ހަނދާނަށް އަންނަނީ ރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އިބާރާތް ކޮޅެކެވެ.
އެދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ”އަޅުގަނޑުމެންގެ އިޤްތިޞާދީ ސިޔާދަތު މިއަދާ ހަމަޔަށް އައިއިރުގައި، ކިހާވަރަކަށްތޯ ޔަޤީން ކުރެވިފައި މިވަނީ. ކޮން ހާލެއްގައިތޯ؟ އަޅުގަނޑުމެން މި ސަރުކާރު ހަވާލުވިއިރުގައި، ޤައުމުގެ އިޤްތިޞާދު އޮތީ، އަޅުގަނޑުމެންނަށް ކޮން ކަމެއްތޯ މި ކުރެވުނީ، ކުރަމުން މިދަނީ، ކުރަން ރާވާފައިވަނީ، އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރުމަށްޓަކައި..“ މިހެންނެވެ.
ސަރުކާރުން މިމަހު އެނިންމެވީ މުހިންމު އިގްތިސާދީ ނިންމެވުމެކެވެ. ތާރީހީ އަދި އެހާމެ މި ދަނޑިވަޅަށް ރާއްޖެއަށް ބޭނުންތެރިވެސް ނިންމުމެކެވެ.
ޗައިނާ އާއި ރާއްޖެއާއި ދެމެދު ގާއިމުކުރެވުނު ކަރަންސީ ސެޓްލްމެންޓް އެއްބަސްވުން ނުވަތަ ދިވެހި ސަރުކާރާއި ޕީޕަލްސް ބޭންކް އޮފް ޗައިނާ، ޕީބީއޯސީއާއި ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމުގެ ފަހުމުނާމާގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ލުއިތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.
ދިވެހި ފައިސާއިން މުދާ އެތެރެ ކުރޭވެ ގޮތްވުމީ އެމެރިކާ ޑޮލަރަށް ޒަމާނުންސުރެ ބަރޯސާވެފައިއޮތް މިންވަރު ކުޑަވެ ރާއްޖޭގެ ރިޒާވްގައި ބޭރުފައިސާ އިތުރުކުރުމަށް އެޅިގެންދާ މުހިންމު ތާރީހީ ފިޔަވަޅަކަށް ވެގެންދާނެއެވެ. އަދި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވާ ގޮތުންނަމަ މިއީ ޑޮލަރަށް ބަރޯސާވުން ކުޑަވުމުގެ އިތުރުން ދިވެހި ފައިސާގެ އަގު އުފުލިގެންދާނެ ކަމެކެވެ.
ސަރުކާރުން މި އެޅުއްވި މުހިންމު ފިޔަވަޅުގެ ސަބަބުން ވިޔަފާރިވެރިންނަށްވެސް ލުއިތަކެއް ލިބިގެންދާނެއެވެ. އަދި ޗައިނާއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެކުރާ ގައުމަކަށް ވާއިރު ޑޮލަރުން ކުރަމުން އައި ވިޔަފާރީގެ މުއާމަލާތްތަކަށް ދިވެހި ފައިސާއިން ކުރެވެން ފެށުމުން ވިޔަފާރިވެރިންނަށް ވިޔަފާރީގައި ފަހި މާހައުލެއް ލިބި މަސައްކަތަށްވެސް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ރާއްޖެއާއި ޗައިނާއާއި ދެމެދު ދެޤައުމުގެ ފައިސާއިން މުޢާމަލާތްކުރަން ފެށުމުން ފަތުރުވެރިކަމުން ރާއްޖެއަށް ކުރާ މަންފާވެސް ބޮޑުވާނެއެވެ. މިގޮތުން ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ފަތުރުވެރިކުގެ ދާއިރާގެ ބޭފުޅުން ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މިއަހަރުގެ ޖެނުއަރީމަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ވިޔަފާރީގެ ދާއިރާގެ މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. މީގެތެރޭގައި ހިމެނެނީ ބްލޫ އިކޮނޮމީ ކޯޕަރޭޝަން އެއްބަސްވުމާއި، ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމުގެ އިތުރަށް ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަނާއި ގުޅޭ އެއްބަސްވުމެކެވެ.