމަށެވެ. ޝާހިދު އޭރު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ކަމަށް ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، އޭރު ހުންނެވި ޑީއާރުޕީގެ ކައުންސިލް އިން ނިންމީ ރައީސް ވަހީދުގެ ސަރުކާރުގައި ބައިވެރިވާން ކަމަށެވެ.

ނަމަވެސް އެ ސަރުކާރަކީ ޑީއާރުޕީ އިން ބަލައިގަންނަ، އަދި އެ ޕާޓީ އަށް އިތުބާރު ކުރެވޭ ސަރުކާރެއް ނޫން ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކައުންސިލަށް ހުށަހެޅުއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ހުށަހެޅުއްވުމަށް ކައުންސިލުގައި ލިބުނީ އެންމެ ފަސް ވޯޓު ކަމަށާއި ކައުންސިލްގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމީ ވަހީދުގެ ސަރުކާާރުގައި ބައިވެރިވާާން ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޑރ. ވަހީދު ވެރިކަމުގެ ހުވާކުރެއްވީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓާލުމަށް ފަހު އެވެ.

އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އޭރު އަޅުގަނޑު ހުންނެވި ޕާާޓީގެ ކައުންސިލް އިން ނިންމީ ރައީސް ވަހީދުގެ ސަރުކާރާ ގުޅެން. އަޅުގަނޑު އެ ކައުންސިލަށް ހުށަހެޅިން އަޅުގަނޑަށް ފެންނަ ކަމެއް ނޫނޭ، އެ ސަރުކާރާ ގުޅުމަކީ. އެ ސަރުކާރަކީ އަޅުގަނޑުމެން އިތުބާާރުކޮށް، ބައިވެރިވާން ޖެހޭ ސަރުކާރެއް ނޫން ކަމަށް. އަޅުގަނޑުގެ ހުށަހެޅުމަށް ލިބުނީ ފަސް ވޯޓު. ކައުންސިލްގެ ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ނިންމީ ޑރ. ވަހީދުގެ ސަރުކާާރާ ގުޅެން. އަޅުގަނޑު ނިންމީ އަޅުގަނޑުގެ ތާއީދު ނެތްކަމާ އެކު، އަޅުގަނޑު ޤަބޫލު ނުކުރާ ހަމަތަކުގެ މަތިން ޑރ. ވަހީދުގެ ސަރުކާރާ ބައިވެރިނުވާން. އަޅުގަނޑު ޕާޓީ އިން ވަކިވެ، އަޅުގަނޑު އެމްޑީޕީއާ ގުޅި، އަޅުގަނޑު ނުކުތީ މަގުމައްޗަށް
އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް ފަހު، އެމްޑީޕީގެ ހިތްވަރުގަދަ މެންބަރުންނާ އެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ މެންބަރުން ކުރި އިހުތިޖާޖުގައި ބައިވެރިވެވަޑައިގެން، ޖަލަށް ވަޑައިގެންނެވި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި އޭރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަސައްކަތް ކުރެއްވުމުން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވާހެން، އެމްޑީޕީގެ މެންބަރުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލިއިރު، އޭގެ ތެރޭގައި ޝާހިދު ހިމެނިވަޑައިގަންނަވާ ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ އޭނާ އެމްޑީޕީ އަށް ގުޅިވަޑައިގެންނެވީ އެމްޑީޕީ އަކީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއަށް ގެންދިޔުމުގައި އޮތް ހަމައެކަނި މަގު ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!