ރައީސްގެ އެންގުން ފުލުހުން ފުރިހަމައަށް ތަންފީޒު ކުރާނެ: މިނިސްޓަރ އިހްސާން
ދެންމެ | 07 ސެޕްޓެމްބަރ 2024

ރައީސުލްޖުމްހޫރިއްޔާގެ އެންގެވުންތައް ފުލުހުން ފުރިހަމަޔަށް ތަންފީޒުކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިޙްސާން މިހެން ވިދާޅުވެފައިވާއިރު އިއްޔެރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަޒީފާ އަދާކުރަމުން އައި ޕްރިޒަން ލާންސް ކޯޕްރަލް ހަސަން ސަމާހު ވަނީ ނިޔާވެފައެވެ.

ސަމާހު ނިޔާވުމާ ގުޅިގެން މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 8 ފިޔަވަޅެއް އެޅުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ދަޢުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގަވާފައެވެ.

އެގޮތުން ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ރައީސް އަންގަވާފައިވެއެވެ.

ހަމައެއާއެކު މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމަށްވެސް ރައީސް އެންގެވިއެވެ.

އެކަމާގުޅިގެން ވަޒީރު އިޙްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުންތައް ފުލުހުން ފުރިހަމަޔަށް ތަންފީޒުކުރަށްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެންގެވުންތައް ފުލުހުން ފުރިހަމަޔަށް ތަންފީޒުކުރާނެ ކަމަށް އިޙްސާން ވިދާޅުވެފައިވާއިރު މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް މަގުމަތީ އެކްސިޑެންޓްގެ 1907 މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން މާލޭގައި 1،166 އެކްސިޑެންޓް ރިޕޯޓްކޮށްފައިވާއިރު، ހުޅުމާލޭގައި 413 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެ އެވެ. އަދި ވިލިމާލޭގައި 5 އެކްސިޑެންޓް މިއަހަރު އޮގަސްޓްމަހުގެ ނިޔަލަށް ރިޕޯޓްކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!