މެދުކެނޑުމެއް ނެތި 40 ރޭ ފަތިސް ނަމާދުގެ ޖަމާއަތަށް އައި 38 ދަރިވަރުންނަށް ބައިސްކަލް ހަވާލުކޮށްފިއެވެ. މިއީ އިހަވަންދޫ މަސްޖިދުއް ތަޢާވުނު މިސްކިތުގެ އިމާމު ހުސައިން ރަޝީދު، ފަތިސް ނަމާދަށް ދަރިވަރުން ދިއުމަށް ބާރު އެޅުމުގެ ގޮތުން ފެށި ޚާއްޞަ ޕްރޮގްރާމެކެވެ.
ދަރިވަރު ނޫހަށް ހުސައިން މިއަދު ވިދާޅުވީ، އެ ޕްރޮގްރާމުގައި 64 ދަރިވަރުން ބައިވެރިވި ކަމަށާއި ޖެހިޖެހިގެން 40 ރޭ ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން އިނާމުގެ ގޮތުގައި ބައިސްކަލް ލިބުނީ 38 ދަރިވަރުންނަށް ކަމަށެވެ.
“ އެންމެ ރެއަކު ނުދެވުނަސް ބައިސްކަލް ލިބޭ ގޮތަކަށް ނޫން މި ޕްރޮގްރާމް ރާވާފައި އޮތީ. އެހެންވެ ބައެއް ކުދިންނަށް އެ އިނާމް ނުލިބި ދިޔައީ“ ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ ޖަމާއަތުގައި ފަތިސް ނަމާދަށް އައުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށާއި ޤުރުއާން ކިޔެވުމާއި ހިތުން ދަސްކުރުމުގެ ހަރަކާތެއްވެސް އޭގެ ތެރޭގައި ކުރިއަށް ގެންދިޔަ ކަމަށެވެ.
އިމާމެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާތާ 23 އަހަރުވެފައިވާ ހުސައިން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ދީނީ ކަންތައްތަކަށް ދަރިވަރުން ލޯބި ޖެއްސުމަށް ޕްރޮގްރާމްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ.
ބަންގި ގޮވައި ޖަމާއަތުގައި ނަމާދު ކުރުމަށް ދަރިވަރުންނަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ހުސައިން ވިދާޅުވިއެވެ.